ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހިމެނުނު އެއްކަމެއް ފުރިހަމަކޮށްފިއެވެ.
އެގޮތުން ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް 500،000 ރުފިޔާގެ ބަޖެޓު ދިނުމަށް ވެވަޑައިގެންނެވި ވަޢުދު މިހާރުވަނީ ފުއްދަވާފައެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މިއަދު ވިދާޅުވީ ޤައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން އަހަރަކު 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާފައިވާ ކަމަށެވެ.
"އެގޮތަށް އެސޯސިއޭޝަންތަކުގެ ބަޖެޓް އެކުލަވާލާ ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލުން މިއަދު އެސޯސިއޭޝަންތަކުގެ ބަޖެޓްވަނީ ފާސްކޮށްފަ" މަޚްލޫފް ވިދާޅުވިއެވެ.
ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބައެއް ކުޅިވަރު އެސޯސިއޭޝަންތަކަށް ސަރުކާރުން މީގެ ކުރިން ދެމުން ގޮސްފައިވަނީ ކޮންމެ ތިން މަހަކުން 25،000 ރުފިޔާގެ މަގުން އަހަރަކު 100،000ރ. އެވެ. އަދިއެވެސް ބައެއް އެސީސިއޭޝަންތަކަށެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމު އިޢުލާންކުރެއްވެވި އިރު، މިމުއްދަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން 7 ކަމެއް ކުރަން ނިންމަވާފައިވާ އިރު، ކުޅިވަރު އެސޯސިއޭޝަންތަކަށް ދެމުން އައި ކުޅިވަރުގެ ބަޖެޓަށް ބޮޑު ބަދަލެއް ގެނައުމަށްވެސް ވަނީ ނިންމަވާފައެވެ.
ރައީސް އިބްރާހިމް މުޙާއްމަދު ސާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމާއި މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުމާއި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު އެތައް ސަތޭކަ އެތްލިޓުންނާއި ޢާންމުން ބައިވެރިވާ ގޮތަށް ފުރަތަމަ ހަރަކާތް ވަނީ މާލޭގައި ބާއްވާފައެވެ.