ރަނގަޅަށް ވިސްނާށެވެ! މައިންބަފައިންގެ ކިބައިން ދަރިން ފުރަތަމަ ދަސްކުރާނެ އެއްޗަކީވެސް އެމީހުންގެ ބަސްމަގެވެ. ނުބައި ބަސްތައް ބުނާނަމަ އެބަސްތައް ދަސްކޮށް އެބަސްތައް ބުނަންފަށާނެއެވެ. މައިންބަފައިންގެ ބަސްމަގު ރިވެތިނަމަ ދަސްވާނީ ރިވެތި ބަސްމަގެވެ.
ވީމާ އެއީ ފިރިމީހާ ކަމުގައިވީނަމަވެސް އަދި އަނބިމީހާ ކަމުގައިވީނަމަވެސް ދުލުން ނުބައި ބަސްތައް ބުނެ އަނިޔާވެރި ޢަމަލުތައް ކުރާނަމަ އެމީހަކާއިއެކު ދިރިއުޅެން މަސައްކަތް ނުކުރާށެވެ!
ދަރިން ލިބިފައިވާނަމަ އެކުދިންގެ ޙައްޤުގައި ކަމަށް ބަލައި ބައެއް މީހުން އެފަދަ ޙާލަތުގައިވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ދަރިންގެ ޙައްޤުގައިވެސް ކުރަންވާވަރުގެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް ނުވަތަ ދަރިންނަށް ލިބެމުންދާނެ އަޚްލާޤީ، ނަފްސާނީ ގެއްލުން މާބޮޑުވާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަޅައި އަނިޔާކުރުން މަދުނަމަވެސް ދުލުން ހަރުކަށިބަސްތައް ބުނެ އަދި ނުބައި ބަސްތައް ބުނާ މީހުން މަދުކަމަށް ބުނެވޭކަށް ނެތެވެ. ދޫނުބައިވުމަކީ އެމީހާގެ ހުރިހާ ކަންކަން ނުބައިވުންފަދަ ކަމެކެވެ. މިސާލަކަށް ކިތަންމެ ހެޔޮކޮށް ކަންތައްތައް ކޮށްދެމުންވެސް ނުބައި ބަސްތައް ދުލުން ބުނާ މީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. ޤަދަރެއްވެސް ނުކުރެވޭނެއެވެ. އަދި އެމީހާ ކޮށްދޭ ހެޔޮ ކަންކަމުގެ އަގުވަޒަންކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.
މިކަންކަމުގެ އިތުރުން ދޫނުބައިނަމަ އެމީހަކީ ޚުލްޤް ރަނގަޅު ހެޔޮލަފާ މީހަކުކަމުގައެއް ނުވާނެއެވެ.
ދެމަފިރިންނަށްވެސް، ޚާއްޞަކޮށް އަނހެނުންނަށް ކުރަން އޮތް އިލްތިމާސަކީ ބައިވެރިޔާގެ ދޫނުބައިނަމަ އެކަން އިޞްލާޙްކުރުވޭތޯ މަސައްކަތްކުރާށެވެ! އިޞްލާޙް ނުކުރިނަމަ އެމީހަކާއި އަވަހަށް ދުރުހެލިވާށެވެ!
އަހަރެން ދެކޭ ގޮތުގައި އެކަކު އަނެކަކު ދެކެ ޙަޤީޤީ ލޯބިވާނަމަ ދުލުން ނުބައި ބަސްތަކެއް ނުބުނާނެއެވެ. އަނެކާގެ ހިތުގައި ޖެހޭ ފަދަ ބަސްތަކެއްވެސް ނުބުނާނެއެވެ! އަނިޔާވެރި އެއްވެސް ޢަމަލެއް ނުކުރާނެއެވެ. އަދި އެއީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު ކުރާނެ ކަންކަމެއް ނޫނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން