ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެދޭމީހާ ވަރަށް ރަނގަޅަށް މިމޭރުމުން ވިސްނައިލާށެވެ! ތިބާ ހުއްޓިހުރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ﷲ ތަޢާލާ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ. ނަމަވެސް ތިބާގެ ކިބައިގައި އެއްވެސް ސަމާލުކަމެއް ނެތެވެ. ތިބާގެ ވިސްނުމުގައި ﷲ ތައާލާއެއް ނެތެވެ. ސިކުނޑީގައި ދައުރުކުރަމުން ގެންދަނީ މުޅިން ތަފާތު ފިކުރުތަކެކެވެ. ދުނިޔެއިން ތިބާ އެދޭ ކަންތައްތަކެކެވެ.
ނިކަން ބުނެބަލާށެވެ! އެ ޙާލަތުގައި ތިބާގެ ދަރަޖައަކީ ކޮބައިހެއްޔެވެ؟ ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ދެވިފައިވަނީ ކޮން ދަރަޖައެއްހެއްޔެވެ؟ ﷲ ތަޢާލާއަށް ލޯބިކުރެވޭ ހެއްޔެވެ؟ ސިކުނޑިއަށް ތިއަ ގެންނަ ކަންކަންވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން އެނގޭ ހެއްޔެވެ؟
މީސްތަކުންނޭވެ! ތިބާ ނަމާދުކުރަން ޤިބުލައަށް ކުރިމަތިލައި ހުއްޓޭ ވަގުތުން ފެށިގެން ތިބާއަށް އެހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ތިބާއަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ނަމަވެސް ތިބާގެ ސަމާލުކަން ﷲ ތަޢާލާއަށް ނުދެވޭނަމަ ތިބާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ ކިޔަމަންތެރިއަކު ކަމުގައިވާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! ނަމާދާއިމެދު މިމޭރުމުން ވިސްނާށެވެ! ނަމާދުކުރާ ވަގުތުކޮޅު ﷲ ތަޢާލާއަށް ސަމާލުކަން އިތުރުކުރާށެވެ! ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ!
އާނއެކެވެ! ޚުޝޫޢަތްތެރިވެވޭނީ ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ﷲ ތަޢާލާ އެކަން މިންވަރުކުރައްވަވާނީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ވީމާ ވިސްނާށެވެ! ބިރުވެތިވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާއަށް ހުއްޓި ހުންނަން ޖެހޭނެ ދުވަހަށެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އެވަގުތާއިމެދު ބިރުވެތިވުމެވެ!
ދުޢާއަކީ އަހަރެމެން އެންމެންނަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭ ބައަކު ކަމުގައި ލެއްވެވުމެވެ. އަހަރެމެންކުރާ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމެވެ. ޢާމީން – އެންމެންވެސް އާމީން ކިޔާށެވެ! އަދު ހުރިހާ އެކުވެރިންނަށް މި މެސެޖް ހިއްޞާކޮށްލާށެވެ! އެކަމުގެ ސަބަބުން އެންމެ މީހަކު ނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކޮށްފިނަމަ އަދި ނުކުރި ނަމަވެސް ތިބާކުރި މަސައްކަތުގެ ޘަވާބު ތިބާއަށް ދެއްވަވާނެތޔެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން