ކުރާ ދުޢާ ޢިޖާބަކުރައްވަވައި އަދި ކުރާ ޛިކުރު ޤަބޫލުފުޅު ކުރެއްވެވުން އެދޭ މީހާ ސަމާލުކަންދޭންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުރާ ދުޢާ ޢިޖާބަކުރައްވަވައި އަދި ކުރާ ޛިކުރު ޤަބޫލުފުޅު ކުރެއްވެވުން އެދޭ މީހާ ސަމާލުކަންދޭންވީ ކަންކަން-

ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރިނަމަވެސް އެކަމުގެ ފައިދާކުރާނީ ﷲ ތަޢާލާ އެ ޢމަލެއް ޤަބޫލުފުޅުކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ގޮތަކަށެވެ. އަދި ކޮށްފައި އެކަން ޤަބޫލުފުޅު ކުރެއްވެވުން އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވެސް ވާނެއެވެ.

އެއިގެ އިތުރުން ތިމާ ކުރާ ޛިކުރު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމަށާއި ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ ސަމާލުކަންދީގެން ކުރަންޖެހޭ 2 ކަމެއް ވެއެވެ.

ފުރަތަމަކަމަކީ ޛިކުރުތައް ކިޔާއިރު ހަމައެކަނި ހިތަށް އަރުވައިލުމުގެ ބަދަލުގައި ތުންފަތް ތަޅުވައިގެން ދުލުން ކިޔުމެވެ. ދޫ ޙަރަކާތްތެރިކުރުވުމެވެ. ދޫ ޙަރަކާތްތެރިކުރުވުމުން ތުންފަތް ތެޅުވޭނެއެވެ. އެހެނީ ޛިކުރުކުރާއިރު ތުންފަތް ތަޅުވަން ރަސޫލް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައވެ. ހަމަ އެއާއިއެކު ކިޔާ ޛިކުރު ހިތްމައްޗަށް ގެންނަންވާނެއެވެ. ރޯޑްޝޯގެ މަތިން ހަނދާން ކުރަމުން ޛިކުރު ކިޔުމަކީ ޛިކުރު ކުރުމެއް ނޫނެވެ.

ދެން އޮތީ ދުޢާ ކުރުމެވެ. ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާވެސް ހަމައެކަނި ދުލުން ކިޔައިލުމަކުން ނުފުދޭނެއެވެ. ހިތަށް އަރުވަންވާނެއެވެ. އަދި ޢިޖާބަކުރައްވަވާނެކަމަށް ޔަޤީންކުރަންވެސްވާނެއެވެ. ނަމަވެސް ގިނަ ބައަކު ދުޢާކުރާއިރު ދުޢާކިޔަނީއެވެ. އެދުޢާއިން ހިންމަވައިދެއްވެވުން އެދޭ ކަންކަން ހިތްމައްޗަކަށް ނުގެނެއެވެ.

ވީމާ އެނގިގެން މިދަނީ ޛިކުރުކުރުމަކީ ހިތްމައްޗަށް ގެންނަމުން ދުލުން ކުރަންޖެހޭ ކަމެއްކަމާއި ދުޢާކުރުމަކީ ދުލުން ނުކިޔުނަސް ހިތުންކުރަންޖެހޭ ކަމެއްކަމެވެ. ވީމާ ޛިކުރުކޮށް ދުޢާކުރާއިރު މިކަންކަން ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ. ކުރެވޭ ދުޢާ ހިތްމައްޗަށް ގެންނާށެވެ! ދުލުން ދުޢާއެއް ކިޔައިލާއިއރު ހިތުން އެހެންކަމަކަށް ސަމާލުކަން ދިނުމަކުން ދުޢާ ކުރިކަމަކަށް ނުވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން