ލޯބިވާންޖެހޭ އަދި ލޯބިވެވޭ މީހުންވެސް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ލޯބިވެރިޔާ، ޙަޔާތުގެ ބައިވެރިޔާ، ޢާއިލާގެ މީހުން އަދި އެކުވެރިންވެސް ހިމެނެއެވެ. ވަކި މީހަކަށް ނޫނެވެ. އެންމެންނަށްވެސް އިތުބާރުކުރަންވާނީ ވަކިވަރަކަށެވެ. އަދި އެއީ ކޮންމެ މީހަކުނަމަވެސް އެމީހަކު ދެކެ ލޯބިވާންވާނީވެސް ވަކިވަރަކަށެވެ.
އިމެއް ނެތި އިތުބާރުކޮށްފިނަމަ ބޮޑު ދެރައެއް ލިބިދާނެއެވެ. އަދި އިމެއްނެތި ލޯބިވެއްޖެނަމަ އެކަމުގެ ހިތާމަކުރަންޖެހުން އޮންނާނީ ދާދި ގާތުގައެވެ.
ހަމަ އެގޮތަށް އެއްވެސް މީހަކާއިމެދު ނުވަތަ ކަމަކާއިމެދު ތިމާ މާބޮޑަށް ވިސްނާނަމަ ޑިޕްރެޝަނަށް ދާންޖެހުން އޮންނާނީ ދާދިގާތުގައެވެ. މާގިނައިން ވާހަކަ ދައްކާނަމަ ބޭކާރުވާހަކަތައް ދެއްކި އަދި ތެދުނޫން ވާހަކަތައް ދެއްކުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.
ހަމަ އެގޮތަށް ކަމެއް ޙާޞިލުވާނެކަމަށް މާބޮޑަށް ޔަޤީންނުކުރާށެވެ. އެއީ ފަހަރެއްގައިވެސް އެކަން ޙާޞިލު ނުކުރެވިއްޖެނަމަ ލިބޭނެ މާޔޫސްކަން މާބޮޑުވާނެތީއެވެ.
މީހުންނަށް ދީލަތިވާންވާނެއެވެ. ނަމަވެސް އެކަމުގައިވެސް އިންތަކުން ބޭރުނުވާށެވެ. ފައިދާކުރާނީ އިންތަކުގައި ހިފެހެއްޓީމައެވެ. ނޫންނަމަ ނާޖާއިޒު ގޮތުގައި ތިބާގެ ބޭނުންހިފާނެ މީހުން ގިނަވާނެއެވެ.
މިއީ ނަޞޭޙަތުގެ ބަސްކޮޅެކެވެ. ޢަމަލުކުރިނަމަ ފައިދާކުރާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން