ފިރިހެނުން ބޭނުންވުމުން ވަރިކުރެއެވެ. އަނބިމީހާ ވަރިވާން ބޭނުންވެއްޖެނަމަ ކޯޓަށް ދާންޖެހެންވީ ކީއްވެ؟
މިއީ މިއަދު ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. މިސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެއެވެ! އިން ޝާ ﷲ
އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވާލަން މަސައްކަތްކުރާ އިސްލާމް ދީނުގެ ޢަދުއްވުން ކިތަންމެ ރުޅި އައިނަމަވެސް އިސްލާމް ދީނިގައި މީސްތަކުންނަށް ދެއްވަވާފައިވާ ޙައްޤުތައް އޮޅުވައެއް ނުލެވޭނެއެވެ. ގަޑުބަޑެއްވެސް ނުކުރެވޭނެއެވެ.
ކައިވެނީގެ ރަން ކިޔުމަކީ ފިރިހެނުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކުރެވޭނީ އަންހެނުންނަށެވެ. އެކަމަށް މަޖުބޫރެއްވެސް ނުކުރެވޭނެއެވެ. ފިރިހެނުންނަށް އޮތީ ރަން އަދާކުރުމެވެ.
ހަމައެފަދައިން އަނބިމީހާއަކަށް ފިރިމީހާ ވަރިއެއް ނުކުރެވޭނެއެވެ. ވަރިކުރެވޭނީ ފިރިމީހާއަށެވެ.
އަނބިންނަށް އޮތީ ވަރިވާން ބޭނުންވެއްޖެނަމަ ކޯޓަށް ގޮސް ވަރިވުމެވެ. ކައިވެނި ރޫޅައިލުމެވެ. އިސްލާމީ ކޯޓެއް ނެތްތަނެއްގައިނަމަ އިސްލާމް ދީނުގެ އިމާމެއްގެ ގާތަށް ގޮސްގެން ވެސް ވަރިވެވިދާނެކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ވީމާ އިސްލާމް ދީނުގައި ބަޔާންވެގެންވާ މިފަދަ ޙައްޤުތަކަކީ އިސްލާމް ދީން ދެކެ ރުޅިއައިސް އުތުރިއަރާ ބައަކަށްވެސް އަދި އދއަށްވިޔަސް ބަދަލުކުރެވޭނެ ޙައްޤުތަކެއް ނޫނެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. إنما الطلاق لمن أخذ بالساق (މާނައީ: ) "ހަމަކަށަވަރުން ވަރިކުރުމުގެ ޙައްޤު ލިބިފައިވަނީ ފިރިމީހާއަށެވެ."
ހަމައެފަދައިން ފިރިމީހާއަށް ޚަރަދުކޮށް ބެލެހެއްޓުން އަނބިމީހާގެ މައްޗަށް ވާޖިބެއް ނުކުރެވޭނެއެވެ. ނަމަވެސް އަނބިމީހާއަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ވަރިއާއިބެހޭ ގޮތުން ފަށަމުން ބުނި ސުވާލުކުރާ މީހުން ފިރިމީހާއަށް ޚަރަދުކޮށް ބެލެހެއްޓުން އަނބިމީހާގެ މައްޗަށް ވާޖިނުވާތީ ކަންބޮޑުވެ ސުވާލު ނުއުފައްދަނީ ކީއްވެގެން ހެއްޔެވެ؟
އެކަމަށް ބެލުމުންވެސް މިފަދަ މައްސަލަތައް އުފައްދުވަމުން މިގެންދަނީ އެމީހުން ޙާޞިލުކުރަން ބޭނުންވާ ވަކި މަޤްޞަދުތަކެއް ޙާޞިލުކުރަންކަން ވަރަށް ރަނގަޅަށް އެބަ އެނގެއެވެ.