ޖަނާޒާތަކުގަ ޢަމަލީ ގޮތުން ބައިވެރި ނުވެވުނަސް އަންހެނުންނަށްވެސް ކުރެވެންހުރި ކަންކަން މަދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޖަނާޒާތަކުގަ ޢަމަލީ ގޮތުން ބައިވެރި ނުވެވުނަސް އަންހެނުންނަށްވެސް ކުރެވެންހުރި ކަންކަން މަދެއް ނޫން!

ބައެއް އަންހެނުން ކުރާ ސުވާލެކެވެ. ތިމަންމެންނަކަށް ޖަނާޒާތަކުގައި ޢަމަލީ ގޮތުން ބައިވެރިއެއް ނުވެވެއެވެ. ދެން އަހުރެމެންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ މިސުވާލަށް ޖަވާބުދޭން މަސައްކަތްކުރާނަމެވެ.  

މީހަކު މަރުވެގެން ވަޅުލަން ބާއްވާ ޖަނާޒާގައި ޢަމަލީ ގޮތުން ބައިވެރިވެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް އޮތުމަކީ އެކަމުގައި ހިތާމައިގައި އަންހެނުން ބައިވެރިނުވެ ދުރުގައި ތިބެން އޮތް ސަބަބެއް ނޫނެވެ.  

މަރުވި މީހާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! މަރުވި މީހާގެ ޢާއިލާއަށް ޒިޔާރަތްކުރާށެވެ. އެމީހުންގެ ހިތާމައިގައި ބައިވެރިވާށެވެ. އެމީހުންގެ ހިތަށް ހަމަޖެހުން ގެނެސްދޭން މަސައްކަތްކުރާށެވެ. ފޯރުކޮށްދެވެން އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.  

މުސްލިމަކަށް ހިތްދަތި ކަމެއް ކުރިމަތިވުމުން އެކަމުގެ ހިތާމައިގައި ބައިވެރިވެ ހެޔޮދުޢާކޮށް އަދި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމަކަށް ޓަކައި އަދި އިންސާނިއްޔަތަށްޓަކައިވެސް އަދާކުރަންޖެހޭ މަތިވެރި ވާޖިބެކެވެ. ހަމަ އެފަދައިން މުސްލިމަކަށް އުފާވެރިކަމެއް ލިބޭހިނދު އެކަމަށް އުފާކޮށް އޭނާއަށް ލިބުނު އުފާވެރިކަމުގައި ބައިވެރިވުމަކީވެސް ވާޖިބެކެވެ.  

އެކަންކަން ކުރުމަކީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަމެވެ. އިން ޝާ ﷲ  

ހަނދާންކުރާށެވެ! މުސްލިމް އަޚަކަށް ހިތާމައެއް ލިބުމުން ތިބާއަށް ހިތްހަމަޖެހުން ލިބޭނަމަ، އެކަމުން ތިބާގެ ހިތަށް އަސަރުނުކުރާނަމަ ތިބާގެ ކިބައިގައި ވަރަށް ބޮޑު އުނިކަމެއް އެބަވެއެވެ. އަވަހަށް އެކަންކަން އިޞްލާޙްކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން