" ތިބާގެ ބޭނުންތައް ފުއްދަވައިދެއްވެވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާބް މަސައްކަތްކުރާށެވެ!" ބުނުމުން ބައެއް މީހުންނަށް ވިސްނެނީ މިއުޅެނީ އަޅުވައި ކަނޑަން ޖެހިގެން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެކަން އޮތް ގޮތެއް ނޫނެވެ. ކުރަން މިއުޅޭ ކަމަކީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އިތުރުވުމަށް މަސައްކަތްކުރުމެވެ. ހުރިހާ ކާމިޔާބީއެއްވެސް ގުޅިފައިވަނީ އެކަމާއިއެވެ.
ﷲ ތަޢާލާއީ ސުވަރުގޭގައި ކޮންމެ މީހަކު ނަމަވެސް ކަމަކަށް ބޭނުންވެގެން ހިތަށް އަރުވައިލުމުން އެކަމެއް ވަޤުތުން ފުއްދަވައި ދެއްވަވާ ކަލާނގެއެވެ. އަހުރެމެން ދުނިޔޭގައި މިތިބީވެސް ހަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެންނެވެ. ވީމާ ދުނިޔޭގައިވެސް އަހުރެމެންގެ ބޭނުންތައް ފުއްދަވައި ދެއްވެވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. ޔަޤީންކުރަންވީ އެކަމެވެ.
ﷲ ތަޢާލާ ވަކި ގޮތަކަށް ކުރަން އަހަރެމެންނަށް އަންގަވާފައިވާ ކޮންމެ ކަމެއް ވެސް އޮތީ ﷲ ތަޢާލާ އެންގެވި ގޮތަށް ކުރުމެވެ. އެކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމުން ވާނީ ކިހިނެއްކަމާިމެދު ވިސްނުމެއްވެސް ސުވާލުކުރުމެއްވެސް ނެތެވެ.
ފުރަތަމަ ސަބަބަކީ އެންމެހައި މަތިވެރިކަމާއި ބާރު ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ދެވަނަ ސަބަބަކީ އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުންކަމެވެ. އޮތީ ކިޔަމަންވުންކަމެވެ. ގޮތްކިޔައި ސުވާލު އުފެއްދޭނެ އެއްވެސް ހަމައެއް ނެތެވެ.
ރަނގަޅަށް ވިސްނައިލާށެވެ!
ފިރުއަޢުނު ސިހުރުވެރިން އެއްކޮށް ސިހުރު ހެއްދުވުމުން މޫސާގެފާނަށް ﷲ ތަޢާލާ އެންގެވީ އަސާކޮޅު އެއްލެވުމަށެވެ. ސިހުރުވެރިން ހެދި ސިހުރުތަކުގެ ކުރިމައްޗަށް ދަނޑިބުރިއެއް އެއްލެވުމުން ވާނެ ގޮތަަކާއިބެހޭ ގޮތުން ސުވާލެއް ނުކުރައްވަވައެވެ. ﷲ ތަޢާލާގެ މަތިވެރި އިސްމްފުޅުން ބަރަކާތް އެދިވަޑައިގެން އެއްލެވީއެވެ.
ނަތީޖާއަކީ މުޢްޖިޒާތަކަށްވެ އެ މޮޅެތި ސިހުރުވެރިން ހެދި ސިހުރުތައް ނެތިވެގެންދިއުމެވެ.
ފިރުއަޢުނުގެ ލަޝްކަރު އައިސް ވަށައިލުމުން ސަލާމަތްވެވަޑައިގެންނެވޭނެ އެއްވެސް ގޮތެއް ވިސްނިވަޑައިނުގެން ކަންބޮޑުވެވަޑައިގެންނެވި ހިނދު ﷲ ތަޢާލާ އެންގެވީ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. ދަނޑިބުރިއަކުން ކަނޑުގައި ޖެއްސެވުމުން ވާނެ ގޮތަކާއިމެދު ސުވާލެއް ނުކުރައްވަވައެވެ. ޢަމަލުފުޅު ކުރެއްވެވީއެވެ. ކަނޑުން ހިއްކަވައި ދެއްވެވީ ކުރިއަށް ވަޑައިގެންނެވޭނެ މަގެކެވެ.
ދެން ބަލައިލަންވީ ރަސޫލް ﷺ ގެ ސުންނަތަށެވެ. ﷲ ތަޢާލާ ވަކި ގޮތަކަށް ކަމެއް ކުރައްވަވަން އެންގެވުމުން އެއްވެސް ފަހަރަކު އެއްވެސް ކަމެއްގައި ސަބަބާއިމެދު ސުވާލުކުރައްވަވާފައެއް ނުވެއެވެ. ޢަމަލުފުޅު ކުރެއްވެވީއެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޔަޤީން ކުރައްވަވައިގެންނެވެ.
އަހަރެމެން މުސްލިމުން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. ރަސޫލް ﷺ ގެ ސުންނަތުގައި ހިފަހައްޓައިގެނެނެވެ. ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ކުރަން އަމުރުފުޅު ކުރެއްވެވުމުން ސުވާލު އުފެއްދުމެއް ނެތެވެ. ޝައްކުކުރުމެއް ވެސް ނެތެވެ. އޮތީ އެންމެ ރަނގަޅު ގޮތްކަން ހިތުގެ އަޑިން ޤަބޫލުކޮށް ޢަމަލުކުރުމެވެ. އެގޮތުގައި ސާބިތުވެއްޖެ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ، އެމީހަކަށް ނުވެސް ވިސްނޭނެހައި ގޮތްތަކުން އެމީހަކަށް ކަންކަން ފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
--އސްލާމީ ތިލަފަތުގެ ދަރުސަކުން