ރަނގަޅަށް ވިސްނުމުން އެނގޭނެއެވެ. އިންސާނުންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ އެންމެ މަތިވެރި ދަރަޖައެވެ. އެހެން ނޫންނަމަ އާދަމްގެފާނަށް ސަޖިދަ ކުރެއްވުމަކަށް އުޑުގައިވާ މަލާއިކަތުންނަކަށް ނުއެންގެވީހެވެ.
ހަމަކަށަވަރުން ކާމިޔާބު ލިބުމަކީ ދުނިޔޭގައި މަތީމަޤާމާއި ޤަދަރާއި ބާރު ލިބުމެއް ނޫނެވެ. ފައިސާ އާއި މުދަލާއި ދަރިން ގިނަވުމެއްވެސް ނޫނެވެ. ހަމަކަށަވަރުން ކާމިޔާބުލިބުމަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިގެ ޢޛާބުން ސަލާމަތްވެވުމެވެ. ސުވަރުގެ ލިބުމެވެ. މިއީ އެއްވެސް މުސްލިމަކު ދެބަސްވާނޭ ކަންކަމެއް ނޫނެވެ.
ނަރަކައިން ސަލާމަތްކަން ލިބުންވަނީ ތައުބާވާ މީހާއަށެވެ. ތައުބާވުމަކީ އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމެވެ. ކުރެވޭ ކޮންމެ ފާފައަކާއިއެކު ތިމާ އާއި ﷲ ތަޢާލާގެ ޙަޟްރަތާއި ދުރުކަން އުފެދިގެންދެއެވެ. ތައުބާ ކޮށްދޭކަމަކީ އެކަން އަނބުރައި އެމީހަކަށް ހޯދައިދިނުމެވެ. އަލުން ﷲ ތަޢާލާ އާއި ގާތްކޮށްދިނުމެވެ. ގާތްކަން އުފައްދައިދިނުމެވެ.
ތައުބާވުމަކީ ކުރަން ބޭނުންވުމުން ކުރަން އޮތް އިޚްތިޔާރީކަމެއް ނޫނެވެ. ތައުބާވުމަކީ ކޮންމެ ދުވަހަކު ކުރުން ވާޖިބުވެގެންވާ ކަމެކެވެ. ނަރަކައިން ސަލާމަތްވާން އެދޭ މީހާއަށް ތައުބާވުން ގިނަކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނުވެއެވެ. އެނގިތިބެގެންނާއި ނުއނގިތިބެ މިދަނީ ގިނަ ޢަދަދެއްގެ ފާފަތައް ކުރެވެމުންނެވެ. އެހުރިހައި ކަންކަން އަހަރެމެންގެ ފަތުގައި ލިޔުއްވެވޭނެތެވެ. ޤިޔާމަތްދުވަހު އެކަންކަން ހާމަވެގެން ދިއުމުން މީސްތަކުން ތިބޭނީ ހައިރާންވެ އަންތަރީސްވެފައެވެ.
ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ނުފުއްސަވާނެ އެއްވެސް ފާފައެއް ނުވެއެވެ. ތައުބާގެ މައްޗަޗަށް ގަދަވެގަނެވޭނެ އެއްވެސް ފާފައެއް ނުވެއެވެ. އެހެނީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ނުފުއްސަވާނެ އެއްވެސް ފާފައެއް ނުވެއެވެ. ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ ﷲ ތަޢާލާގެ ފަރާތައް އެނބުރި ތައުބާވުމުން ނުފުއްސަވާނެ ހަމަ އެއްވެސް ފާފައެއް ނެތްކަމަށެވެ. އަދި ކީއްހެއްޔެވެ؟ ތައުބާވުމާއި އިންސާނާ އާއި ދެމެދަށް ހުރަސްއެލޭނެ ހަމައެކަކުވެސް ނުވެއެވެ. އެހެނީ ﷲ ތަޢާލާ އަހަރެމެން އުފެއްދެވީ ފާފަކުރާނެކަން އެނގިވޮޑިގެންވާ ހާލުކޮޅުގައެވެ.
ﷲ ތަޢާލާ އާދަމްގެފާނު އުފައްދަވާ ކަމުގެ ޚަބަރު މަލާއިކަތުންނަށް ދެއްވެވުމުން "ތިމަންމެން އެއްވެސް ފާފައެއް ނުކުރަމެވެ. ހަމައެކަނި މިކުރާކަމަކީ ﷲ ތަޢާލާ މަތިވެރިކޮށް ﷲ ތަޢާލާއަށް ތަޞްބީޙް ކިޔުމެވެ. ބިމުގައި ފާފަކޮށް ފަސާދަކުރާނެ ބައަކު ލައްވަވަނީ ކީއްވެގެންތޯ؟" މިމޭރުމުން މަލާއިކަތުން ﷲ ތަޢާލާއަށް ދެނެނވިކަން ހަނދުމަކުރާށެވެ!
"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވަވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވެވި ހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (މަލާއިކަތުން) (އެހިނދު) ދެންނެވޫއެވެ.
އަޅަމެން އިނބަރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙް ކިޔައި، އިނބަ ރަސްކަލާނގެއަށް ތަޤްދީސްކޮށްކޮށް ތިއްބައި، އެބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބައަކު އިނބަރަސްކަލާނގެ އެބިމުގައި ލައްވަވަނީތޯއެވެ؟
އެކަލާނގެ ވަޙީކުރެއްވެވިއެވެ. ހަމަކަށަވަރުން ތިއަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." (އަލްބަޤަރާ: 30) ބައެއް ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ﷲ ތަޢާލާ އިންސާނުން އުފެއްދެވީވެސް ތައުބާވުމަށެވެ. މަލާއިކަތުންނަކީ ފާފަކުރައްވާ ބޭކަލުންނެއް ނޫނެވެ. ވީމާ އެބޭކަލުންނަށް ތައުބާވެވަޑައިގަންނަވާކަމަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އިންސާނުންނަކީ ފާފަ ކުރާނެ ބައެކެވެ. ތައުބާވާންޖެހޭނެ ބައެކެވެ. އަދި މިކަމުންވެސް އެނގިގެންދަނީ ގިނަގިނައިން ތައުބާވުމުގެ މުހިންމުކަން ބޮޑުކަމެވެ. --ޑޜ. ޔާސިރު ޤާޟީގެ ދަރުސަކުން