ހިތް ކަނު މީހުން އެނގޭ ހެއްޔެވެ؟ އެއީ ކީރިތި ޤުރްއާނުގެ އަޑު އިވުމުން ހިތަށް އުފާވެރިކަން ނުލިބޭ އަދި މާނަ އެނގުމުން ބިރުވެތި ނުވެވޭ މީހުންނެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ހިތްކަނުނަމަ އެކަން ފިލުވައިލުމެވެ. ދެން އަޑުއަހާށެވެ.
ހިތުގެ ވާހަކައަކީ އެންމެ މުހިންމު އެއްވާހަކައެވެ. މުސްލިމުން ނޫން މީހުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭނީ ހިތަށެވެ. އެމީހުންނަށްވެސް ހިތުގެ މުހިންމުކަން ވިސްނޭތީއެވެ. ތަފާތީ ހިތާއިމެދު އެމީހުންނަށް ވިސްނޭ ގޮތެވެ!
މިއަދު އެންމެ ގނަ، އެންމެ ޢާންމު އެއްބައްޔަކީ ހިތުގެ ބަލިތަކެވެ. ހިތުގެ ހުރިހާ ބަލިތަކަށް ވެސް އެންމެ އިތުބާރުހުރި ގޮތުގައި ޝިފާ ލިބޭނެ މަގު ހޯދެން އޮތީ ދުލުންކަން ނުވަތަ ދުލާއި ލޯ ގުޅިގެންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. މިހެން ބުނުމުން މިއީ މާބޮޑު އަރަތަކަށް ނުހަދައި މިއާޔަތަށް ވިސްނައިލާށެވެ!
"އޭ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ތިއަބައިމީހުންގެ ގާތަށް ވަޢްޛަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާޢަކާއި، މުއްމިންތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ." (ޔޫނުސް ސޫރަތުގެ 57)
މި އާޔަތުގައި އެންމެހައި މީސްތަކުންނަށް ﷲ ތަޢާލާ އެ އަންގަވަނީ ހިތްތަކުގެ ހުރިހާ ބަލިތަކަށް ކީރިތި ޤްރްއާނަކީ ޝިފާއެއް ކަމަށެވެ. ޞިއްޙީ ގޮތުން މީހާގެ ކިބައިން ބަލިތަކެއް ނުފެނުނު ނަމަވެސް ހިތުގައި މައްސަލަތައް ހުންނަ މީހުން ވަރަށް ގިނަވާނެއެވެ. މިބުނަނީ ހިތުގެ ބަލިތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ހިތުގައި އުފެދިފައިވާ މައްސަލަތަކުގެ ވެސް ވާހަކައެވެ. އެމީހަކު ކަންބޮޑުވާ ކަންކަމުގެ ވެސް ވާހަކައެވެ. ހިތް އެދޭ ކަންކަމުގެ ވެސް ވާހަކައެވެ.
މިއާޔަތުގައި މިވާ ފަދައިން ޝިފާ ލިބޭނީ ލޮލުންބަލައި ދުލުން ކިޔަވައި އަދި ގުނަވަންތަކުން ޢަމަލުވެސްކޮށްގެންނެވެ.
އަދިވެސް އިތުރަށް ވިސްނައިބަލާށެވެ. މިއާޔަތުގައި ވަޙީކުރައްވަވާފައި އެވާ ރައްބުގެ މާނައިގައި މީސްތަކުން އުފެއްދެވި ފަރާތް ހިމެނެއެވެ. މިގޮތަށް ބަޔާން ކުރައްވަވާފައި އެވަނީ މި އާޔަތަކީ އެންމެހައި މީސްތަކުންގެ މައްޗަށް ވަހީ ކުރައްވަވާފައިވާ ބަސްފުޅަކަށްވާތީއެވެ. ﷲ އެވެ ބަޔާން ކުރައްވަވައިފިނަމަ "ތިމަން ﷲ ނުދަންނަ ކަމަށް" ބުނާނެ ބައަކު ތިބޭނެތީއެވެ.
ތިބާގެ ކަންބޮޑުވުން ގުޅިފައިވަނީ އެހެން މީހަކާއި ކަމަށްވެދާނެއެވެ. އެމީހާގެ ހިތުގައިވާ ކަންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެމީހެއްގެ ހިތުގެ އެންމެހައި ބާރުތަކެއްވެސް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ވީމާ ތިބާގެ ހިތުގައި އުފެދިފައިވާ މައްސަލަ ޙައްލުކޮށް ދެއްވެވުމަކީ ﷲ ތަޢާލާއަށް ނުހަނު ފަސޭހަފުޅު ކަމެކެވެ.
ތިބާގެ މައްސަލައަކީ އެހެން މީހެއްގެ ލޯބި ނުލިބުން ކަމަށްވެދާނެއެވެ. އެ ހާލަތުގައި އެމީހާގެ ހިތުގައި ތިބާގެ މައްޗަށް ލޯބި ޖައްސަވައި ދެއްވެވުމުގެ އެންމެހައި ބާރުތަކެއް ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. ކީރިތި ޤރްއާނަކީ އެކަމަސްވެސް އޮތް އެންމެ ރަނގަޅު ޝިފާކަން މިއާޔަތުން އެނގިގެންދެއެވެ!
މިއާޔަތުގެ އިތުރު ތަފްޞީލަށްދާއިރު ރަނގަޅު މަގު ނުވަތަ ރަނގަޅު ގޮތް އިޚްތިޔާރުކުރުމުގައި އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތް ޤަބޫލުކުރަން ބޭނުން ނުވާ މީހުންގެ ވާހަކައެ ހިމެނެއެވެ. އިސްލާމް ދީނުގައި އޮތް ގޮތް މާހަރުކަށިކަމަށް ބުނާ މީހުން އެދައްކަނީ ކޮންފަދަ މޮޔަ ވާހަކަތަކެއް ހެއްޔެވެ؟ އިންސާނާ އުފެއްދެވީ ﷲ ތަޢާލާއެވެ. ވީއިރު ﷲ ތަޢާލާ އަށްވުރެ މޮޅަށް އަހަރެމެންނަށް ކަންކަން އެނގޭ ކަމަށް ބުނުމަކީ ކޮންފަދަ ބޮޑު ނުބައި ވާހަކައެއް ހެއްޔެވެ؟
ޕެޓްރޯލް އަޅައިގެން ދުއްވަން އުފައްދާ ވެހިކަލަކަށް ޑީސަލް އަޅައިގެން ދުއްވޭހެއްޔެވެ؟ ނޫނީ ކަރަންޓުން ދުއްވޭނެ ހެއްޔެވެ؟ ދުއްވޭނީ ހަމަ ޕެޓްރޯލް އަޅައިގެން ނޫންހެއްޔެވެ؟ ކާރުގެ ފުރާޅުމަތީގައި ފުރޮޅު ހަރުކޮށްގެން ދުއްވޭނެ ހެއްޔެވެ؟
ކީރިތި ޤރްއާނުން ޝިފާ ލިބިގަނެވޭނީ ފުރިހަމައަށް ކީރިތި ޤްރްއާން ޤަބޫލުކޮށް އަމަލުކުރާ މީހުންނަށެވެ. ނޫންނަމަ ކިތަންމެ ގިނައިން ކިޔެވިނަމަވެސް އެކަމުން ލިބެންޖެހޭ ފައިދާއެއް ނުލިބޭނެއެވެ. ވީމާ ކީރިތި ޤްރްއާނުން ޝިފާއަށް އެދޭ މީހާއަކީ ކީރިތި ޤރްއާނުގައި ބަޔާންވެގެންވާ ހުރިހާ ކަންކަން ޤަބޫލުކޮށް އަމަލުކުރާ މީހަކަށް ވާން އެބަޖެހެއެވެ.
މިފަދަ ވާހަކަތައް ހަމައެކަނި އަޑުއެހުމަކުން ނުފުދޭނެއެވެ. އަމަލުކުރާ ބައަކަށްވާށެވެ! ތަޖުރިބާކުރާ ބައަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ އާޔަތްތަކުގެ ތެދުކަން އެއިރުން އެނގިގެންދާނެއެވެ.
ހިތަށް ކުރިމަތިވާ ބަލިތަކާއި މައްސަލަތަކުގެ ޙައްލު ހޯދަންވެސް ބޭހާއި ކަސްރަތުގެ ބޭނުން ހިފިދާނެއެވެ. ނަމަވެސް ޝިފާ ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާ އަންގަވާފައިވާ މަގުން މަސައްކަތް ކުރިއަށް ގެންދާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން