އަހުރެން ބަޔާންކޮށްދޭން މިމަސައްކަތްކުރަނީ ދުނިޔޭގައި ކާމިޔާބު ދިރިއުޅުމެއް ލިބުމުގެ އިތުރުން ޘަވާބު އިތުރުވެ ސުވަރުގެ ލިބެން އޮތް އެންމެ ފަސޭހަ ޢަމަލު ކުރުމަކީ ކޮންމެ ދެމަފިރިއަކަށް ކުރެވެން އޮތް އެންމެ ފަސޭހަ ކަންތައް ކަމެވެ.
މީސްތަކުންނަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާގެ ދީލަތިވަންތަކަން ހުރި މިންވަރު ނިކަން ދެކިބަލާށެވެ! ތިބާއަށް އެނގުމަކާއި ނުލައިވެސް ތިބާއަށް ކުރެވޭ ފާފަތައް އެބަ ފުއްސަވައި ދެއްވަވަތެވެ.
މިޘާލަކަށް ތިބާއަށް ވަނީ ކުޑަ ފާފައެއް ކުރެވިފައެވެ. ތައުބާވާން ހަނދާނެއްވެސް ނެތެވެ. ދެން ތިބާއަށް ހެޔޮ ޢަމަލެއް ކުރެވެނީއެވެ. ކުރެވުނު ހެޔޮ ޢަމަލުގެ ސަބަބުން ތިބާއަށް ކުރިން ކުރެވި ހަނދާން ނެތިފައިވާ ފާފަ ފުއްސަވައި ދެއްވަވަނީއެވެ.
ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ޢަމަލެއް ކުރަން ލިބޭ ފުރުޞަތުތައް ނަގާނުލައި ފުރުޞަތުގެ ބޭނުން ހިފަންވީ އެ ސަބަބަށްޓަކައެވެ. އެކަމުގެ ސަބަބުން ޘަވާބު ލިބުމުގެ އިތުރުން ތިމާއަށް ކުރެވިފައިވާ ކުދިފާފަތައް ފުއްސަވައި ދެއްވަވާތީއެވެ.
ދެން އޮތީ ކުރެވޭ ބޮޑެތި ފާފަތަކެވެ. ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ތައުބާވާއިރަށް އެފާފައެއް ފުއްސަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް ކުރަންޖެހޭނެ ކަމެއް ނޫނެވެ. އޮތީ ފާފަ ފުއްސަވައި ދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުރުމާއި ތައުބާވުމަށް އަވަސްވެގަތުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނުގައި ނަހީކުރައްވަވާފައިވާ ކަންކަމުގެ ލިސްޓަކީ ވަރަށް ކުރު ލިސްޓެކެވެ. ނަމަވެސް ހެޔޮ ޢަމަލުތަކުގެ ލިސްޓް ވަރަށް ދިގެވެ. އަނބިމީހާއަށް ކާންދޭ ބަތްސުވަލަކީވެސް ޞަދަޤާތެކެވެ. ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. ދެމަފިރިން އެކުގައި ލޯބިން ދިރިއުޅުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. ދެމަފިރިން ލޯބިން ރޭކުރުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. މިހެންގޮސް މިއީ ކިޔައި ކޮޅުންލާން އޮތް ލިސްޓެއް ނޫނެވެ.
ބުނެލަން ބޭނުންވަނީ ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްކުރާނަމަ އެކަމުގެ ސަބަބުން ދެއްވަވާނެ ޘަވާބު ވެސް މިހައި ގިނައިރު އެކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށް އޮތް އެއީވެސް ކިހައި ފަސޭހަ މަގެއް ހެއްޔެވެ؟ އަހުރެންނަށް ވިސްނޭގޮތުން މިއީ ދުނިޔޭގަ ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ލިބުމުގެ އިތުރުން ޘަވާބު އިތުރުވެ ސުވަރުގެ ލިބެން އޮތް އެންމެ ފަސޭހަ ޢަމަލެވެ. އެކަން ކުރުމަކީ ކޮންމެ ދެމަފިރިއަކަށް އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ލޯބިން އެކުގައި ދިރިއުޅެން މަސައްކަތް ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން