ފުރަތަމަ ކަމަކަށް ޔަޤީންކުރާށެވެ! އެއްވެސް މީހަކު ދުނިޔެއަށް ފޮނުއްވަވާފައި އެކަނިވެރިވާން ދޫކޮށެއް ނުލައްވަވާނެ ކަމެވެ. އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނެ ކަމެވެ. ރަޙްމަތުގެ މަލާއިކަތުންވެސް އެމީހަކާއިއެކުގައި ވޮޑިގެންވާނެ ކަމެވެ. ދެން ނިކަން ބުނެބަލާށެވެ. އެކަން ޔަޤީންކުރާ މީހަކު އެކަނިވެރިވާނެ ހެއްޔެވެ؟
އިންސާނަކަށް ލިބޭނެ އެންމެ ބޮޑު މާޔޫސްކަން ލިބިގެންދާ އެންމެ ބޮޑު ސަބަބަކީ ތިމާއަށް މިހުރެވެނީ އަޅައިލާނެ، އެހީތެރިވާނެ އެއްވެސް މީހަކު ނެތި އެކަނި ކަމުގައި ޤަބޫލުކުރެވުމެވެ. މިއީ ވަރަށް ނުރަނގަޅު ވިސްނުމެކެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކު މިފަދައިން ވިސްނައިގެންވެސް ނުވާނެއެވެ. ސަބަބަކީ އެމީހަކާއިއެކު އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާކަން ޔަޤިންކުރަންޖެހޭނެތީއެވެ.
އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ އަބަދުވެސް ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވެ ހާސްކަމާއި ހިތްދަތިކަމުގައި އުޅެން ޖެހޭ ބައެކެވެ. ކެތްތެރިވާން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކޮންޓްރޯލް ނުކުރެވޭފަދަ ޙާލަތުވެސް ކުރިމަތިވެއެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމެކެވެ.
އެފަދަ ޙާލަތެއް ކުރިމަތިވުމުންވެސް އަދި ކުރިމަތިވެދާނެކަމަށްޓަކައިވެސް މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ! ޙަޤީޤީ ޙައްލަކަށްވާނީ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ތިމާ ހުރީ އެކަނި ނޫންކަމާއި ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ހަނދުމަކުރުން ކަމުގައިވާތީއެވެ!
"ޔާ ﷲ! މިއަޅާއަށް އިޙްޞާޞް ކުރެވެނީ މިއަޅާއަށް އެކަނި ކުރިއަށް ނުދެވޭނެކަމަށެވެ. މިއަޅާގެ ސިކުނޑީގައިވާ މައްސަލަތައް ގިނަކަމުން މިއަޅާއަށް މިވަނީ އިންތިހާއަށް ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ދިރިއުޅެން ޖެހިފައެވެ.
މިއަޅާއަށް ހުރި ކަންބޮޑުވުންތައް މިއަޅާއަށްވުރެ ބޮޑަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ! މިއަޅާގެ ހިތަށް ހަމަޖެހުމާއި ހިތްވަރު މިންވަރުކުރައްވަވާނދޭވެ! އަދި ކެތްތެރިވެ ސާބިތުވުމަށް ވެސް މިއަޅާއަށް މަގުފަހިކުރައްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާ ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި މިއަޅާ ހުރީ އެކަނިވެރިވެފައި ނޫންކަމާއި އިނބަ ﷲ މިއަޅާ އާއިއެކު ވޮޑިގެންވާކަން ހަނދުމަކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! އާމީން"
--އިސްލާމީ ތިލަފަތުގެ ދަރުސަކުން