ކޮންމެވެސް ކަމަކާއި ކަންބޮޑުވާން ނުޖެހޭ މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަންކަމެވެ. އެކި މިންވަރަށެވެ. އެހެންވެ ބަޔާން މިކުރަނީ އެކަމަކުން އަރައިގަނެވިދާނެ ފަސޭހަ ގޮތެކެވެ. އިން ޝާ ﷲ
ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮންނަނީ ދެމަފިރިންގެ މައްސަލަތަކެވެ. އެފަދަ ކަމެއް ކުރިމަތިވެފައިވާނަމަވެސް ނިކަން މިމަގުން ޢަމަލުކޮށްލައިބަލާށެވެ!
އަހަރެން މިވާހަކަ މިދައްކަނީ އެއްވެސް ޙަދީޘްފުޅަކުން ނުވަތަ އެނޫންވެސް އެފަދަ ގޮތަކުން ފެންނަން އޮވެގެނެއް ނޫނެވެ! ނަމަވެސް ގިނަބައަކު ކިޔައިދީފައިވާ އެމީހުންގެ އަމިއްލަ ތަޖުރިބާތަކުގެ އަލީގައެވެ. ވީމާ މިކަމުގައި އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. އިންސާނުންނަށް ކުރެވޭ ތަޖުރިބާއަކީވެސް ހަމަ މުހިންމު އެއްޗެކެވެ.
ދަމުނަމާދުކޮށް ކަންކަމަށް އެދި ދުޢާކުރާ މީހުންގެ ތެރެއިން ވަރަށް މަދު މީހަކު ނޫނީ ބުނެފައިވަނީ އެމީހުން ކުރާ ދުޢާ ވަރަށް އަވަހަށް ޢިޖާބަކުރައްވަވާ ކަމަށެވެ. އަދި ގިނަ މީހުން ބުނަނީ 40 ހަމަވުމުގެ ކުރިން ރަނގަޅު ގޮތްތައް މެދުވެރިވާ ކަމަށެވެ. ރަނގަޅު ޙައްލެއް ލިބިގެންދާ ކަމަށެވެ.
ކުރިންވެސް ބުނިފަދައިން މިއީ ބައެއް މީހުން ބުނާ ވާހަކައެކެވެ. ބައެއް މީހުންނަށް އެގޮތަށް ކަންކަން ދިމާނުވެވެސް ހިނގައިދާނެއެވެ. ދުޢާ ޢިޖާބަކުރެއްވެވުމާއި ޙާލަތު ބަދަލުވެގެންދާނީ ﷲ ތަޢާލާ އެކަމަށް މިންވަރުކުރެއްވެވުމުންނެވެ.
ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ މަތިވެރި ނަމާދެވެ! ދަމުނަމާދުކުރަންވާނީ ދުޢާކުރުމުގެ ބޭނުމަކު ނޫނެވެ. އެއީ އެންމެ މަތިވެރިކަން ބޮޑު ސުންނަތް ނަމާދުކަމުގައިވީތީއެވެ! ދަމުނަމާދުކުރުމަށްފަހު ދުޢާކޮށް އެމީހަކު ބޭނުން ކަމަކަށް އެދި ދެންނެވުމަކީ ތަފާތު ކަމެކެވެ.
ވީމާ މިކަން ހިތުގައި ބާއްވައިގެން ނިކަން ދަމުނަމާދުކޮށް ދުޢާކުރަން ފަށައިބަލާށެވެ! އަދި ބޭނުންވާ ކަންކަން ޙާޞިލުކުރެވުމުންވެސް ދަމުނަމާދުކުރުން ހުއްޓާނުލައި ކުރަމުން ގެންގޮސްބަލާށެވެ! އެކަމުން ޙަޔާތަށް ލިބޭ ކުރިއެރުން ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!
ހަމަ ޤައިމުވެސް 40 ވަންދެން ދަމުނަމާދުކޮށް ޛިކުރުކޮށް ދުޢާކޮށްފިނަމަ އެކުރެވުނީ ގެއްލިގެން ނުދާނެ ބޮޑު ހެޔޮ ކަމެކެވެ. އެންމެ ބޮޑު އެއް ފައިދާއަކަށްވާނީ އެކަންކަން ކުރަން އާދަވުމެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން