ﷲ ތަޢާލާގެ ޙަޟްރަތުގަ އިބްލީސް ފޭލްވި ސަބަބު ދަސްކޮށް ޢަމަލުކޮށްގެން ނޫނީ ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ﷲ ތަޢާލާގެ ޙަޟްރަތުގަ އިބްލީސް ފޭލްވި ސަބަބު ދަސްކޮށް ޢަމަލުކޮށްގެން ނޫނީ ސަލާމަތެއް ނުވެވޭނެ!

އިބިލީހަށް ނުއެނގުނު އެންމެ ބޮޑު ކަމަކީ އާދަމްގެފާނު މަށިންހައްދަވައި އަލިފާނުން އިބްލީސް އުފެއްދެވީ ﷲ ތަޢާލާކަމެވެ. އަދި އާދަމްގެފާނަށް ސަޖިދަކުރަން އިބިލީހަށް އެންގެވީ އާދަމްގެފާނުވެސް އިބިލީސްވެސް އުފެއްދެވި ﷲ ތަޢާލާކަމެވެ. އެހެންވީމާ އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުންކަމެވެ. މިކަމުގެ އިތުރު ތަފްޞީލަށް ކޮންމެވެސް މިންވަރަކަށް ބަލައިލަމާ ހިނގާށެވެ!  

އިބިލީހުގެ ދައުވާއަކީ އޭނާ އުފައްދަވާފައިވަނީ އަލިފާނުންކަމަށްވެފައި އާދަމްގެފާނު އުފެއްދެވީ މަށިންކަމަށްވުމުން އެކަލޭގެ ދަރަޖަ މާމަތިވެރިކަމެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަކީ އެއީ ނޫންކަން ބަޔާންކުރައްވަވައި އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ ވަނީ ފޮތެއް ލިޔުއްވަވައިފައެވެ. އެފޮތުގައި ބަޔާންކުރައްވަވާފައިވަނީ އަލިފާނަށްވުރެ މަށި މާމަތިވެރިކަމެވެ. ކުރާ ފައިދާމާބޮޑުވާނެކަމެކެވެ.  

އެފޮތުގައި ލިޔުއްވަވާފައިވެއެވެ. "މަށި ބޭނުންކުރަނީ ބިނާކުރުމަށެވެ. އަލިފާނަކީ ފަނާކުރާއެއްޗެކެވެ."  

އިމާމްގެ މިބަސްފުޅުން އެނގިގެންދަނީ މީސްތަކުންގެ މަސްއޫލިއްޔަތަކަށްވާންޖެހޭނީ އިންސާނިއްޔަތާއި މުޅި ދުނިޔެ ބިނާކުރުންކަމެވެ. އަދި އަލިފާނުގެ ދައުރަކީ ދުނިޔެފަނާކުރުންކަމެވެ.  

އަހަރެމެންގެ މިއަދުހާލަތަކީ ހަމަ އިބިލީހުގެ ޙާލަތެވެ. ގިނަ ބައަކު ހާމަކުރަމުން އެގެންދަނީ ހަމަ އިބިލީސްކުރިކަންތަކެވެ. އެކުރަނީ އިބިލީސް ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރިކުށެވެ!  

އިބްލީސް ފައުޅުގައި ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވީއެވެ. އާދަމްގެފާނަށް ސަޖިދަ  ނުކުރީއެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން މާފަށްވެސް ނުއެދުނީއެވެ. އޭތީގެ ހުރި ބޮޑާކަން ދައްކައިޅީއެވެ!  

މިއަދު ގިނަ ބައަކު މިކުރާކަމަކީ ހަމައެއީއެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ވަހީބަސްފުޅުތައް، ކީރިތި ޤުރްއާނަށް ނުކިޔަމަންތެރިވަނީއެވެ. ތައުބާ ނުވަނީ އެމީހުންގެ ބޮޑާކަން ދައްކަނީއެވެ.  

ވީމާ އަހުރެންގެ ނަޞޭޙަތަކީ ތައުބާވުމަށް އަވަސްވެގަތުމެވެ. ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. ކީރިތި ޤުރްއާން ފުރިހަމަގޮތުގައި ބަލައިގަނެ ކިޔަމަންތެރިކަން އަދާކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން