ދިވެހިން ޢާންމުކޮށް ހިތިފަތް ބޭނުންކުރަނީ ފާނަބަސަންދު ޖެހުމުންނެވެ. ނަމަވެސް ހިތިފަތުން ކުރާ ހަމައެކަނި ފައިދާއަކީ އެއީއެއް ނޫނެވެ. ކުރިން ހިތިފަތް ހޯދުމަކީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. ނަމަވެސް ގަސްތައް ކަނޑަމުން ގެންދާތީއާއި އިތުރަށް އިންދައި ހައްދާވަރު މަދުކަމުން މިހާރު ލިބުން އެހައި ފަސޭހައެއް ނޫނެވެ.
އެހެންކަމުން މިގެނެސްދެނީ ހިތިގަހާއި ހިތިފަތުން ލިބޭ ބައެއް ފައިދާތައް އެނގިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ
ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަ ހިތި ފަތް ގަސް ނިސްބަތްވަނީ މަހޯގަނީ އާއިލާއަށްށެވެ. ހިތި ފަތް ގަހަކީ ބިޔަކޮށް ހެދޭ ގާތްގަނޑަކަށް 25 މީޓަރއަށް ދިގުވާ އޭގެ ގޮފިތައް ވަރަށް ބޮޑަށް ފެތުރިފަ އޮންނަ ގަހެކެވެ. ބިޔަކޮށް ހެދިފައި ހުންނަ ގަހަކުން ބޮޑު ސަރަހައްދަކަށް ހިޔާ ލިއްބައިދޭނެއެވެ.
މިގަހުގައި އަޅާ މޭވާއެއް ކަމަށްވާ ހިތި އަޅަން ގާތް ގަނޑަކަށް 3 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ހިސާބުތަކުން ދައްކާ ގޮތުގައި މިގަސް ގާތްގަނޑަކަށް ދެ ގަރުނު ވަންދެން މަރުނުވެ ހުރެއެވެ.
ހިތި ފަތް ގަހުގެ ބައިތައް ތަފާތު އެކި ބޭނުންތަކަށް ބޭނުންކޮށް އުޅެއެވެ. މި ގަސް އެންމެ މަޝްހޫރުވެފައި އޮންނަނީ ބޭސްވެރިކަމުގައި ބޭނުންކުރާ ގަހެއްގެ ގޮތުގައެވެ. އެގޮތުން 4000 އަހަރަށްވުރެން ގިނަ ދުވަހު މިގަހުގެ އެކި ބައިތައް އާޔުރްވެދިކް ބޭސްވެރިކަމުގައި ބޭނުންކޮށްފައިވެއެވެ. ބޭސްވެރިކަމުގެ އިތުރުންވެސް ތަފާތު އެކި ބޭނުންތަކަށް މިގަސް ބޭނުން ކުރަމުންދެއެވެ.
ހިތި ފަތް ގަސް އަދި ތިމާވެށި:
އެހެން ބާވަތްތަކުގެ ގަސްތަކާ އަޅާ ބަލާއިރު ހިތި ފަތު ގަހަކީ މި ގަހަށް ކުރިމަތިވާ ސްޓްރެސް ހާލަތްތަކަށް ( މިސާލަކަށް ބޭރުފުށުން ގަސް ހެދިބޮޑުވުމަށް ކުރިމަތިވާ ބައެއް އުދަގޫ ކަންތައްތައް ) އުދަނގޫ ކަމަކާ ނުލާ ފަސޭހައިން އެޑަޕްޓްވާ ގަހެކެވެ. އަދި މި ގަހުގެ ސަބަބުން ފަސްގަނޑު އިތުރަށް ރަނގަޅު ކޮށްދީ ފަސްގަނޑުގައި ފެން ހިފަހައްޓައިދިނުމުގެ ގާބިލުކަށް އިތުރުކޮށްދެއެވެ.
