ﷲ ތަޢާލާ އެންމެންވެސް އުފައދަވާފައި އެއް ގޮތަކަށެވެ. މިބުނަނީ ކޮންމެ މީހެއްގެ އަޞްލަކީ ހަމަ ފެންތިއްކެކެވެ. ރަންތިއްކަކުން އުފެއްދެވި ހަމައެކަކުވެސް ނުވެއެވެ. މަރުވުމުން އެންމެންގެ ހަށިތައް ނިމިދާނީވެސް ހަމަ އެއްގޮތަކަށެވެ. އިސްތިސްނާވާނީ ހަމަ އެކަނި ﷲ ތަޢާލާ އިސްތިސްނާ ކުރެއްވެވި ހަށިގަނޑެކެވެ. އެހެންކަމަށްވާއިރު ތިމާއަކީ މާމޮޅު ނޫނީ މާމަތިވެރި މީހަކު ކަމަށް ވިސްނަނީ ކީއްވެގެން ހެއްޔެވެ؟
ދެން އޮތީ ފުރާނައެވެ. ފުރާނައަށް އޮތީވެސް ހަމަ ﷲ ތަޢާލާ ނިންމެވި ގޮތެކެވެ. އެކަން ނިޞްބަތްވަނީ އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިވީވަރަކުންނެވެ. ވީމާ ބަލަންވީ އެކަމުގައި ކުރިއަށްދާން ނޫންހެއްޔެވެ؟
މީސްތަކުންގެ ތެރެއިން ބައަކަށް އާރާއި ބާރާއި މަތީ މަޤާމުތަކާއި ތަނަވަސްކަން ދެއްވަވަނީވެސް އަދި ބައަކަށް ނުދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ކިތަންމެ ގިނަ ނިޢުމަތްތަކެއް ދެއްވެވުމަކުން އަދި ނުދެއްވެވުމަކުން އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ނުވަތަ ނިކަމެތި މީހަކު ކަމެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
މީސްތަކުންނަކީ ފުނަލެއްގެ ދަތްތައް ފަދައިން އެއްވަރު ނުވަތަ ހަމަ ބައެކެވެ. ފުނަލުން ފުނާ އެޅޭނީ ދަތްތައް އެއްވަރަށް ހުރެގެންނެވެ. ހަމަ އެފަދައިން އިންސާނުންނަށް ކުރިއަރައި ދެވޭނީ އެންމެންނަކީ ވެސް އިންސާނުންގެ ހައިޞިއްޔަތުން ހަމަހަމަ ބައެއް ކަމަށް ޤަބޫލުކޮށްގެންނެވެ. އެކަން އެގޮތަށް ޤަބޫލު ނުކުރާނަމަ ތިބާއަށް އެވަދެވިގެންދަނީ ޝައިޠޯނުންގެ ތެރެއަށެވެ. ތިބާގެ ހިތުގައި އެވަނީ އިބިލީހުގެ ގޮތެވެ.
ކިތަންމެ މަތީ މަޤާމެއްގައި ހުރި ނަމަވެސް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އަދި ކިތަންމެ ބޮޑެތި ބާރުތަކެއް ލިބިފައިވީނަމަވެސް އިންސާނުންނާއި މެދު ދެކެން ޖެހޭނީ ހަމަ އަޚުންގެ ގޮތުގައެވެ. ވާހަކަ ދައްކަން ޖެހޭނީ މަޑުމައިތިރިކަމާއިއެކުގައެވެ. އަމަލުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. އަމުރެއް ކުރާނަމަ އެކަންވެސް ކުރަން ޖެހޭނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ.
ކަނުލައި އަޑުއަހައިބަލާށެވެ! އެންމެހައި އިންސާނުންގެ ތެރެއިން އެންމެ މާތް ކުރެއްވެވީ އަހަރެމެންގެ އިތުރު ޞާޙިބާ މުޙައްމަދު ﷺ އެވެ. ދެން ނޫހްގެފާނާއި އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނެވެ. ﷲ ތާޢާލާ އެބޭކަލުންނަށް މިހައި މަތިވެރި ދަރަޖަ ދެއްވެވުމުންވެސް އެއިން އެއްވެސް ބޭކަލަކީ އެބޭކަލެއްގެ ކިބައިގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހުރި ބޭކަލުންނެއް ނޫނެވެ.
ޔަޤީންކުރާށެވެ! އެއްވެސް އިންސާނަކީ ﷲ ތަޢާލާ ދެއްވެވި މަތިވެރިކަމެއް މެނުވީ ލިބިގެންވާ މީހެއް ނޫނެވެ. އެންމެންނަކީ ހަމަ ﷲ ތަޢާލާގެ އަޅުންނެވެ. ވީއިރު ބޮޑާވެ ކިބުރުވެރިވަނީ ކޮން މަތިވެރިކަމެއް ލިބިގެންހެއްޔެވެ؟ ބޮޑާކަމާއި ކިބުރުވެރިކަމުން ހިތް ޠޯހިރުކޮށްގެން މެނުވީ ސުވަރުގެއިން އެއްވެސް ޖާގައެއް ލިބުމެއް ނެތެވެ. އެހެނީ ބޮޑާކަމާއި ކިބުރުވެރިކަމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑި ނުގަންނަވާ ސިފަތަކެވެ.
--މުފްތީ މެންކުގެ ދަރުސަކުން