ނަރަކައާއި ނަރަކައިގެ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަ ދައްކަންފަށާއިރަށް ބުނަނީ ބިރުން އަޑުއަހަން އުނދަގޫ ކަމަށެވެ. އެކަމަކު ނަރަކައަށް ވަންނަން ޖެހޭނެ ކަންކަން ކުރާކަށް ބިރެއް ނުގަނެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ މިއީ ހަމަ ރަނގަޅު ގޮތް ހެއްޔެވެ؟
ފުރަތަމަ ކަމަކީ ނަރަކައިގެ ޢަޛާބުގެ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ ބައަކު އެބަ އުޅޭކަމާއި އެމީހުންވެސް ނަރަކައިން ސަލާމަތްވާން ބޭނުންވާކަމެވެ. އެއިރުން ދެން ވާނީ ކިހިނަކުންހެއްޔެވެ؟
ފުރަތަމަ ކަމަކަށް އަނގަ ބޭނުންކުރާ ގޮތާއިމެދު ސަމާލުކަން ނުދީ ނަރައިން ސަލާމަތްވުމުގެ ފުރުޞަތު ވަރަށް ކުޑަވެގެންދެއެވެ. އެހެނީ އަނގައަކީ އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަންޖެހޭނެ އެއް ސަބަބުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ދެވަނަ ސަބަބުކަމަށް އޮތީ ޖިންސީ ގުނަވަނެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, was asked, “What admits most people into Paradise?”
The Prophet said, “Fear of Allah and good character.” It was asked, “What condemns most people to Hellfire?” The Prophet said, “The mouth and the genitals.”
Source: Sunan al-Tirmidhī 2004
މި ދެ ސަބަބާއިމެދު އަޅައިވެސް ނުލާ މީހުންގެ ޢަދަދު ދަނީ ގިނަވަމުންނެވެ. އެއްބައަކު ހިތަށް އެރިހައި ވާހަކަތަކެއް ދައްކަމުން ގެންދަނީއެވެ. ނެތިމޮށެނީއެވެ. ޣީބަބުނެ އަޚާ ދިރިހުއްޓައި އޭނާގެ މުޅަމަސްކަނީއެވެ. އަނެއްބައަކު އެއްވެސް ގޮތެއް ފޮތެއް ނުބަލައި ޖިންސީ ބޭނުންތައް ފުއްދަމުން ގެންދަނީއެވެ. މިބަޔާންކުރި ޙަދީޘްފުޅަށް ވިސްނައިވެސް ނުލައެވެ.
ތިމާއަށް ޔަޤީން ނުވާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ! ދައްކާނެ ވާހަކައެއް ނެތިއްޖެ ނަމަ ހަނު ހުންނާށެވެ! ކޮންމެހެން ވާހަކައެއް ދައްކަން ވެއްޖެ ނަމަ ތިމާއަށް ފައިދާހުރި ކަމެއްގެ ވާހަކަ ނޫނީ ނުދައްކާށެވެ.
ތިމާއަށް ފައިދާހުރި ކަމެއްކަމަށް މިބުނަނީ މިދުނިޔޭގައި ފައިދާކުރާނެ ކަންކަމުގެ ވާހަކައެއް ނޫނެވެ. އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަމުގެ ވާހަކައެވެ. އެވާހަކައެއް ދެއްކުމުން ތިމާއަށް ސަވާބު ދެއްވަވާނެ ވާހަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލި މަތިވެރިވެގެންދާނެ ވާހަކައަށެވެ.
ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ އަނގަ ބަންދުކޮށްގެން ހުންނަން، ބޭކާރު ވާހަކަތައް ނުދައްކަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މި ސަބަބަށްޓަކައެވެ. ނިކަން ބުނެބަލާށެވެ! މިއަދު ސޯޝަލް މީޑިއާގައި ދުވާލު އަމިއްލައަށް ބުނެވޭ ބަސްތަކުގެ ސަބަބުން ރޭގަނޑު ހިތާމަކުރަން ޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެއިރު އޮންނަނީ ވާނެ ހުރިހާ ކަމެއް ވެ ނިމިފައެވެ. ލިބޭނެ ހުރިހާ ގެއްލުމެއް ލިބި ނިމިފައެވެ.
- މުފްތީ މެންކުގެ ދަރުސަކުން