ހިތި ފަތް ގަސް އަދި ދަނޑުވެރިކަން:
ގަސްގަހާގެއްސަށް ޕެސްޓް ކައިރިވުމުގެ ސަބަބުން ދަނޑުވެރިން ހައްދާ އެއްޗެހީގެ ތެރެއިން ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައި އެއްޗެހި ހަލާކުވެގެންދެއެވެ. ގިނަ ހަރަދުތަކެއް ކޮށްގެން ތަފާތު އެކި ކަހަލަ ޕްސްޓްސައިޑްތައް ބޭނުންކުރަމުންދެއެވެ. ނަމަވެސް ގިނަ ފަހަރު އެދެވޭ ކަހަލަ ނަތީޖާއެއް ނުފެނެއެވެ. އޭގެ ބަދަލުގައި މި ޕްސްޓްސައިޑްތަކުގެ ސަބަބުން ތިމާވައްޓަށާއި، އިންސާނުންނަށްށާއި އަދި ގަހުގައި އަޅާ އެއްޗެއްސަށްވަނީ ގެއްލުމެވެ. ޕްސްޓްސައިޑްއެއްގެ ގޮތުގައި ހިތި ފަތް ގަހުގެ ތެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕެސްޓްސައިޑްއަކީ ވަރަށް ރަނގަޅު އެއްޗެއްކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. މިއީ ތިމާވެއްޓާއި ގުޅޭ ފަސޭހައިން ތައްޔާރުކޮށްލެވޭ އަގުހެޔޮ ޕްސްޓްސައިޑްއެކެވެ. ގަސްތަކަށް އަންނަ ކުޅަދުރާއި އެހެނިހެން ބޭނުންތެރި ދިރުންތަކަން މި ޕްސްޓްސައިޑް ބޭނުންކުރުމުން ގެއްލުމެއް ނުވާނެއެވެ.
ހިތި ފަތް ގަސް އަދި އިންޑަސްޓްރިއަލް ބޭނުންތައް:
ވަރަށް ގިނަ އިންޑަސްޓްރީތަކުގައި ހިތި ފަތް ގަސް ބޭނުންކުރަމުންދެއެވެ. އޭގެ ތެރޭގައި ފާމަސޫޓިކަލްސް، ކޮސްމެޓިކްސް، ޑިސްއިންފެކްޓެންޓްސް އަދި ބަޔޯ ޕެސްޓިސައިޑް އިންޑަސްޓްރީތައް ފާހަގަކޮށްލެވެއެވެ. ހިތި ފަތު ގަހު ތެޔޮ އަދި ހިތި ފަތު ކުނޑި ބޭނުންކޮށްގެން މޫނުގައި އުނގުޅާ އެކި ކްރީމްތަކާއި ނިޔަފަތީގައި އުނގުޅާ ކުލަ އާއި އެކި ކަހަލަ ޝޭމްޕޫ ތައްޔާރުކުރެއެވެ. ހިތި ފަތު ގަހު ތެޔޮ ބޮޑަށް ބޭނުންކުރަނީ ސައިބޯނި އުފައްދާ ކުފުނިތަކުންނެވެ. ދަތަށް ފަރުވާ ލިއަބައިދޭ އެކި ކަހަލަ އުފެންދުންތަކުގައިވެސް ހިތި ފަތް ގަހުގައި އަޅާ ހިތި ބޭނުންކުރެއެވެ.
ހިތި ފަތް ގަސް އަދި ބޭސްވެރިކަން:
ދިރާސާތަކުން ދައްކާ ގޮތުގައި ހިތި ފަތު ގަހުގައި އެކުލެވޭ ކެމިކަލް މާއްދާއެއް ކަމަށްވާ ނިމްބިޑިން ގައި އެންޓި-އިންފްލެމޭޓަރީ އަދި އެންޓި އާތްރިޓިކް އެކްޓިވިޓީ ހުރެދާނެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ލިބޭ އަނިޔާއެއްގެ ސަބަބުން ދުޅަވާ ތަންތަނުގެ ދުޅަ ކުޑަކޮށްދީ ރިހުން ކުޑަކޮށްދިނުމަށް ހިތި ފަތް ގަސް އެހީތެރިވެދޭނެއެވެ. އެކި ކަހަލަ އިންފެކްޝަތްތަކަށް ހިތި ފަތް ބޭނުންކޮށް އުޅެއެވެ. ހަންގަނޑަށް ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ހިތި ފަތުން ފަރުވާ ހޯދިދާނެއެވެ.
ހިތި ފަތު ގަހުގައި އަޅާ މޭވާ ކެއުމުން ހަކުރު ދަށްކޮށްދޭކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ނަމަވެސް މިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި އިތުރު ދިރާސާތަކެއް ކުރަންޖެހެއެވެ. މެލޭރިއާ ފަތުރާ މަދިރި ނައްތާލުމަށްޓަކައި ހިއްކާފައި ހުންނަ ހިތި ފަތް އެންދުމަށްފަހު ބޭނުންކުރެވިދާނެއެވެ.
- އުންމު ނަވާރު
މަސްދަރު
Gupta, Dr.S. (2023b) Neem: Uses, benefits, side effects, and more!, PharmEasy Blog.
Girish K, Shankara Bhat S. (2008) Neem – A Green Treasure
.