މުދަލުޒަކާތަސް ދެއްކި ފައިސާގެ ޢަދަދު މިދިއަ އަހަރުވަނީ އިތުރުވެފައެވެ. ނަމަވެސް އެއީއަކީވެސް ދައްކަންޖެހޭ ޢަދަދެއް ނޫނެވެ. ޒަކާތް ދައްކަންޖެހޭ އެންމެން ދައްކާނަމަ ޢަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރަށް ލިބޭނެއެވެ.
ޒަކާތް ދައްކަންޖެހޭ މީހުން ޒަކާތް ދެއްކުމާއި ޒަކާތް ޙައްޤުވާ މީހުންނަށް އިންޞާފުވެރިކަމާއިއެކު ބެހުމަކީ މުޖުތަމަޢުން ފަޤީރުކަން ނައްތައިލެވޭނެ ސަބަބެކެވެ. އެކަން ވަނީ ކުޜިގެ ޒަމާންތަކުގައި ޘާބިތުވެފައެވެ.
މުދަލު ޒަކާތަކީ ދައްކަންޖެހޭ މީހުން ރުހުމުގައި ނުދެއްކިނަމަވެސް ދައުލަތަށް ނަގަންޖެހޭ އެއްޗެކެވެ.
އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
”ﷲ ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް މީސްތަކުން ހެކިވެ، އަދި އެބައިމީހުން ނަމާދު ގާއިމުކޮށް، (މުދަލު) ޒަކާތް ދީފުމަށް ދާންދެން، އެބައިމީހުންނާ ހަނގުރާމަ ކުރުމަށް ތިމަން ނަބިއްޔާއަށް ވަނީ އަމުރުވެވިގެންނެވެ. ފަހެ އެބައިމީހުން އެފަދައިން ކަންކޮށްފިނަމަ، އެ ވަނީ އެބައިމީހުންގެ ލެޔާއި މުދާ ތިމަން ނަބިއްޔާގެ ކިބައިން ރައްކާތެރިކޮށް ސަލާމަތްކޮށްފައެވެ. އެއީ އިސްލާމް ދީނުގެ ހައްގެއްގެ ސަބަބުން މެނުވީއެވެ. (އެބަހީ: ދީނުގައިވާ އުގޫބާތަކަށް އަރައިގަނެގެން މެނުވީއެވެ.) އަދި އެބައިމީހުންގެ ހިސާބު ބެއްލެވުން ވަނީ ﷲ ތަޢާލާއަށެވެ.“
މި ޙަދީޘް ރިވާ ކުރެއްވީ ބުޚާރީއާއި މުސްލިމެވެ.