ދީނަށް ޢަމަލުކުރަން މަސައްކަތްކުރިނަމަވެސް ބަލިފައަކީ ހިތްނުފުރުންކަމަށްވެ ރީތި އަންހެނަކު ފެންނައިރަށް ފަހަތުން ދުވެވި އޭނާ އާއި ގުޅުންހިންގަން ބޭނުންވެވޭމީހުން ތިބެއެވެ. އެތައް ފަހަރަކު ތައުބާވުމުންވެސް ފާފަކުރުން ހުއްޓައި ނުލެވޭ މީހުންވެސް ތިބެއެވެ.
މިޙާލަތުގައި މިކަމުން ސަލާމަތްވާން ޢަމަލުކުރާނެ ގޮތްކާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
ފުރަތަމަ ކަމަކަށްވެސް ފާފަކުރުމާއި ދުރުހެލިވާން ކުރާ މަސައްކަތަށް ތަޢްރީފްކުރަމެވެ. ތިބާގެ ހިތުގައި އީމާންކަމުގެ ނޫރު އެބަވެއެވެ. ހުޅުކޮޅު ކުޑައީއެވެ. އޮތީ ބޮޑުކޮށްލަން މަސައްކަތްކުރުމެވެ.
ދެން ބުނެލަން އޮތީ ދުލުން ތައުބާގެބަސްބުނެލުމުގެ އިތުރުން ހިތުންވެސް ތައުބާވާން މަސައްކަތްކުރާށެވެ! ތިއަކަން ތިއަގޮތަށް މެދުވެރިވާ ސަބަބު ނައްތައިލާށެވެ! އެކަނިހުރުމުން ކަމަށްވާނަމަ ކައިވެނިކުރާށެވެ! ކައިވެނިކޮށްގެން ހުރިނަމަ، އަނބިމީހާގެ ކިބައިން ހިތް ނުފުރޭތީކަމަށްވާނަމަ އަދި ތަނަވަސްކަން ހުރިނަމަ އިތުރު އަންތބަކު ހޯދާށެވެ.
ގިނަ ފަހަރަށް ތިއަބާވަތުގެ ޢަމަލުތައް ކުރެވޭ އެއްސަބަބަކީ އެކުގައި އުޅޭ އެކުވެރިންނެވެ. ދެވަނަ ސަބަބަކަށްވެފައި އޮންނަނީ އިންޓަރނެޓުން ބަރަހަނާ ބެލޭކަމެވެ. ހިލޭ އަންހެނުންނާއި ވާހަކަ ދެއްކުމުގައި ދައްކައިގެން ނުވާނެ ބާވަތުގެ ވާހަކަތައް ދެއްކޭ ކަމެވެ. މިފަދަ ސަބަބުތަކަށް ފަރުވާތެރިވާށެވެ!
މީގެ އިތުރުން ބިރެއް ނެތި ފާފަތައް ކުރާ ގިނަ ބައަކު އުޅޭ ގޮތައްވެސް ހުރެއެވެ. އެކަމުގެ ސަބަބުން ފާފަކުރަން ޝައުޤުވެރިވެވޭފަދަ ކަންކަން ފެނެއެވެ. މިއީވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. އެހެން އެއްވެސް ގޮތަކުން ބޯހިޔާވަހިކަން ހޯދެން އޮތްނަމަ އެގައަކުން ނުކުންނާށެވެ. އެކަމަށް ކުރަންޖެހުނަސް ކަންބޮޑުނުވާށެވެ. ﷲ ތަޢާލާ މާފުރިހަމަ ބަދަލު ދެއްވަވާނެތެވެ. އިން ޝާ ﷲ
ކޮންމެ މުސްލިމަކަށްވެސް ޔަޤީންކަން އެންމެ ބޮޑު ކަންމުގެ ތެރޭގައި ތައުބާވުމުން ފާފަފުއްސަވައިދެއްވަވާނެކަމާއި ފާފަނުކޮށް ހުންނަން މަސައްކަތްކުރުމުން އެކަމަށް މަގުދައްކަވާނެކަން ހިމެނެއެވެ. ވީމާ އޮންނާނީ އެމީހަކަށް ހިތްވަރުކުރަން ކެރުނު ވަރެކެވެ! އިން ޝާ ﷲ
- ޖަވާބުގައި ހިމެނޭ މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން