ކޮންމެ ވިޔަފާރިއަކީ ތިމާއަށް ކުރެވޭނެ ވިޔަފާރިއަކަށް ނުވެދާނެ! ތިމާއަށް ރަނގަޅަށް ބެލެހެއްޓޭނެކަމުގެ ޔަޤީންކަން ނެތި އިތުރު ވިޔަފާރިތައް ކުރަން ނުފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކޮންމެ ވިޔަފާރިއަކީ ތިމާއަށް ކުރެވޭނެ ވިޔަފާރިއަކަށް ނުވެދާނެ! ތިމާއަށް ރަނގަޅަށް ބެލެހެއްޓޭނެކަމުގެ ޔަޤީންކަން ނެތި އިތުރު ވިޔަފާރިތައް ކުރަން ނުފަށާށެވެ!

ބައެއް މީހުންނަށް ވިސްނެނީ ކޮންމެ ވިޔަފާރިއެއްވެސް ކުރެވިދާނެ ކަމަށެވެ. ފައިދާ އިތުރުވާނީ ގިނަ ވިޔަފާރިތައް ކުރިވަރަކުން ަކަމަށެވެ. ނަމަވެސް އެކަން އެހެން ނުވެދާނެއެވެ. ވީމާ މިބުނާ ކަންކަމަށް ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރާނަމަ ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

ކަމެއް ކުރަން ނިންމަންވާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ. ކުރަން ނިންމައި އެކަމެއް ކުރަން ފެށުމަށްފަހު އެކަމަކުން ނުކުންނަ ނަތީޖާގެ ޒިންމާ އުފުލަން ކެރެންޖެހޭނެއެވެ. އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވައި ރެކެން މަސައްކަތްކޮށްގެން ނުވާނެއެވެ.

އެއްފަހަރާ ގިނަ ކަންކަން ކުރަން މަސައްކަތްނުކުރާށެވެ. އެއިރުން ދޭންޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ. ސިކުނޑިން ދޭންޖެހޭ ސަމާލުކަންވެސް ޢަމަލުން ދޭންޖެހޭ ސަމާލުކަންވެސް ކޮންމެ މީހަކަށްވެސް ދެވޭނީ ވަކިވަރަކަށެވެ. އެކަން ބައިބައިކޮށްލުމުން ފުރިހަމައަކަށް ކަންކަމެއް ނުކުރެވޭނެއެވެ. ވެގެންދާނީ 1 ރާތަލުގެ ކޭކެއް ފޮތިފޮތިކޮށްލައިގެން 30 މީހުން ކާންއުޅުނީމާ ވާނެގޮތެވެ! ބަނޑު ނުފުރޭތަނުގައި ރަނގަޅަށް ރަހަވެސް ނުލާނެއެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ކުރިމަތިވަނީ އެ މައްސަލައެވެ. ވިޔަފާރިއެއްގައި ތަންކޮޅެއް ކުރިއަށް ޖެހިލެވޭއިރަށް އެއް ފިހާރަ ނުބެލެހެއްޓޭ މީހާ 10 ފިހާރަ ހުޅުވަން ބޭނުންވެއެވެ. ތަފާތު އެތައް ވިޔަފާރިތަކެއް ފަށަން ބޭނުންވެއެވެ. ނަތީޖާއަކަށްވަނީ ކުރިއެރުން ލިބެމުން އައި ވިޔަފާރިވެސް ބަނގުރޫޓުވުމެވެ. ނެގި ލޯނުތައް އަދާނުކުރެވިގެން އަތުގައި ހުރި ހަރު މުދައުކޮޅުވެސް ވިއްކަން ޖެހުމެވެ.

އެހިސާބުން އިތުރު ކަންކަން ކުރަން ހިތްވަރުދިން މީހުން ކުށްވެރިކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހުންގެ ކިބައިން އެހީތެރިކަމަކަށް އެދުނަސް އެންމެ ރިޔާލައެއްވެސް ނުދޭނެއެވެ. އެއީ ކަލޭ ބަނގުރޫޓުވެފައި ހުރީމައެވެ. އަނބުރާ ނުލިބިދާނެ ކަމުގެ ބިރަށެވެ.

އަދިވެސް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކަލެއަކީ ފައިވާނުގެ ވިޔަފާރީގައި ވަރަށް ކާމިޔާބު މީހަކަށްވެދާނެއެވެ. އެކުވެރި ޒަމީރަކީ ފޭރާމުގެ ވިޔަފާރީގައި ވަރަށް ކުރިއަރާފައިވާ މީހަކަށްވެސް ވެދާނެއެވެ. ދެމީހުންވެސް ވިސްނަންވީ އަނެކަކު އޭނާގެ ވިޔަފާރީގައި ކުރިއަރާފައިވުމަކީ ތިމާއަށް އޭނާގެ ވިޔަފާރީގައި ކުރިއަރައިގެން ދެވިދާނެ މީހެއް ކަމަށް ނުވެވިދާނެކަމެވެ. 

މިބަޔާންކުރި ކަންކަމަކީ ވިޔަފާރީގެ ދާއިރާއިން ކިޔަވައިގެންތިބި އެންމެން ޤަބޫލުކުރާ ކަންކަމެވެ. އަދި ތަޖުރިބާކާރުންވެސް ޤަބޫލުކުރާ ކަންކަމެވެ. ވީމާ ކަންކަން ކުރަން މަސައްކަތްކުރާއިރު މިބަޔާންކުރި ކަންކަމަށް އިތުރަށް ވިސްނައިލުން ބުއްދިވެރިއެވެ.

 

 

 

- އަލަފް  / މިއަދުނޫހަށް

 

 

މިއަދު އޮންލައިން