މިއީ ހަމަ ދިމާވާ ކަމެކެވެ. މީސްތަކުންގެ އިތުރުން ތިމާގެ އަމިއްލަ އަނބިދަރިންނަށް ރަޙުމް ނުކުރާ މީހުން އުޅެއެވެ. އެއިގެ ތެރޭގައި ވަރަށް ގިނައިން އަޅުކަންކުރާ މީހުންވެސް ހިމެނެއެވެ.
އެމީހުން އެމީހުންގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާނުކޮށްފާނެއެވެ. ނުވެސްކުރާނެކަމަށް ބަލަމާ ހިނގާށެވެ. އެކަމަކު އެމީހުން އެމީހުންގެ އަނބިދަރިންނަށް ދޭންޖެހޭ ލޯތްބެއް ނުދެއެވެ. ރަޙުމާއި ކުލުވެރި ބަސްތަކެއް ނުބުނެއެވެ. ގައިގޯޅިވެ ބޮސްދީ ނުހަދައެވެ.
މިފަދަ ބައެއް މީހުން ދެކެނީ އެމީހުންނަކީ އަޅުވެރިން ނުވަތަ ގިނައިން އަޅުކަންކުރާމީހުން ކަމަށްވުމުން އެމީހުން އަބަދުވެސް ތިބެންޖެހޭނީ ފިސާރި ގޮތުގައި ކަމަށެވެ. ބުނަންހެއްޔެވެ؟ އެއީ އެއްވެސް ގޮތަކުން އޭނާގެ ތަޤްވާވެރިކަމާއި ގުޅުންހުރިކަމެއް ނޫނެވެ. އެއްވެސް މިންވަރަކަށް ގުޅުން ނެތް ކަމެކެވެ. އެކަން ގުޅިފައިވަނީ އޭނާގެ ހިތްހިލަކަމާއިއެވެ.
އެހެނީ އެންމެ ބޮޑު ތަޤްވާވެރިއަކީވެސް އެންމެ ގިނައިން އަޅުކަންކުރެއްވެވީވެސް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އިތުރު ޞާޙިބާ ވަނީ އަނބިއަނބިކަނބަލުންނަށާއި ދަރިދަރިކަލުންނަށާއި ކަނބަލުންނަށް ރަޙުމްކުރެއްވެވުމުގައާއި އޯގާތެރިވެވަޑައިގަތުމުގައި އަދި ލޯބި ދެއްވެވުމުގައި މުޅި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.
އެއްދުވަހަކު މީހަކު އައިސް އޭނާގެ 10 ދަރިން ތިބޭކަމަށާއި އެއިން ދަރިއަކަށް ދުވަހަކުވެސް ބޮސްދިނުން ފަދަ ކަންކަން ނުކުރާކަމަށް ދެންނެވީ އޭނާގެ ހުރި މޮޅުކަން ދައްކަން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނާއަށް ދެއްވެވި ޖަވާބުން ހާމަވެގެންދިއައީ މުޅިން ތަފާތުކަމެކެވެ.
ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅުން އެނގިގެންދިއައީ އެއީ އެމީހެއްގެ ހިތުގައި ރަޙުމެއް ކުލުނެއް ނެތްކަމުގެ ޢަލާމާތެއްކަމެވެ. ވީމާ ހިތް ހިލަކޮށްގެން އުޅޭ މީހުންގެ ޙުކުމް އެއޮތީ އެނގިފައެވެ. އެޙާލަތުން ސަލާމަތްވުމަށްޓަކައިވެސް ތިމާއަކީ އަނބިދަރިންނަށް ދޭންޖެހޭ ލޯބިދޭ މީހަކަށްވާން އެބަޖެހެއެވެ.
- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން