ދުޢާކުރުމުން ޝިފާ ނުލިބޭނަމަ ބައެއް މީހުންނަށް ވިސްނެނީ ދުޢާ ޢިޖާބަ ނުކުރެއްވެވީ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދުނިޔޭގައި ދުޢާ ޢިޖާނުކުރެއްވެވުމަކީ އަދި ދުޢާ ޢިޖާބަ ނުކުރެއްވެވުމެއް ނޫނެވެ. އެމީހަކަށް ޤިޔާމަތްދުވަހު ސުވަރުގެ ދެއްވަވާ ސަބަބަކީ ދުޢާކުރީމާވެސް ޝިފާނުލިބޭއިރުވެސް ﷲ ތަޢާލާގެ ރަޙްމަތަށް މާޔޫސްނުވެ ދުޢާކުރިކަން ކަމަށްވުމުގެ ފުރުޞަތު ބޮޑެވެ. އިން ޝާ ﷲ
ޑޮކްޓަރުން އެމީހުންނަށް ކުރެވޭނެ އިތުރު ކަމެއް ނެތުމުން ފަރުވާކުރަން މާޔޫސްވެއެވެ. ދެން ހަދާނެ ގޮތެއް ނެތުމުން ވެންޓިލޭޓަރަށް ލައެވެ. އެތައް ދުވަހެއްވަންދެން ވެންޓިލޭޓަރުގައި އޮންނަ މީހާ ގަދަވެގެން ގެއަށްދަނީ މަދުންހެއްޔެވެ؟ އެއީ ކޮންފަރާތެއްގެ ބާރުގައިކަމާއިމެދު ވިސްނައިލާށެވެ.
މީހަކު އޮތީ ވަރަށް ބަލިޙާލުގައިކަމަށްވެދާނެއެވެ. ޝިފާ ލިބޭނެ އެއްވެސް މަގެއް ފެންނަން ނެތްކަމަށްވެސްވެދާނެއެވެ. ޑޮކްޓަރުން ބުނަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަރުވާނެކަމަށް ކަމުގައިވެސް ވެދާނެއެވެ. އެމީހުން އެފަދަ ބުނުން އެބުނަނީ އެމީހުންނަށް ކަންކަން އެނގޭ މިންވަރަށް ބަލައިގެންނެވެ.
ފެންނަމުންދާ ކަމަކީ ޑޮކްޓަރުން އެގޮތަށް ބުނާ އެތައް ބައަކު އެތައް އަހަރެއްވަންދެން ދުނިޔޭގައި ތިބޭކަމެވެ. އަދި ބައެއް މީހުންނަށް ޝިފާލިބި، ބަލިން ސަލާމަތްވެ ގަދަވެ ހެޔޮޙާލުގައި ދިރިއުޅެމުން އަންނަ ކަމެވެ. އަދި ބައެއް މީހުން ކުދިކުދި އުނދަގޫތަކާއި އެކުގައިވެސް ދިރިއުޅެމުން އަންނަކަމެވެ.
މިކަންކަމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. މީސްތަކުންނަށް ދައްކަވާ "މިރެކްލް" އެވެ. ދައްކަވައި އެދެއްވަވަނީ ކޮންމެ ކަމެއް ކުރެއްވެވުމަށް ވެސް ﷲ ތަޢާލާ ކުޅަދުންވަންތަކަމެވެ. އެކަލާނގެ އިރާދަ ކުރެއްވެވުމުން ކޮންމެކަމެއްވެސް ވާނެކަމާއި އިންސާނުންނަށް އެއްވެސް ބާރެއް ލިބިގެންނުވާކަމެވެ.
ވީމާ ކިތަންމެ ޙާލުބޮޑު ބަލިމީހަކަށް ނަމަވެސް، ހުރިހާ އުންމީދުތަކެއް ޑޮކްޓަރުން ކަނޑާލާފައިވީނަމަވެސް ދުޢާކުރުން ހުއްޓައިނުލާށެވެ! އަދި އުންމީދުވެސް ކަނޑައިނުލާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ﷲ ތަޢާލާގެ ރަހްމަތުން އުންމީދުކަނޑައިނުލާމީހާއަށް އަބަދުވެސް ދާނީ މަގުތައް ފަހިވަމުންނެވެ. އިން ޝާ ﷲ
ދުޢާ އިން ތަޤްދީރު ބަދަލުކުރައްވަވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
“Nothing can change the Divine decree except dua”.
[Musnad Ahmad, 5/677; Ibn Majah, 90; Jami` Al-Tirmidhi, 139. Classed as hasan by Albani]
--އިސްލާމީ ތިލަފަތުގެ ދަރުސަކުން