ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން ބޭނުމަސް ރޭއަޅުކަންކޮށް ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން ބޭނުމަސް ރޭއަޅުކަންކޮށް ދުޢާކުރާށެވެ!

ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހި ކަންކަން ގޯސްވެއްޖެނަމަ އެއްބައަކު ކުރާކަމަކީ ދެރަވެ ހިތާމަކުރުމެވެ. އަނެއްބައަކު ކުރާކަމަކީ އެކަމުގެ ވާހަކަ ދައްކަމުން ހިނގުމެވެ. ޙައްލުކުރެވި އުފާވެރިކަން ލިބޭނެކަން އެންމެ ޔަޤީން ޢަމަލު އޮންނަނީ ނުކުރެވިފައެވެ.  

ދެމަފިރިންގެ މެދުގައި ތަފާތު މައްސަލަތައް ޖެހި އެކަމުގެ ހިތާމައިގައިވާ މީހުން ގާތު ބުނެލަން އޮތީ ރޮއި ކަރުނައެޅުމަކުން އެކަނި މައްސަލަތައް ޙައްލުކުރެވޭނެ ކަމަށް ނުބަލައި އަވަހަށް ރޭއަޅުކަންކުރަން ފަށާށެވެ. ރޭގަނޑުގެ ފަހުބައިގައި ތެދުވެ އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލައި ދުޢާކުރާށެވެ! އެމީހެއްގެ ދުޢާ ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ  

މިހެން މިބުނަނީ މިޙަދީޘްފުޅުގައި މިފަދައިން އޮތުމުންނެވެ. " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ...." 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

"يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ" (متفق عليه.)

މާނައީ: "ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ." 

ކޮންމެ ކަމެއްވެސް ޙައްލުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ފުރަތަމަކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެމީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށް އެކަން ހިންމަވައި ދެއްވަވާނެތެވެ. ޔަޤީންކުރާށެވެ! ރޭއަޅުކަންކޮށް ދުޢާކުރަނިކޮށް ތިމާ ބޭނުންވާ ގޮތަށް އެކަމެއް ހިންމަވައި ނުދެއްވަވައިފިނަމަ އެއިގެ މާނައަކީ އެގޮތަކީ އެމީހަކަށް ފައިދާނުކުރާނެ އަދި ގެއްލުން ހުރި ގޮތްކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން