ބައިވެރިޔާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ސިއްރުކޮށްހުރެ ކައިވެނިކޮށްފިނަމަ ދާދި އަވަހަށް ކައިވެނި ރޫޅޭނެ! އެއީ ހެދޭ އެންމެ ބޮޑު އެއް ގޯސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބައިވެރިޔާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ސިއްރުކޮށްހުރެ ކައިވެނިކޮށްފިނަމަ ދާދި އަވަހަށް ކައިވެނި ރޫޅޭނެ! އެއީ ހެދޭ އެންމެ ބޮޑު އެއް ގޯސް!

ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ކިބައިން ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. ކައިވެނިކުރަނީވެސް އެކަންކަން ޙާޞިލުކުރުމަށެވެ. ވީމާ އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ބޭނުންވާ ކަންކަން ބުނަން ފަސްޖެހި ދޮގުހެދޭތީއެވެ.  

ލޯބިވެގެންވެސް އަދި ކައިވެނިކޮށްގެންވެސް އެކުގައި ކުރަން ފަށާދަތުރު އެހާ ފަސޭހައިން ނާކާމިޔާބުވާ ސަބަބާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. އެހެންވެ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި އަހުރެންނަށް ވިސްނޭ އެއް ސަބަބު ބުނެލާނަމެވެ.  

އެއީ ތިމާ ބޭނުންވާ ކަންތައްތަކާއި ބޭނުންވާ ގޮތް އަނެކާ ގާތުގައި ތެދުބަހުން ބުނަން ފަސްޖެހުމެވެ. ގިނަ ފަހަރަށް ތެދުބަހުން ބުނަން ފަސްޖެހެވެނީ ތެދުބަހުން ބުނެފިނަމަ އަނެކާ އެކަންކަމަށް ނުރުހިދާނެތީއެވެ. އޭނާގެ ލޯބި ނުލިބިދާނެތީއެވެ. ކައިވެނިނުކޮށްފާނެތީއެވެ.  

އެގޮތަށް ކަންތައްކޮށްގެން ދެމީހުން ގުޅުމުން ދެންވާގޮތަކީ ތިމާ ބޭނުންވާ ކަންކަން ސިއްރެއް ނުކުރެވެއެވެ. އެކަންކަމަށް ބޭނުންވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ޙަޤީޤަތް އަނެކާއަށް އެނގިގެންދެއެވެ. ދެންވާގޮތަކީ އެކަންކަމަށް އަނެކާ ނުރުހެނީއެވެ. އެހިސާބުން މައްސަލަތައް ޖެހެންފަށައި ދެމީހުންގެ ގުޅުން ކެނޑޭ ހިސާބަށް ކަންތައްތައް ދަނީއެވެ.  

ވީމާ ޙައްލަކަށް އޮންނާނީ ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައިވެސް އެކަކު އަނެކެއްގެ ކިބައިން ތިމާ ބޭނުންވާ ކަންކަން ތެދުބަހުން ބުނުމެވެ. އަދި ތިމާގެ ހުރި ސިފަތައްވެސް ކިޔައިދިނުމެވެ. އެއިރުން އެކަންކަން އަނެކާއަށް ރަނގަޅަށް އެނގޭނެއެވެ. ގުޅެން އެއްބަސްވާނީ އެކަންކަމަށް ރުހޭނަމައެވެ. ނުރުހޭނަމަ ގުޅެން ބޭނުމެއް ނުވާނެއެވެ.  

އެކަމަށް އެއްބަސް ނުވިޔަސް ގިނަ ބައަކު ކައިވެނިކުރާއިރު ބައިވެރިޔާގެ ކިބައިން ބޭނުންވާ ވަކިކަންތައްތަކެއް ހުރެދާނެއެވެ. އަނެކާއަކީ އެކަންކަން ކުރަން ޝައުޤުވެރިނުވާ މީހަކަށްވެދާނެއެވެ. ސަބަބަކީ އެއްވެސް ކަމެއްގައި އެންމެން ބޭނުންވާނީ އެއްކަންތައްތަކަކަށްނުވާތީއެވެ. މިހުންނަނީ މިއަދުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑެތި ތަފާތުތައް ހުންނަ ކަންކަމެވެ.   

ކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. ދާދިފަހުން ކައިވެނިކުރި އަހުރެންގެ ދެއެކުވެރިއެކެވެ. 2،3 މަސްވީތަނާ ކައިވެނި ރޫޅިއްޖެއެވެ. ސަބަބަކަށްވީ އަނބިމީހާ އެންމެ ބޮޑަށް ބޭނުންވަނީ އެހެންކަންކަމުގެ ކުރިން އޭނާގެ ގައިގައި ފިރުމާލައި ވާހަކަދައްކައިލަން ވަޤުތުކޮޅެއް ހޭދަކުރާށެވެ. ފިރިމީހާއަށް އެކަންކޮށްނުދެވުނީއެވެ. ފިރިމީހާ ކޮންމެ ރެއަކުވެސް ބޭނުންވަނީ މަގުކުރުކޮށްލައި އަވަހަށް ނިދާށެވެ.  

ވީމާ ޚުލާޞާކޮށްލައި ބުނާނަމަ އެހާފަސޭހައިން އެހާއަވަހަށް ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެނީ ތެދުބަހުން މުޢާމަލާތު ނުކުރެވޭތީއެވެ. ފުރަތަމަ މަރުޙަލާގައިވެސް ތެދުބަހުން ކިޔައިދީފިނަމަ ފަހަރެއްގައި އަނެކާގެ ލޯބިވުން ނުލިބިދާނެއެވެ. ނަމަވެސް ގުޅުން ދެމިއޮންނާނެއެވެ. ފަހުން މައްސަލަ ޖެހުނީމާ ދެމީހުންގެ ގުޅުން މުޅި ޢުމުރަށް ކެނޑިގެންދާނެއެވެ. އެއިރުން ލިބޭ ދެރަ މާބޮޑު ނޫންހެއްޔެވެ؟

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން