ސުވަރުގެ ލިބުން އެދޭ އަންހެނާ އަޢުރަ ނިވާކުރާށެވެ! ސުވަރުގޭގެ ވަސްވެސް ނުފެނިދާނެކަމަށް ބިރުވެތިވާށެވެ!

ކިޔުމަށް ހޭދަވާނީ 7މ 49ސ
ސުވަރުގެ ލިބުން އެދޭ އަންހެނާ އަޢުރަ ނިވާކުރާށެވެ! ސުވަރުގޭގެ ވަސްވެސް ނުފެނިދާނެކަމަށް ބިރުވެތިވާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ގިނަ ކަނބަލުން އަޢުރަ ނިވާކުރެއެވެ. ނަމަވެސް އަޢުރަ ނިވާނުކުރާ ބައަކުވެސް އުޅެއެވެ. އެހެންކަމުން މިއާޔަތްތަކަށާއި ޙަދީޘްފުޅުތަކަށް ބިރުވެތިވެ ފޭރާންލުން އިޞްލާޙްކުރުމަށް ނަޞީޙަތްތެރިވަމެވެ.  

މުސްލިމުންނަކީ އެބައިމީހުން އުޅޭ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެންޖެހޭ ބައެކެވެ. އެގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ މުސްލިމުންނަށް ޢައުރަ ނިވާ ކުރުމަށް އަންގަވާފައިވެއެވެ. އަދި އަންހެން ކަނބަލުންނަކީ އިސްލާމްދީނުގައި ރައްކާތެރިކުރެވިފައިވާ އަގުބޮޑު ޖަވާހިރެއް ފަދަ ބައެކެވެ. ޢައުރަ ނިވާ ކުރުމަކީ ނަފްސު ރައްކާތެރިކޮށްދޭނެ ކަމަކެވެ. އެގޮތުން އެކަނބަލުން ލާ ފޭރާމަކީ ތުނި، ގަޔަށް ބާރު، ހަށިގަނޑުގެ ވަނާތައް އެނގޭ ފޭރާމަކަށް ވެގެން ނުވާނެއެވެ. ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން ނުވަތަ ފިރިހެނުން އަޅާ ހެދުމާއި އެއްގޮތް ހެދުމަކަށް ނުވުން އަދި އެ ހެދުމެއްގެ ސަބަބުން އެހެން މީހުންގެ ބެލުންތައް ތިމާއަށް ހުއްޓޭފަދަ ހެދުމަކަށްވެސް ވެގެން ނުވާނެއެވެ. 

އައުރަ ނިވާނުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.  

ﷲ ތަޢާލާ އަޙްޒާބް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴿٥٩﴾‏

މާނައީ: "އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ." 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا " . 

މާނައީ: އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުފުޅުކުރެއްވެވިއެވެ. "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކު ވެއެވެ. ތިމަންކަލޭގެފާނު އެބައިމީހުން ދެކެވަޑައެއްނުގަންނަވަމެވެ. އެއްބަޔަކީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީސްތަކުންގެ ގައިގައި ތަޅާހަދާ ބައެކެވެ. އަދި (ދެވަނައީ) ހެދުން ލައިގެން އޮރިޔާން ޙާލުގައި ތިބޭ އަންހެނުންތަކެކެވެ. އެބައިމީހުންނީ (ޢިއްފަތްތެރިކަމުގެ ސީދާމަގުން) ލެނބިފައި ތިބޭ، އަދި އެހެން މީހުން ކަތިމަގަށް ލަންބުވާ ބައެކެވެ! އެބައިމީހުންގެ ބޯ ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އަދި އެބައިމީހުންނަކަށް ސުވަރުގެކައަށް ނުވަދެވޭނެއެވެ! އަދި އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ! އެތަނުގެ ވަހަކީ މިވެނި އެވެނި ރާސްތާއަކަށް ފޯރާއެއްޗެކެވެ." 

Sahih Muslim 2128 - The Book of Clothes and Adornment - كتاب اللباس والزينة - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم) 

ކީރިތި ޤުރްއާނުގައާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ޢައުރަ ނިވާ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ، ޢައުރަ ނިވާ ނުކުރާ އަންހެނަކާއި ހަމައަށް ސުވަރުގޭގެ ވަސްވެސް ނުފޯރާނެކަމަށް އަންގަވާފައިވީނަމަވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ ތަފާތު މަންޒަރެކެވެ.  

މަޙްރަމުން ފިޔަވާ އެހެން މީހުންގެ ކުރިމަތީގައި އަންހެނާގެ އައުރަ ނިވާކުރުމަކީ ލާޒިމު ކަމެކެވެ. މިހެންކަމުން ކޮންމެ މީހަކުވެސް ތިމާގެ އަނބިމީހާގެ އައުރަ ނިވާކުރުމަށް ނަޞޭޙަތްދީ ބާރުއަޅަން ޖެހޭނެއެވެ.  

އެގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾‏ 

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

މިއަދު އޮންލައިން