ނަމާދުކުރިނަމަވެސް ގިނަ ބައަކު ފޭލްވަމުންދަނީ މިޙަދީޘްފުޅަށް ވިސްނައިގެން ނަމާދުނުކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ނަމާދުކުރިނަމަވެސް ގިނަ ބައަކު ފޭލްވަމުންދަނީ މިޙަދީޘްފުޅަށް ވިސްނައިގެން ނަމާދުނުކުރާތީ!

ބައެއް ޢިލްމްވެރިން ސިފަކުރައްވާ ގޮތުގައި ކާމިޔާބީ އާއި ނާކާމިޔާބީ ގުޅިފައިވަނީ ނަމާދާއިއެވެ. އެހެންކަމާއިއެކުވެސް ނަމާދަށް ދޭންޖެހޭ ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ސަމާލުކަން ނުދެވި ކުރާ ނަމާދުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ދެން މިބަލައިލަނީ ކުރާ ނަމާދާއިމެދުގައެވެ!  

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ނަމާދުކުރާ ބައެކެވެ. ތިބާގެ ޢުމުރަކީ 40، 50، 60 އަހަރު ކަމުގައިވެސް ވެދާނެއެވެ. އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ޢުމުރުން މިހައިދުވަސްވީއިރުވެސް، އެތައް ހާސް ނަމާދުތަކެއް ކުރެވުނުއިރުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅާއި އެއްގޮތަށް އެންމެ ނަމާދެއްކުރަން ވެސް މަސައްކަތްކޮށްފިންހެއްޔެވެ؟  

އެ ޙަދީޘްފުޅަކީ ހުރިހާ މުސްލިމުންވެސް ދަންނަ ހަދީޘްފުޅެކެވެ. "ކުރާ ކޮންމެ ނަމާދަކީވެސް ތިމާއަށް ކުރެވޭ އެންމެ ފަހު ނަމާދުކަމަށް ބަލައި ކޮންމެ ނަމާދެއްވެސް ވީހައި ފުރިހަމައަށް ކުރަން" އޮތް ޙަދީޘްފުޅެވެ.  

މީސްތަކުންނޭވެ! ދެން ކުރާ ނަމާދެއް ނުވަތަ ވަގުތުވެގެން ކުރާ ނަމާދެއް ފުރިހަމައަށް ކުރަން ވިސްނައި އެވަގުތު ކުރާ ނަމާދަށް ފަރުވާކުޑަނުކުރާށެވެ! އިތުރު ނަމާދެއް ކުރަން ފުރުޞަތު ނުލިބި ދުނިޔެ ދޫކުރަންޖެހިދާނެއެވެ.  

ތިބާއަށް ދުނިޔެ ދޫކުރަންޖެހުނީ ފަރުވާކުޑަކޮށް ނަމާދުކުރާ މީހެއްގެ ގޮތުގައިހުރެ ކަމަށްވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ދުނިޔެ ދޫކުރަންޖެހުނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވީހައި ބޮޑަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ވެއްޖެ ނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ.  

ކޮންމެ ނަމާދެއްކުރާއިއރުވެސް ވީހައި ބޮޑަށް ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ. ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ އެކަން މިންވަރުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ! ޤަބޫލުކުރަމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދައްކާނެ ވާހަކަ ނެތިގެނެއްވެސް ނޫނެވެ. ކުރާ ނަމާދު ނަމާދަކަށް ހެދިގެން ނޫނީ ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ނެތުމުންނެވެ. ވީމާ އެކަމަށްވުރެ މުހިންމުކަން ބޮޑު އެހެންކަމެއް ނެތުމުންނެވެ.  

ވިސްނާށެވެ! އަހުރެމެން އެއްޗެއް ގަންނައިރުވެސް އެއްޗެއްގެ ފެންވަރަށް ބަލަމުއެވެ. މީހަކު ލައްވައި މަސައްކަތްކުރުވިނަމަވެސް އެމަސައްކަތްކޮށްފައި ހުރި ފެންވަރަށް ބަލަމުއެވެ. އަދި ކީއްހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންކަމުގެ ފެންވަރަށްވެސް އެބަބަލަމުއެވެ. މިހުރިހާ ކަމަކުންވެސް އެނގެނީ ކުރާ ކޮންމެކަމެއްވެސް ކަމަކަށްވާނީވެސް، އެހެން މީހުންނަށް ބަލައިގަނެވޭނީވެސް އެކަމެއްގައި ފެންވަރެއް ހުރުމުން ކަމެވެ. އެހެންކަމަށްވާއިރު ކުރާ ނަމާދު އެންމެ މަތީފެންވަރުގައި ކުރަން ސަމާލުކަން ނުދެވެނީ ކީއްވެގެން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން