ލޮބުވެތި މައިންބަފައިން ފުރަތަމަވެސް ވިސްނަންވީ ތިމާމެން ކައިވެނި ޙާލަތަށެވެ. އެއިރު ތިމާމްނެގެ ހުރިހާ ކަންކަން ހުރީ އެންމެ ފުރިހަމައަށް ހެއްޔެވެ؟ ދަރިން ކައިވެނިކުރަން ބޭނުންވުމުންވެސް މިކަންކަން ހިތަށް ގެންނަންވާނެއެވެ. އިންކާރުކުރަންވާނީ އެކަންކަމަށް ވިސްނައި އިންކާރުކުރަން މަޖުބޫރުވެއްޖެނަމައެވެ.
އަންހެން ދަރިއަކަސް ފިރިހެން ދަރިއަކަސް ކައިވެނިކުރާނެ ބައިވެރިއަކު ނިންމައި އެކަމުގެ ހުއްދައަށް އެދިގެން މައިންބަފައިންގެ ގާތަށް ދިއުމުން ފުރަތަމަ ކަމަކަށް އެކަމަށް އިންކާރު ނުކުރާށެވެ! ދަރިފުޅު އިޚްތިޔާރުކުރި ބައިވެރިޔާއާއި އަދި އޭނާގެ ޢާއިލާ އާއިވެސް ބައްދަލުކުރާށެވެ!
ދެނެގަންނަން ޖެހޭ ކަންކަން ދެނެގަތުމަށްފަހު ބައިންބަފައިންނަށް ފާހަގަކުރެވުނު ކަންކަން ދަރިފުލަށް ވިސްނައިދޭށެވެ. ކައިވެނިން ނުކުންނާނެ ކަމަށް ބެލެވޭ ނަތީޖާ ވިސްނައިދޭށެވެ. އެއަށްފަހު ބުނާށެވެ!
"މިބުނެދިނީ އަހުރެމެންގެ ތަޖުރިބާއަށް ބަލައި އަހުރެމެންނަށް ވިސްނުނު ކަންކަމެވެ. އޭނާ އާއި ކައިވެނިކޮށްފިނަމަ ޖެހިދާނެ ކަންކަން އުފުލުމުގެ ޒިންމާ އުފުލަންހުރީ ދަރިފުޅެވެ. ވީމާ ގޮތް ނިންމުން އޮތީ ދަރިފުޅަށެވެ." މިފަދައިން ބުނެފައި ދަރިފުޅުގެ އަތްމައްޗަށް ދޫކޮށްލާށެވެ!
ގޮތް ނިންމަން ދަރިފުޅުގެ އަތްމައްޗަށް ދޫކޮށްލިނަމަވެސް ދަރިފުޅަށް ހެޔޮވިސްނުން ދެއްވެވުމަށާއި ރަނގަޅު ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމުން ގެންދަންވާނެއެވެ. މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް ކައިވެނިކުރިނަމަވެސް ރުޅިވެރިކަން ނުބާއްވާށެވެ! ޢާއިލާއިން ބާކީކޮށްނުލައި ހެޔޮދުޢާކުރަމުންގެންދަންވާނެއެވެ.
ވިސްނާށެވެ! އިންސާނުންގެ ވިސްނުމާއި ޢަމަލުތައް ބަދަލުވެއެވެ. އެކުއްޖަކު ކުރިން އުޅެމުން އައި ނުރަނގަޅު ގޮތްތައް ދޫކޮށްލައި ހުރިހާ ގޮތަކުން ހެޔޮލަފާ ކުއްޖަކަށް ބަދަލުވެސް ވެދާނެއެވެ. ބަދަލުވެފައިވެސް އެބަހުއްޓެވެ. ވީމާ އެއްވެސް ކުއްޖަކު އަބަދު އުޅޭނީ ގޯސްކޮށްކަމަށް ބަލައިގެން ނުވާނެއެވެ.
އަދިވެސް އެއްކަންތައް ފާހަގަކޮށްލާނެއެވެ! މައިންބަފައިންގެ ނުރުހުމުގައި ކައިވެނިކުރުމުން ދަރިފުޅާއި ނުޤަބޫލުވެއްޖެނަމަ މުޅި ޢުމުރަށް ދަރިފުޅު ގެއްލިގެންވެސް ދެއެވެ. ވީމާ އެފަދަ ފިޔަވަޅެއް އަޅަންވާނީ ހެދޭނެ އެހެން އެއްވެސް ގޮތެއް ނެތިއްޖެނަމައެވެ. ކައިވެންޏަށްފަހު ދަރިފުޅަށް އެއްބާރުލުންދީގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައިވެސް އެހެން ގޮތެއް ނެތިއްޖެނަމައެވެ.
- އަލަފް / މިއަދުނޫހަށް