ދުނިޔެއަށް އަހުރެމެން ފޮނުއްވެވީ އެމީހަކު ބޭނުންވާ ގޮތަކަށް، ބޭނުންވާ ދީނަކަށް އުޅުމުގެ އިޚްތިޔާރު ދެއްވަވާފައިކަމަށް ބުނާ ބައަކު އެބައުޅެއެވެ. އެހެންބުނާ މީހުންގެ ވަސްވާސްތަކަށް ހެލި މަގުފުރެދިގެންދާ ބައަކުވެސް އެބައުޅެއެވެ.
އަހުރެމެން މުސްލިމުންނަށް އޮތީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ ހަޙީބަސްފުޅު ތެދުކޮށް ޢަމަލުކުރުމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ފަހެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަ ވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."
(އައް ރޫމް: 30)
މުސްލިމް ހެޔޮލަފާ މައެއްގެ ބަނޑުން އުފަންވުމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ﷲ ތަޢާލާގެ ދީނުގައި ތަރުބިއްޔަތުވުމުގެ ނިޢުމަތް ލިބިގެންދިއުމެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޤުރްއާނަށް ޢަމަލުކުރާނެ މީހެއްގެ ގޮތުގައި ބޮޑުވުމުގެ ނިޢްމަތެވެ.
މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ ﷲ ތަޢާލާ އަހުރެމެން އުފައްދަވައި ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާގެ ދީންމަތީގައިކަމެވެ. އެދީން ދޫކޮށްލައި އެހެން ދީނަކަށް އެނބުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް ދެއްވަވާފައި ނުވާކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން