އަންހެނުން އުފެއްދެވި ގޮތަށް ބެލުމެއް ނެތެވެ! ބުއްދީގައާ ތަޤްވާވެރިކަމުގަ މާމަތީގަ ތިބި އަނބިންގެ ހެޔޮ ނަޞޭޙަތުން ކުރިއަރައިދެވޭ ފިރިން ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
އަންހެނުން އުފެއްދެވި ގޮތަށް ބެލުމެއް ނެތެވެ! ބުއްދީގައާ ތަޤްވާވެރިކަމުގަ މާމަތީގަ ތިބި އަނބިންގެ ހެޔޮ ނަޞޭޙަތުން ކުރިއަރައިދެވޭ ފިރިން ވަރަށް ގިނަ!

ބައެއް މީހުން ދެކޭ ގޮތުގައި އަންހެނުން އުފެއްދެވީ މޭގެ ގުދު ކަށިގަނޑަކުން ކަމަށްވުމަކީ އަންހެނުންގެ ނިކަމެތިކަން އަންގައިދޭ ކަމެކެވެ. ނަމަވެސް އަހުރެން އެކަން ވިސްނަނީ އެގޮތަކަށް ނޫނެވެ. އާދަމްގެފާނު އުފެއްދެވީ ވެލީންނެވެ. އަދަމްގެފާނާއި ޙައްވާގެފާނަށްފަހު އުފަންވާ ކޮންމެ ކުއްޖަކު އުފެދިގެން އަންނަނީ ފެންފޮދަކުންނެވެ. މުހިންމީ ﷲ ތަޢާލާ އިންސާނާ އުފެއްދެވީ ކޮންއެއްޗަކުން ކަމެއް ނޫނެވެ. މުހިންމީ ﷲ ތަޢާލާ އުފެއްދެވި އިންސާނާއެވެ. އޭނާގެ މުހިންމުކަން ބޮޑުވާނީ އޭނާގެ ޢަމަލުތަކުގެ ސަބަބުންނެވެ. ﷲ ތަޢާލާގެ ޙަމްރަތުގައި އަންހެނުންގެވެސް ފިރިހެނުންގެވެސް ޤަދަރު އުފުލިގެންދާނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި ވަރަކުންނެވެ.  

މިގޮތަށްވެސް ވިސްނާށެވެ! މީހާގެ ދިރިހުރުން ގުޅިފައިވަނީ މޭގެ ކަށިތަކާއިއެވެ. އެހެނީ އިންސާނާގެ މެއާއި އެންމެ މުހިންމު ގުނަވަންތައް ރައްކައުތެރިކޮށް ހިމާޔަތްކޮށްދެނީ މޭގެ ކަށިތަކެވެ. ވީމާ އަނބިމީހާ ލައްވަވާފައި މިވަނީ ހުރިހާ ގޮތަކުން ފިރިމީހާ ޙިމާޔަތްކޮށް ރައްކައުތެރިކޮށްދޭ ބާރެއްގެ ގޮތުގައެވެ. އެއިގެ ތެރޭގައި ފިރިމީހާގެ އައިބުތައް ފޮރުވައިދިނުމާއި ފިރިމީހާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. މިއީ އަހުރެންގެ ވިސްނުމެވެ. 

ހަމައެއާއިއެކު އަންހެނުން އުފައްދަވާފައިވަނީ ބައެއް އުނިކޮށް ކަމަށް ބުނާ ބުނާއިމެދު ވިސްނާލަން ޖެހެއެވެ. އެހެނީ ހުރިހާ ކަމެއްގައިވެސް ފިރިހެނުންނަށްވުރެ ކުރިއަރާފައިވާ އަންހެނުން ވަރަށް މަދުކަމަށް ބުނެވޭކަށް ނެތެވެ. ޚާއްޞަކޮށް ވިސްނުމުގައެވެ. އެކަމުގެ ދަލީލަކީ ރަސޫލް ޞައްލަﷲ ގެ އަނބިއަނބިކަނބަލުން އިތުރު އެކަލޭގެފާނަށް ލަފާފުޅު ދެއްވެވިކަމެވެ. އަދި ޢަމަލުފުޅު ކުރެއްވެވުމުން ވަރަށް ބޮޑެތި މައްސަލަތައް ޙައްލުކުރެއްވެވުނު ކަމެވެ. 

މިހާރަށް ބެލިނަމަވެސް ފިރިންނަށް ޙައްލުނުކުރެވިގެން ހާސްވެ ކަންބޮޑުވާންޖެހޭ އެތައް ކަމެއްގެ ޙައްލު އަނބިން ހޯދައިދެއެވެ. މިއީ އެންމެންގެ ލޯތަކަށް ފެންނަމުންދާ ކަންކަމެވެ. ﷲ ތަޢާލާ އަންހެނުން އުނިކޮށް އުފެއްދެވިނަމަ އެކަން އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އެހެނެއް ނޫނެވެ. އަންހެނުން އުފައްދަވާފައިވަނީ ޟަޢީފް ބައެއްގެ ގޮތުގައި ކަމަށް ބުނާ ބުނުމަކީ ޙަޤީޤަތެކެވެ. ފިރިހެނުންނާއި އެއްވަރަށް ބުރަ މަސައްކަތް ނުކުރެވޭތީއެވެ.  

The Prophet (saws) said, “Whoever believes in Allah and the Last Day should not hurt (trouble) his neighbour. And I advise you to take care of the women, for they are created from a rib and the most crooked portion of the rib is its upper part; if you try to straighten it, it will break, and if you leave it, it will remain crooked, so I urge you to take care of the women.” 

ދެން އޮތީ މި ހަދީޘްފުޅެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވަނީ އަނބިންނަށް އޯގާތެރިވެ ހެޔޮކޮށް ހިތަން ވަޞިއްޔަތް ކުރައްވަވައިފައެވެ. ދެން އަހުރެން މާނަކުރާ ގޮތުގައި "ކަށިގަނޑު ތެދުނުކުރެވޭނެ، ދާނީ ބިންދައިގެން" އޮތް ބަސްފުޅުގެ މާނައަކީ އަންހެނުންގެ މިޒާޖު ގަދަކަމުން ބަދަލުނުކުރެވޭނެ ކަމެވެ. ފަށަމުން މިބުނީ އެވާހަކައެވެ. ހަމައެއާއިއެކު އަންހެނުން އެގޮތުގައި ދޫކޮށްލުމަށާއި އަންހެނުންނަށް ފަރުވާތެރިވެ ބެލެހެއްޓުމަށް ވެސް އެވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ.  

ވީމާ ކައިވެނިކުރުމުގެ ކުރިން އަނބިމީހާގެ މިޒާޖު، އޭނާގެ ޠަބީޢަތް ދެނެގަންނަނަވާނެއެވެ. ކައިވެނިކުރަންވާނީ އެކަންކަމަށް ރުހިގެންނެވެ. ކައިވެނި ކާމިޔާބުކުރެވެނީ ކައިވެނިކުރުމަށްފަހު އަނބިމީހާ، އޭނާގެ ގޮތުގައި ބަލައިގަނެ، ލޯބިދީ، އަޅާލައިގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން