ހެޔޮލަފާ މީހުންނާ ގުޅިގެން އުޅުމުން ކުރާނެ އެންމެ ބޮޑު ފައިދާ އެނގޭތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ހެޔޮލަފާ މީހުންނާ ގުޅިގެން އުޅުމުން ކުރާނެ އެންމެ ބޮޑު ފައިދާ އެނގޭތަ!

ފުރަތަމަ ބަލައިލަންވީ ހެޔޮލަފާ މީހުންނަކީ ކޮބައިތޯއެވެ. ހެޔޮލަފާ މީހުން ކަމުގައި ބުނެވެނީ ހެޔޮ ގޮތުގައި ކަންކަންކުރާ މީހުންނަށެވެ. އެއީ ދިރިއުޅުމުގެ ކަންކަން ނަމަވެސް، އަދާކުރާ ވަޒީފާނަމަވެސް، އާމްދަނީ ހޯދަން ކުރާ މަސައްކަތް ނަމަވެސް އަދި އާޚިރަތް ހޯދަން ކުރާ މަސައްކަތުގައި ނަމަވެސްމެއެވެ. 

ހެޔޮލަފާ މީހުންނާއިއެކު އުޅުމުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ އެމީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދަސްވުމެވެ. ތިމާގެ ކިބައިގައިވެސް އެސިފަތައް އަށުގަތުމެވެ. މިކަންކަމުގެ ތެރެއިންވެސް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ތަޤްވާވެރިކަމުގައި ދިއުމެވެ. އެއީ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ފައިޑާކުރާނެ ކަންތަކެވެ.  

ޔުނީގަ ހެޔޮލަފާ މުސްލިމް ދަރިވަރުންނާއިއެކު އުޅުމުން އިސްލާމްދީނަށް ލޯބިޖެހި އިސްލާމްވި ޒުވާނެއްގެ ވާހަކަ ކިޔައިދޭނަމެވެ. މިފަދަ އެތައް ޙާދިސާތަކެއްގެ ވާހަކަވެސް ކިޔައިދީފާނަމެވެ.ވަޤުތުވާވަރަކުން ގެންދާނީ ކިޔައިދެމުންނެވެ.  

މިއީ އަލަށް އިސްލާމްވެ މިހާރު ދީނަށް ޚިދުމަތްކުރަމުން ގެންދާ ޒުވާނަކު ބުނެފައިވާ ވާހަކަކޮޅެކެވެ.  

"އެދުވަހުގެ ހެނދުނު ނިދީން ހޭލެވުމާއިއެކު ވިސްނަން ފެށުނެވެ. ހީވަނީ މީހަކު ބުނާކަހަލައެވެ. "އިސްލާމް ދީނަކީ ޙައްޤު ދީންކަން މިހާރު ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. ވީއިރު އިސްލާމް ނުވެ ތިއަ މަޑުކުރަނީކީއްވެގެން ހެއްޔެވެ؟" އެދުވަހު ޔުނިއަށް ގޮސް މުސްލމް އެކުވެރިއެއްގެ ގާތުގައި ބުނީމެވެ. ކޮންމެވެސް މިރޭ އަހުރެންގެ ގެއަށް އައިސްދޭށެވެ."  

އޭނާ އައިއިރު އަހުރެން އިނީ މަތީބުރީގައި އެހެން ދަރިވަރުންތަކަކާއިއެކު ފިލާވަޅުދަސްކުރާށެވެ. ފައިބައިގެން ގޮސް ބައްދަލުކުރުމުން އޭނާ ސުވާލުކުރިއެވެ. "އަޚާއެވެ! އަނެއްކާ ކޮންކަމެއް ޖެހުނީހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "ބޭނުންވަނީ އިސްލާމްވާށެވެ!" ބުނުމާއިއެކު އޭނާ ބުންޏެވެ. "ތިއަކަން ތިއަހެން ވާނެކަން ކުރިންވެސް އެނގެއެވެ. އެއީ ރޯދަމަހު އެއްރޭ އަހުރެންނާއިއެކު މިސްކިތަށް އައިމެއް ނޫންހެއްޔެވެ؟ އެރޭގެ ތަރާވީޙް ނަމާދުގެ ސަޖިދައިގައި އެތައް ފަހަރަކު އަޚާއަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރީމެވެ."އެއަށްފަހު އޭނާ އަހުރެންނަށް ޝަހާދަތް ލައިދިނުމުން އަހުރެން އިސްލާމްވީމެވެ.  

ކޮންމެއަކަސް އެރޭ ނިދީ ވަރަށް އުފަލުންނެވެ. އިސްލާމްވެވުނީތީއެވެ. ހީވީ ކޮނޑުގައި އެޅިފައި އޮތް ބޮޑު ބުރައަކުން ސަލާމަތްވެވުނުހެންނެވެ."  

މިޒުވާނާގެ ވާހަކަކޮޅުން އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޔުނިވަރސިޓީގައިވިޔަސް މަސައްކަތުގައިވިޔަސް އެކުވެރިންނަށް އިސްލާމް ދީނަށް ދަޢުވަތުދޭށެވެ. އެމީހުންނަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ދެން ފާހަގަކޮށްލަން ބޭނުންވަނީ ރަނގަޅު މީހުންނާއިއެކުގައި އުޅުމުގެ މުހިންމުކަމެވެ. މިޒުވާނާއަށްވެސް އެކުރީ އެކަމުގެ ފައިދާއެވެ. އަހުރެމެން މުސްލިމުން އެކުވެރިންކަމުގައި ބަލަގަންނަންވާނީ ދީނަށް ލޯބިކޮށް، ދީނަށް ޢަމަލުކުރާ މީހުންނެވެ.  

އަހުރެންގެ ސުވާލަކީ ޔުނީގައި ކިޔަވާއިރު އެހެން ދީންތަކުގެ ކުދިންނާއި ބައްދަލުވުމުން އެޒުވާނާ ފަދައިން ޢަމަލުކުރަމުހެއްޔެވެ؟ އިސްލާމް ދީނުގެ މަތިވެރިކަން އަންގައިދީ އެކުދިން ޝައުޤުވެރިކުރުވަން މަސައްކަތްކުރަމުހެއްޔެވެ؟ ތިބާގެ ސަބަބުން އެންމެ މީހަކު އިސްލާމްވިނަމަވެސް ތިބާއަށް ލައްވަވާނެ ރަޙްމަތް ހާދަބޮޑުވާނެއެވެ. އެއީ ތިބާ ސުވަރުގެ ވައްދަވާ ސަބަބުކަމުގައިވުމަކީވެސް ގާތުގައި އޮތް ކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން