ތަޤްވާވެރިއެއްކަމަށް މީސްތަކުންނަށް ދައްކަމުން ފާފަތައްކުރުމަކީ ކުރާ ފާފައިގެ ބުރަދަން ބޮޑުވެ އެންމެ ގަދަފަދަ ޢަޛާބް ޙައްޤުވެދާނެ ވަރަށް ނުރައްކާތެރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތަޤްވާވެރިއެއްކަމަށް މީސްތަކުންނަށް ދައްކަމުން ފާފަތައްކުރުމަކީ ކުރާ ފާފައިގެ ބުރަދަން ބޮޑުވެ އެންމެ ގަދަފަދަ ޢަޛާބް ޙައްޤުވެދާނެ ވަރަށް ނުރައްކާތެރި ކަމެއް!

ފާފަކުރުމުން ދެއްވަވާނެ ޢަޛާބާއި ހެޔޮ ޢަމަލުކުރުމުން ދެއްވަވާނެ ޘަވާބު ކަނޑައެޅުއްވެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަން ކިރުއްވަވާނީ އެމީހެއްގެ ނިޔަތާއި ޢަމަލުކުރާ ގޮތުގެ މައްޗަށެވެ. އެކަން ވިސްނުމުގައި ބަހައްޓައިގެން އަޑުއަހާށެވެ.

އެހެން މީހުންނަށް ތިމާގެ ޙަޤީޤަތް އޮޅުވާލައިގެން އުޅެނީ މަދުބައެއް ނޫނެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ މީސްތަކުންނަށް އޮޅުވައިލެވުނު ނަމަވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް އޮޅުވައި ނުލެވޭނެ ކަމެވެ.

ބައެއް މީހުން މީސްތަކުންގެ ކުރިމަތީގައ އުޅެނީ ތަޤްވާވެރިންނަށް ހެދިގެންނެވެ. ތެދުވެރިންކަމުގައިވެސް ހެދިގެނެނެވެ. ނަމަވެސް ފޮރުވިގެން ތިބެ ކުރަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމެވެ،

އެހެންކަމުގައިވާނަމަ އޭނާކުރާ ފާފަތައް އެތައް ގުނައަކަށް އިތުރުވެގެންދިއުމަކީވަރަށް ގާތް ކަމެކެވެ. ސަބަބަކީ ބޭރުފުށުން އޭނާ އެދައްކަނީ ޞާލީހް އަޅެއްގެ ގޮތެވެ. ޢަމަލުން އެދައްކަނީ އޭނާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއް ނޫންކަމެވެ. އުރެދިގެން ހުރި މީހެއްކަމެވެ.

މިފަދަ މީހުންގެ ސަބަބުން އިސްލާމް ދީނަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތައްވެސް ލިބެމުންނެވެ. އެއީ އެމީހުންގެ ބޭރުފުށުގެ ކަންކަމަށް ބަލައި އެއީ ހެޔޮލަފާ މީހުން ކަމުގައި ޤަބޫލުކުރެވި އެފަދަ މީހުންނާއިއެކުގައި ބައަކަށް އުޅެވޭތީއެވެ. އެފަދަ މީހުންނަށް ތަބަޢަވެވޭތީއެވެ!

މިފަދަ މީހުންނަކީ ދެފުށް ދެގޮތް މީހުންނެވެ. މުނާފިޤުކަމުގެ ޢަލާމާތް ފެންނަން ފުރިހައަށް ހުރުމުންނެވެ. އެފަދަ މީހުން ކުރާ ފާފައިގެ ޢަޛާބު އެތައް ގިނައަކަށް އިތުރުވެގެންދާނެއެވެ.

މުނާފިޤުން ވާނީ ނަރަކައިގެ އެންމެ ތިރީ ވަތްގަނޑުތަކުގައިކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! އެއީ އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނެ ބައިތަކެވެ.

ވީމާ ތިމާއަކީ ކިތަންމެ ޢިލްމުވެރި، ކިތަންމެ ހެޔޮ ލަފާ މީހަކު ކަމަށް ދައްކައިގެން އުޅޭ މީހަކުނަމަވެސް އޭނާއަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިއެއްކަން ޔަޤީން ނުކޮށް އެމީހަކަށް ތަބަޢަ ނުވާށެވެ! ފަރުޟު 5 ނަމާދު ޖަމާޢަތުގައި ކުރުމާއި އެހެންވެސް އަޅުކަންކުރުމުގައި ޢަމަލުން ނަމޫނާ ނުދައްކާ މީހުންނަށް ބިރުވެތިވާށެވެ! އެމީހުންނާއި އެކުގައި ނުވާށެވެ! އެއީ އާޚިރަތް ދުވަހު އެފަދަ މީހަކާއިއެކު ތިބާ މަހްޝަރުކުރައްވަވައިފާނެ ކަމުގެ ބިރަށެވެ! އެންމެ ބޮޑު ބިރަކީ ހަމައެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން