ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން ނޫރު ސޫރަތުން ލިބިގަންނަންޖެހޭ ފިލާވަޅުތައް-

ކިޔުމަށް ހޭދަވާނީ 8މ 35ސ
ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން ނޫރު ސޫރަތުން ލިބިގަންނަންޖެހޭ ފިލާވަޅުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ނޫރު ސޫރަތަކީ މަދަނީ ސޫރަތެކެވެ. ހުރިހާ ޢިލްމުވެރިންވެސް އެކަމަށް އިއްތިފާޤުވެއެވެ. ވަޙީ ބާވައިލެއްވުނު އިރު މި ސޫރަތް ބާވައިލެއްވުނީ 100 ވަނައަށެވެ. ސޫރަތުލް ފަތްޙުގެ ފަހުން އަދި ސޫރަތުލްޙައްޖުގެ ކުރިންނެވެ. އަދި ކީރިތި ޤުރްއާނުގެ ތަރުތީބަށް ބަލާއިރު މި ސޫރަތަކީ 24 ވަނަ ސޫރަތެވެ. މި ސޫރަތުގައި 64 އާޔަތް ހިމެނެއެވެ. 

ނޫރު ސޫރަތުގައި ވަރަށް ގިނަ ފައިދާތަކާއި އިސްލާމީ މުޖުތަމަޢަށް ޚާއްޞަ ކަންތައްތައް ބަޔާން ކުރައްވަވާފައިވެއެވެ. އެގޮތުން ބައެއް ކަންކަން މިލިޔުމުގައި ހިމަނާލާނަމެވެ. 

· ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމުގެ މުހިއްމުކަން:  

ނަސްލު ރައްކާތެރިކުރުމަށްޓަކައި، ޒިނޭގެ ފާޙިޝް ޢަމަލުތަކުން ދުރުހެލިވުމަށާއި، މީސްތަކުންނަށް ބަދުބަސް ބުނުމުން ދުރުހެލިވުމަށާއި، މީސްތަކުންނަށް އާޚިރަތުގައި މިކަމަށް އޮތް ޢުޤޫބާތް ވެސް ފާހަގަ ކުރައްވާފައިވެއެވެ. 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾‏

މާނައީ: "ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. (19)" 

· ހުރިހާ އިންސާނުންނަށްވެސް މުޞީބާތްތައް ކުރިމަތިވާނެކަން: 

ނޫރު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ ﴿١١﴾‏

މާނައީ: "ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. (11)" 

· ފާޙިޝް ޢަމަލުތައް ހުއްޓުމައްޓަކައި ކުރެވޭނެ ކަންކަން މި ސޫރަތުގައި ބަޔާން ކުރައްވާފައިވޭ: 

އެގޮތުން ބެލުންތައް ތިރިކުރުމާއި، ޙަރާމް ކަންކަމާއި ޙައްދުތަކާއި ކައިވެނީގެ ވާހަކަވެސް މި ސޫރަތުގައި ބަޔާން ކޮށްދެއްވާފައިވެއެވެ.

ﷲ ތަޢާލާ ނޫރު ސޫރަތުގެ 30 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾‏

މާނައީ: "مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

· މުޖުތަމަޢާއި ގުޅޭ އެކި ރިވެތި އަދަބުތަކުގެ ވާހަކަ ހިމަނުއްވާފައިވޭ:  

އެގޮތުން ޒިނޭކުރުމުގެ ފާޙިޝް ޢަމަލުގެ ވާހަކައާއި، އަދަބުވެރިކުރުމާއި އުނގަންނައިދިނުމުގެ ވާހަކައާއި، ގެތަކަށް ވަނުމުގެ އަދަބުތަކާއި، ޢިއްފަތްތެރިކަން ރައްކާތެރިކުރުމާއި، މާތްالله ނަހީކުރައްވާފައިވާ ކަންކަމަށް ބެލުންތައް ތިރިކުރުމަށް އަންގަވާފައިވެއެވެ.  

ﷲ ތަޢާލާ ނޫރު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. (27)" 

· މީހުންނަށް މާފުކުރުން: 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴿٢٢﴾‏

މާނައި: "ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (22)"

މިއަދު އޮންލައިން