ހެޔޮލަފާ އަނބިން ދުރަށްދާން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ އެމީހުންކުރާ ޚިދުމަތުގެ އަގުވަޒަންނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހެޔޮލަފާ އަނބިން ދުރަށްދާން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ އެމީހުންކުރާ ޚިދުމަތުގެ އަގުވަޒަންނުކުރުން!

ހެޔޮލަފާ އަނބިންނަކީ ހަމަ ތިބެފައި ވަކިވެ ދުރަށްދާން ބޭނުންވާނެ ބައެއް ނޫނެވެ. އެކަމަށް ބޭނުންވާނީ ވަރަށް ބޮޑެތި ކަންކަން ކުރިމަތިވުމުންނެވެ. ދައްކަން މިއުޅެނީ އެތަނުންވެސް ބޮޑުކަމެއްގެ ވާހަކައެވެ. 

"މިދިރުޅުންމަތިން ވަރަށް ބޮޑަށް ފޫހިވެއްޖެއެވެ. ވެވުނުހައި ރަނގަޅަކަށް ކަންކަން ކޮށްދޭއިރުވެސް އެންމެ ކުޑަމިނުން ތަޢްރީފްގެ ބަހެއް ނުބުނާތަނުގައި އަބަދުވެސް ބަލަނީ ކުރެވޭ ކަމަކުން ކުށެއް ދެއްކޭތޯއެވެ." މިހެން ބުނާ އަންހެނުން ވަރަށް ގިނައެވެ. ބަލައިލަން މިއުޅެނީ މިކަމަށެވެ. 

ފިރިންގެ ގާތުގައި އެދިގެން އަމިއްލައަށް ވަރިވި ވަރަށް ގިނަ އަދަދެއްގެ އަންހެނުންނާއި ވާހަކަ ދައްކައި އެމީހުންނަށް ވަރިވާންޖެހުނު ސަބަބު އޮޅުންފިލުވީމެވެ. އެއިގެ ތެރެއިން ކޮންމެ 5 އަންހެނަކުން 4 އަންހެނަކު ބުނެފައިވަނީ އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރުން ކަމަށެވެ. 

މިއީ އިތުރަށް ވިސްނަންޖެހޭ ކަމެކެވެ. ކިތަންމެ ބޮޑު މުސާރައެއް ދީގެން ނޯކަރަކު ގެންގުޅުނު ނަމަވެސް އޭނާކުރާ މަސައްކަތުގެ އަގުވަޒަން ނުކުރާ ކަމުގައިވަނީނަމަ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން ބޭނުންވާނީ ވަރަށް މަދު މީހެކެވެ. މުސާރަ ބޭނުންވާތީ މަޑުކޮށްލައިގެން ހުރިނަމަވެސް އެހެން ފުރުޞަތެއް ލިބޭއިރަށް އެމީހާ ބަދަލުވާނެއެވެ. 

އަނބިންނަށްވެސް އެވަނީ މިފަދަ ގޮތެކެވެ. އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރާނަމަ ދެވަނަ ވިސްނުމަކަށްދާން ބޭނުންވެވޭނެއެވެ. ތިމާކުރާ މަސައްކަތުގެ އަގުވަޒަންކުރާނެކަމަށް ޔަޤީންކުރެވޭ މީހަކާއި ބައްދަލުވެއްޖެނަމަ ތަޖުރިބާކޮށްލަން ބޭނުންވާނެއެވެ. 

މިއީ އަޅުވެތިކަން ޤަބޫލުކުރާ ޒަމާނެއް ނޫނެވެ. އެމީހަކު ހިތް އެދޭގޮތަކަށް އެމީހެއްގެ ކަންކަން ބަދަލުކުރަން ފުރުޞަތު ވަރަށް ބޮޑަށް ހުޅުވައިލެވިފައިވާ ޒަމާނެކެވެ. އެކަން ފިރިހެނުންވެސް އަދި އަންހެނުންވެސް ޤަބޫލުކުރަންވާނެއެވެ. 

އަހުރެން ބުނާނީ ދެމަފިރިންވެސް އެކެއްގެ އަގު އަނެކަކު ވަޒަންކުރާނަމަ ވަރި ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. ވަރަށް ގިނަ މައްސަލަތައް ޙައްލުކުރެވޭނެއެވެ. ލޯބި ދިރި ދެމިއޮންނަން ވަރަށް ބޮޑު ބާރަކަށްވެގެންދާނެއެވެ. 

އެކަމަކު މިބުނި ފައިދާތައް ކުރާނީ ވަޤުތު ފާއިތުވެގެން ނުދަނީސް ވިސްނައި ޢަމަލުކުރެވިއްޖެނަމައެވެ. އަނެކާގެ މައްޗަށް ހިތް ކިލަނބުނުވަނީސް ފަރުވާތެރިވެވިއްޖެނަމައެވެ. 

މިއީ އަޅުގަނޑު އަޑުއަހާފައިވާ ވާހަކަކޮޅެކެވެ. ޢިބްރަތްތެރި، އަދި ކައިވެނިތަކަށް ބޭނުންވާ ދިރުން ގެނެސްދޭނެ ވާހަކަކޮޅެއް ކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން