ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރާނަމަ ކައިވެނި އެކުރަނީ މީހާއަކާ ނޫން! އޭނާގެ އަތުގަހުރި ފައިސާއާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރާނަމަ ކައިވެނި އެކުރަނީ މީހާއަކާ ނޫން! އޭނާގެ އަތުގަހުރި ފައިސާއާ!

ފައިސާއަށް ދަހިވެތިވާ ނުވަތަ ހުރިހާ ސަމާލުކަމެއް ފައިސާއަށް ދޭ އަންހެނުން އުޅެއެވެ. އަދި ފިރިހެނުންވެސް އުޅެއެވެ. އެކަން ޤަބޫލުކުރަމެވެ. އަނބިމީހާގެ ކިބައިން ނުވަތަ ފިރިއެއްގެ ކިބައިން ޙާޞިލްކުރަން އެންމެ ބޮޑަށް ބޭނުންވާނެ ކަންކަން ޙާޞިލުނުކުރެވޭނެކަން އެނގިހުރެވެސް އަނެކާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ކައިވެނިކުރަނީ އެމީހާއަކާއެއް ނޫނެވެ، އޭނާގެ އަތުގައި ހުރި ފައިސާއާއިއެވެ.  

ވީމާ އެކަމަށް ދެކޮޅު ހަދާކަށް ނެތީމެވެ. ނަމަވެސް އެއީ އެމީހުންގެ ކިބައިގައި ވަފާތެރިކަމެއް ނެތް މީހުންނެވެ. ތެދުވެރި، ވަފާތެރިން ބަލާނީ ހަމައެކަނި ތަނަވަސްކަމަކަށް ނޫނެވެ. އެމީހުންނަށް ޢިއްފަތްތެރިކަމާއިއެކު ދިރިއުޅެވޭނެ ގޮތަށްވެސް ބަލާނެއެވެ.  

މިބާވަތުގެ ކައިވެނިތަކުގައި ކުށްވެރިކުރަންވީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. ކައިވެނިކުރާ މީހާއަށްވެސް އެކަން ރަނގަޅަށް އެނގޭނެއެވެ. އޭނާ ކައިވެނިކުރަނީ އެކަން ރަނގަޅަށް އެނގިހުރެއެވެ. ވީމާ ކައިވެނިކުރުމަށްފަހު އަނބިމީހާ ބޭވަގާތެރިވާކަމުގެ ޝަކުވާ ކުރާނެ ޖާގައެއްވެސް ނެތެވެ.  

ތަނަވަސް ދިރިއުޅުމަކަށް ލޯބިކުރާ އަންހެނުން ގިނަވާނެ ކަމަށް ބުނާ ބުނުމަކީ އެންމެ ރަނގަޅު ބުނުމެއް ނޫނެވެ. އެއީ ތެދެއްނަމަ އަންހެނުންގެ އާބާދީގެ 80 އިންސައްތަ އަންހެނުން ތިބޭނީ ކައިވެނިނުކޮށެވެ.  

ރަނގަޅު އަންހެނުން ބައިވަރެވެ. ކައިވެނިކުރާއިރު އެކަނބަލުން ބަލާނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. އޭނާގެ އަޚްލާޤަށާއި ސިފައަށާއި އޭނާގެ މިޒާޖަސްވެސް ބަލާނެއެވެ. އަދި ކައިވެނިކޮށްގެން ދެން ބޭނުންވާނެ ކަންކަމަށްވެސް ބަލާނެއެވެ. ޖުމުލަކޮށްލާފައި ބުނާނަމަ ކާމިޔާބު ކައިވެންޏެއް މިހުރިހާ ކަންކަމާއިވެސް އޮންނާނީ ގުޅިލާމެހިފައެވެ.  

ކައިވެންޏަށްފަހުގައިވެސް ތިމަންނާ މިވެނި އެވަނި ކަންކަމެއް ބޭނުން ނޫނޭ ބުނެފާނެއެވެ. ނަމަވެސް އެއީއަކީވެސް ރަނގަޅުވާހަކައެއް ނޫނެވެ. އިންސާނާގެ ހަށިގަނޑު އެދޭކަންކަމާއި ދުރުހެލިވެގެން ހުރެވޭނީ ކިތައް ދުވަހު ހެއްޔެވެ؟ މުޅި ޢުމުރުގައި އެގޮތަށް ކެތްކޮށްގެން ހުރެވޭނީ ކާކަށް ހެއްޔެވެ؟ ނުވަތަ ކިތައް މީހުންނަށް ހެއްޔެވެ؟ އެފަދަ ކެތްތެރި މީހުން ޙާލަކުން މީހަކު ނޫނީ ތިބޭނެކަމަށް އަހުރެން ޤަބޫލެއް ނުކުރާނަމެވެ. 

ވީމާ ކައިވެންޏެއް ކުރާއިރު މިބުނި ކަންކަމަށް ސަމާލުކަން ދިނުމަކީ ފިރިހެނުން ކުރަންޖެހޭނެ ކަމެކެވެ. އަދި އަންހެނުންވެސް ކުރަްނޖެހޭނެ ކަމެކެވެ. އަތުގައި ފައިސާހުރިނަމަ ވަށައިގެން އެނބުރޭނެ ކިތަންމެ ބައަކުވެސް ލިބިދާނެއެވެ. ވިސްނަންވީ އެމީހުންނަކީ ކައިވެނިކޮށްގެން ކައިވެނީގެ މަޤްޞަދު ޙާލުކުރަން މަސައްކަތްކުރާނެ ބައެއް ނޫންކަމެވެ. އެމީހުން ކައިވެނި އެކުރަނީ މީހާއަކާއެއް ނޫނެވެ. ފައިސާއާއިއެވެ.  

އަހުރެންނަކީ ކައިވެނީގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ކައުންސެލިންގދޭ އަންހެނަކީމެވެ. އަހުރެން މިވާހަކަތައް މިދައްކަނީ މައްސަލަ ޖެހިގެން އަންނަ މީހުން އަމިއްލައަށް ކިޔައިދޭ ވާހަކަތަކަށް ބަލައިގެންނެވެ. އަހުރެންގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. އެބުނަނީ ތެދުކަން އަހުރެންނަށްވެސް ޤަބޫލުކުރެވޭތީއެވެ.   

އަހުރެން ބުނާނީ ކައުންސެލިން ހޯދަން މަސައްކަތްކުރަންވީ ކައިވެނިކޮށް ފޭލްވުމަކުން ނޫނެވެ. ކައިވެނިކުރުމުގެ ކުރިންނެވެ. ޚާއްޞަކޮށް ޢުމުރުގެ ތަފާތު ބޮޑުކޮށް ކައިވެނިކުރާނަމަ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން   

މިއަދު އޮންލައިން