މުޅިރޭ އެކުގަ އުފާކުރުމަށްވުރެ ދެމަފިރިން އެކުގަ ރޭއަޅުކަންކުރާނަމަ ލޯބިއިތުރުވުން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މުޅިރޭ އެކުގަ އުފާކުރުމަށްވުރެ ދެމަފިރިން އެކުގަ ރޭއަޅުކަންކުރާނަމަ ލޯބިއިތުރުވުން މާބޮޑުވާނެ! އިން ޝާ ﷲ

ކޮންމެ ކަމެއް ކާމިޔާބުވުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޤްވާވެރިކަމާއި ދުޢާއެވެ. ދެމަފިރިން ކަމުގައިވާނަމަ ދެމީހުން އެކުގައިވެސް އެކަންކަމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ.

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރުދުވަހެވެ. ހުކުރު ދުވަސް އެންމެ މާތް ދުވަހަކަށްވަނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ އެއީ ﷲ ތަޢާލާ ކަނޑައޅުއްވަވާފައިވާ ގޮތެވެ! ކީއްވެގެންތޯ ސުވާލެއް ނުކުރެވޭނެއެވެ.

ހަމައެފަދައިން ރެއާއި ދުލާލުގެ ތެރެއިން އެންމެ މާތް ވަގުތުކޮޅު މިވަނީ ރޭގަނޑުގެ ތިންބައިން ފަހުބައިގައެވެ. އެވަގުތުކޮޅު މާތްވެފައި މުހިންމުވަނީ އެވަގުތުކޮޅުގައި ﷲ ތަޢާލާ 3 ވަނަ އުޑަށް ފައިބައިވަޑައިގެން ތިމަން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމާއި އެހެން ބޭނުންތކަށް އެދެނީ ކޮން ބައަކުތޯ ސުވާލުކުރައްވަވާތީއެވެ. އަދި އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމަސް ވަޙީކުރައްވަވާތީއެވެ.

އެވަގުތުގައި ނިދުމަކީ ޙަރާމް ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ރެއަކު އެވަގުތުގައި ނިދާނަމަ އެއީ މައްސަލައެކެވެ. އެއީ އވަގުތުގެ ބޭނުން ނުހިފާތީއެވެ. ރޭއަޅުކަންކޮށް ތިމާއަށް ބޭނުންވެފައިވާ ކަންކަމަސް އެދި ދުޢާނުކުރާތީއެވެ. އެތައްބައިވަރު ކަންކަމަށް ބޭނުންވެފައިވާއިރުވެސްމެއެވެ.

ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންކަމަށް ބޭނުންވެފައިވާ މީހެކެވެ. ކޮންމެ ދެމަފިރިއަކީވެސް އެތައް ބައިވަރު ކަންކަމަށް ބޭނުންވެފައިވާ ބައެކެވެ. އެތައް ބައިވަރު މައްސަލަތައް ކުރިމަތިވެފައިވާ ބައެކެވެ. ވީމާ ތިބާމެންގެ ބޭނުންތައް ފުއްދަވައިދެއްވަވަން ﷲ ތަޢާލާ ކުއްތަންވެވޮޑިގަންނަވާ ވަގުތު ކަންނެތްވެ ނިދާފައި އޮވެގެން ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ކޮންމެ ދެމަފިރިއަކުވެސް ފަޖުރުލުމުގެ ގަޑިއެއްހައިއިރުކުރިން ނިކަން ނިދީން ހޭލައިބަލާށެވެ! ކުރެވުނު ވަރަކަށް ރޭއަޅުކަންކޮށް ބޭނުންވާ ކަންކަމަށް އެދި ދުޢާކޮށްބަލާށެވެ! އަހުރެންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ބުނަން ޖެހެނީ އެކުގައި ރޭއަޅުކަންކޮށް ދުޢާކުރުމަކީ ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައްވެސް ޙައްލުވެ ލޯބި އިތުރުވެގެންދާ ކަމެއް ކަމަށެވެ.

ވީމާ ދެމަފިރިން އެކުގައި ރޭއަޅުކަންކުރަންފަށާށެވެ! ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަންފަށާށެވެ! އަދި ކިތަންމެ ލޯބިން އުޅުނު ނަމަވެސް ދެމަފިރިންގެ ހިތުގައި އެކަކު އަނެކާގެ މައްޗަށް ލޯބި އިތުރުކުރައްވަވައި ދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ. މުޅި ރޭ ދެމަފިރިން އެކުގައި އުފާކުރުމަށްވުރެވެސް ލޯބިއިތުރުވާނެއެވެ. އުފެދޭ ގާތްކަންވެސް ބޮޑުވާނެއެވެ. އިން ޝާ ﷲ

އެހެނީ ކަންބޮޑުވެ ދުޢާކުރަންވީ މައްސަލަތައް ކުރިމަތިވުމަކުންނޫނެވެ! މަސައްކަތް ކުރަންވީ މައްސލަތައް ކުރިމަތިވިއަ ނުދިނުމަށެވެ! އަބަދުވެސް އެކުގައި ލޯބިން ދިރިއުލުމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން