ދިރިއުޅުމުގަ ދިމާވާ މައްސަލަތައް ޙައްލުނުކުރެވި ގިނަދުވަސްވެ ފިތުނައަކަށް ބަދަލުނުވާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދިރިއުޅުމުގަ ދިމާވާ މައްސަލަތައް ޙައްލުނުކުރެވި ގިނަދުވަސްވެ ފިތުނައަކަށް ބަދަލުނުވާނެ ގޮތް-

އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ގޮތަށް އުޅުމަކީ ކުރަން އެހައިފަސޭހަ ކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއް އަބަދުވެސް ކުރިމަތިވާނެތީއެވެ. ޢާއިލާގެ ތެރޭގައިވެސް، ދެމަފިރިންގެ މެދުގައިވެސް އަދި އެކުވެރިންނާއިވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އެހެންކަމުން އަހުރެމެންނަށް އޮތީ މައްސަލަތައް ޙައްލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. 

ފުރަތަމަ ކަމަކަށް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށް ބަލައިލަމާ ހިނގާށެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ގިނަ ފަހަރު ޙައްލު ނުކުރެވި ދިގުލައިގެންދާ އެއް ސަބަބަކީ އެމައްސަލައެއް ޙައްލުކުރަން މަސައްކަތް ނުކުރެވި، އަދި އެއް ކަމަކާއި ގުޅިގެން އެތައް ފަހަރަކު ޒުވާބުކުރެވޭތީއެވެ. 

ވިސްނާށެވެ! މައްސަލަ ޖެހުނުތާ އަހުރުވީއެވެ. މައްސަލަ ޙައްލުކުރަން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވެއެވެ. އެކަމަކު ކޮންމެ ދެދުވަހަކުންހެން އެކަމާއި ގުޅިގެން އެބަ ޒުވާބުކުރެވެއެވެ. "އިއްޔެ މިހެންބުނި. ކުރީ ދުވަހު އެހެންބުނި." މިގޮތަށް އެތައް ހާސް ފަހަކަރު ބުނެވުނަސް މައްސަލަ ޙައްލުކުރަން ކުރަންޖެހޭ ކަމެއް ނުކުރެވޭނަމަ ޙައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މައްސަލައެއް ޖެހިއްޖެނަމަ ޙައްލުކުރަން ފުރަތަމަވެސް ކުރަން އޮތް ކަމަކީ ޙިކުމަތްތެރިކަމާއިއެކު މުޢާމަލާތުކުރުމެވެ. ކަންކަން ކާމިޔާބުކުރެވޭނީ ޙިކުމަތްތެރިކަމާއިއެކު މުޢާމަލާތުކޮށްގެންނެވެ. ޒުވާބުކޮށްގެނެއް ނޫނެވެ. 

މީސްތަކުންނަށް ދީނަށް ގޮވާލައްވަން، ދަޢުމަތު ދެއްވަވަން ﷲ ތަޢާލާ، އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަޙީކުރެއްވެވިއިރު ވަޙީކުރައްވަވާފައިވަނީ މީސްތަކުންނާއި ޙިކުމަތްތެރިކަމާއިއެކު މުޢާމަލާތު ކުރެއްވެވުމަށެވެ. 

ވީމާ މިކަމުންވެސް އެނގިގެންދަނީ ކަންކަން ޙައްލުކުރަން ބޭނުންވާނަމަ އަދި އެކަމެއް ކާމިޔާބުކުރަން ބޭނުންވާނަމަ ޙިކުމަތްތެރިކަމާއިއެކު މުޢާމަލާތުކުރުމުގެ މުހިންމުކަން ބޮޑުކަމެވެ. 

އެއީ ފިރިމީހާކަމަށްވީނަމަވެސް އަނބިމީހާ ކަމަށްވީނަމަވެސް ދަރިންކަމަށްވީނަމަވެސް، ޢާއިލާގެ މީހުން ކަމުގައިވީނަމަވެސް އަދި އެކުވެރިން ކަމުގައިވީނަމަވެސް ކަންކަން ޙައްލުކުރަން މުޢާމަލާތުކުރަންވާނީ ޙިކުމަތްތެރިކަމާއިއެކުގައެވެ. 

ރަނގަޅަށް ވިސްނާށެވެ.! ދަންނަ އެކުވެރިންގެ ދިރިއުޅުން ދިރާސާކުރާށެވެ. ކަންކަމާއި ގުޅިގެން ރުޅިގަދަވެ ، ރުންކުރުވެ، ދެބަސްވެ ޒުވާބުކުރާ ދެމަފިރިންނަށް އެކުގަ އުޅެން އުނދަގޫވާނެއެވެ. އެއްވެސް މައްސަލައެއް ޙައްލެއްވެސް ނުކުރެވޭނެއެވެ. އެކަމަކުވެސް ޙިކުމަތްތެރިކަމާއިއެކު މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރާނަމަ މައްސަލަތައް ފަސޭހައިން ހައްލުކުރެވޭނެއެވެ. ދެބަސްވާކަށް ނުޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

 

މިއަދު އޮންލައިން