ދުނިޔެއާ އާޚިރަތް ކާމިޔާބުކުރެވެން އޮތީ ދުނިޔޭގެ ޙަޔާތުގައި މިކުރާ ދަތުރާއިމެދު މިޙަޤީޤަތްތައް ޤަބޫލުކޮށް ޢަމަލުވެސްކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދުނިޔެއާ އާޚިރަތް ކާމިޔާބުކުރެވެން އޮތީ ދުނިޔޭގެ ޙަޔާތުގައި މިކުރާ ދަތުރާއިމެދު މިޙަޤީޤަތްތައް ޤަބޫލުކޮށް ޢަމަލުވެސްކޮށްގެން!

އަހަރެމެން ދަތުރެއް ކުރާނަމަ މިއަރަނީ އުޅަނދަކަށެވެ. އަމިއްލައަށް ނުދުއްވޭނަމަ ޑްރައިވަރަކަށް ބޭނުންވެއެވެ. އަހަރެމެން ބޭނުންވާ މަންޒިލަށް ގެންގޮސްދެނީ ޑްރައިވަރެވެ. އޭނާ އެދަތުރު ކުރާނީ އެންމެ ރައްކައުތެރި ގޮތުގައިކަމަށް އަހުރެމެން އިތުބާރުކުރަމެވެ.  

ހަމަ މިމޭރުމުން ވިސްނަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އަހުރެމެންގެ ޙަޔާތުގެ ދަތުރެވެ. އެދަތުރުގެ ޙަޤީޤީ "ޑްރައިވަރަކީ" ކާކުކަން ގިނަބައަކަށް ވަނީ އޮޅިފައެވެ. އެހެންވެ މިބުނަނީ އެދަތުރުގެ "ޑްރައިވަރަކީ" ﷲ ތަޢާލާއެވެ.  

ދަތުރުކުރަން އިންޖީނަށް އަޅަންޖެހޭ ތެލަކީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުތައް ބެހެއްޓުމެވެ. މިބުނި މަގުން ތެޔޮ އަޅައިފިނަމަ އެއްވެސް މައްސަލައެއް ނުޖެހި ބަރާބަރަށް ކުރިއަށްދާނެއެވެ. ދަތުރު ނިމޭނީ އެންމެ ފައިދާހުރި މަންޒިލަށެވެ.  

ނަފްސާނީ މައްސަލަތައް އަހުރެމެންނަށް ކުރިމަތިވަނީ މިމަގުން ނުވިސްނޭތީ އެވެ. ޤަބޫލުވެސް ނުކުރެވޭތީއެވެ. އެއީ ޙަޔާތުގެ މިދަތުރުގައި އަހުރެމެންނަށް އެކަމަކުން ޙަޤީޤީ ދެރައެއް، ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންނުކުރެވޭތީއެވެ.  

އަދިވެސް އިތުރު މިޘާލެއް ބުނެލާނަމެވެ. ދަތުރުކުރަނީ ފްލައިޓެއްގައި ކަމަށްބަލާށެވެ! ވަކިހިސާބަކުން ޕައިލެޓް ނުވަތަ ކެޕްޓަން ފޭލްވެދާނެއެވެ. އިސްތިޢުފާވެސް ދީފާނެއެވެ. ދެވަނަ ޕައިލެޓަކު ގޮވައިގެން އެ ދަތުރުކުރަނީ މިފަދަ ސަބަބެއް މެދުވެރިވެދާނެތީއެވެ.  

އަހުރެމެންގެ ދިރިއުޅުމުގެ ދަތުރުގައި އެކަން މުޅިން ތަފާތެވެ. ކެޕްޓަނަކީވެސް ޕައިލެޓަކީވެސް ﷲ ތަޢާލާއެވެ. ޙަޔާތުގެ ބައިވެރިޔާ ހަދަންޖެހޭނީ ދެވަނަ ފަރާތަށެވެ. ބައިވެރިޔާ ވަކިވެގެން ހިނގައިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ތިމާ ދޫކޮށް ނުލައްވަވާނެތީއެވެ. އަބަދުވެސް އަހުރެމެންނާއިއެކު ވޮޑިގެންވާނެތީއެވެ. އަހުރެމެންނަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެތީއެވެ.  

ހަޔާތުގެ ދަތުރު ނާކާމިޔާބުވަނީ އެންމެ އިސް ކެޕްޓަން އޮޅުވައިލާތީއެވެ. އެންމެ އިސް ކެޕަޓަނަށް އިތުބާރު ކަނޑައިލާތީއެވެ. އަދި ގުޅުންވެސް ކަނޑައިލެވޭތީއެވެ. މިބުނާ ބަހުގެ މާނައަކީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުކޮށް، ﷲ ތަޢާލާ އާއި ބަހައްޓަންޖެހޭ ގުޅުންތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓައިގެން އެކަލާނގެއަށް އިތުބާރުކޮށްގެން ހުންނަ މީހަކަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް ކަމެއް މިންވަރު ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ޔާސީން މުޤާހިދުގެ ދަރުސަކުން

 

މިއަދު އޮންލައިން