އަޅުގަނޑުމެން ކައިވެނިކުރީ އެކުގައި ދުވަސްކޮޅަކު އުޅެފައެވެ. ފެނުނު ރިވެތި އަޚްލާޤީ ސިފަތަކުންނެވެ. ނަމަވެސް ކައިވެންޏަށްފަހު ފެންނަގޮތް މުޅިން ތަފާތެވެ. ނުބައި ކަމެއް ނުކުރެއެވެ. ނަމަވެސް ވަރަށް ހަރުކަށި ބަސްތައް ބުނެއެވެ. އެހެންވެ އެކުގައި އުޅެވިދާނެ ކަމާއިމެދު މިހާރު ޝައްކުތައްވެސް އުފެދެން ފަށައިފިއެވެ.
މިޙާލަތުިގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ބައެއް ފަހަރު ބައެއް މީހުންގެ ބޭރުފުށުން ފެންނަ ސިފައަކީ އެމީހުންގެ ޙަޤީޤީ ސިފަކަމަށްނުވެދާނެއެވެ. ބޭރުފުށުން ހަރުކަށި ގޮތް ފެނުނު ނަމަވެސް އެއީ އޭނާގެ އަޞްލު ސިފަކަމަށްނުވެދާނެއެވެ. އަޞްލު ސިފަ އެނގިގެންދާނީ ކުރެވޭ މުޢާމަލާތުތަކުންނެވެ.
މިޘާލެއްގެ ގޮތުން ވަރަށް ކުރުކުރު ވާހަކައެއް ކިޔައިދޭނަމެވެ.
ވަރަށް މަޑުމަތިރި މިޒާޖުގެ ފިރިހެނަކު ކައިވެނިކުރަން އުޅުމުން އެކުވެރިން ބުންޏެވެ. "ތިއަމިޒާޖުގައި ހުންނަނަމަ ވެރިއަކަށްވާނީ އަނބިމީހާއެވެ. އަނބިމީހާ ކުރިމަތީގައި ހަރުކަށި މީހަކަށްވާންޖެހޭނެއެވެ."
އެކަން ޙައްލުކުރަން ކުރާނެ ކަމަކަށް ވިސްނަމުން ގޮސް ގޮތެއް ނިންމިއެވެ. އަދި ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން ނިދަން ކޮޓަރިއަށް ވަންތަނުން އެކުވެރިން ބުޅަލެއް ގެންގޮސް ކޮޓަރިއަށް ދޫކޮށްލިއެވެ. ފިރިމީހާ ވަގުތުން ރުޅިގަދަވެ ފުންމައިގެން ތެދުވެ ކުނިކަހާ ފިހީގެ ދަނޑި އުފުރާލައި އެއިން ތަޅައި އެބުޅާ މަރާލައި ކުޑަދޮރުން ބޭރަށް އެއްލައިލިއެވެ.
އަނބިމީހާ ހިތަށް އެރިއެވެ. "މިލިބުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟ ފިރިމީހާގެ ޙަޤީޤީ ސިފަ މިފެނުނީއެވެ. މިއީ ކުރިން ހީކުރެވުނު ގޮތެއް ނޫނެވެ. މީނާމިވީ ވަރަށް ހަރުކަށި އެއްވެސް ރަޙުމެއް ނެތް މީހަކަށެވެ."
ކޮންމެއަކަސް ފިރިމީހާ އަނބިމީހާގާތުން ކޮންމެ ކަމަކަށް އެދެންވެސް ކުރަނީ އަމުރެވެ. އަދި ޖުމުލަ ނިންމާލަނީ ބިރުިގަންނަވާލައިފައެވެ. "މިވެނި ކަމެއް މިވެނި ވަޤުތަކަށް ކުރަންޖެހޭނެ! ނޫނީ—" އަނބިމީހާ ގަންނަނީ އަމަށްކުބިރެއް ނޫނެވެ. އަނބިމީހާއަށް ވިސްނިފައި އޮންނަނީ "ނޫނީ" ގެ މާނައަކީ ބުޅަލަށް ހެދިގޮތް ހަދައިލާނެކަން ކަމަށެވެ.
އެއްދުވަހެއްގެ ހަވީރު ސައިހަދަން ބުނެފައި—ނޫނީ—ބުނުމުން އަނބިމީހާ ސުވާލުކުރިއެވެ. –"ނުހަދައިފިއްޔާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "ނުހަދައިފިނަމަ އަމިއްލައަށް ސައިހަދައިލާނީއެވެ!"
މިވާހަކައިން ޙާޞިލްކުރަންޖެހޭނެ ޢިބްރަތަކީ އެކަކުވެސް ކަންކަން ހިތުގައި އަޅައިގެން ނުތިބުމެވެ. ދެމަފރިންގެ މެދުގައި ވާހަކަދައްކަން ޖެހޭނެ ކަމެވެ. ކަންބޮޑުވާންޖެހޭ ކަމެއް ނަމަ ސުވާލުކޮށް އޮޅުންފިލުވަން ޖެހޭނެކަމެވެ. ކޮންމެ ކަމެއްގައިވެސް މަޝްވަރާކުރަން ޖެހޭނެ ކަމެވެ. ކުރެވޭ ނުބައި ޝައްކުތަކުގެ ހަޤީޤަތް އޮޅުންފިލުވޭނީ ވާހަކަދައްކައިގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން