ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ދުޢާކުރުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއްވެއެވެ. ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވާނީ ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރަމުންނެވެ. އަދި ކިޔަމަންތެރިކަމާއި ލަދުވެތިކަމާއިވެސް އެކުގައެވެ. ލަދުވެތިވާންޖެހެނީ ކަމަކަށް އެދޭތީއެއް ނޫނެވެ. އަހުރެމެންނަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާނުކުރެވޭތީއެވެ.
މިސާލަކަށް ރިޒުޤު ދެއްވެވުން ނުވަތަ ތަނަވަސްކަން ދެއްވެވުން އެދިގެން ދުޢާކުރާއިރު ދުނިޔޭގެ އެންމެ ތަނަވަސްމީހާކަމުގައިވުމަށް އެދިގެން ދުޢާކުރުމެއް ނެތެވެ. އޮތީ ރިޒްޤް ދެއްވެވުމަށް އެދުމެވެ. ރިޒްޤް ތަނަވަސްކޮށް ދެއްވެވުމަށް އެދުމުގެ މާނައަކީ ހިތްފުރި އިތުރުވާވަރަށް ދެއްވެވުން އެދުމެއް ނޫނެވެ. ރިޒުޤް ލިބޭނެ މަގު ފަހިކޮށްދެއްވެވުން އެދުމެވެ. އަދި ތިމާއަށް ފުދޭނެ މިންވަރަށް ރިޒުޤް ދެއްވެވުމެވެ.
އެހެނަސް ޢިލްމުދެއްވެވުން އެދިގެން ދުޢާއިރު ދުޢާކުރަންވީ ގޮތް ތަފާތެވެ. ދުޢާކުރަންވީ ވީހައި ގިނަ ޢިލްމް ދެއްވެވުމަށެވެ. މާނައަކީ އެޢިލްމަކުން މީހާއަށް އާޚިރަތް ދުވަހު ފައިދާކުރާނެ ޢިލްމް ވީހާ ގިނައިން ދެއްވެވުމަށް އެދުމެވެ.
ސަބަބަކީ މީހަކަށް އާޚިރަތް ދުވަހު ފައިދާކުރާނެ ޢިލްމު ލިބި އެމީހަކު އެއަށް ޢަމަލުކުރާ ވަރަކަށް އެމީހަކު ދާނީ ﷲ ތަޢަލާ އާއި އިތުރަށް ކުއްތަންވަމުންނެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ގިނަ ޢިލްމް ލިބޭ ވަރަކަށް ދަރަޖަ މަތިކުރަން މަސައްކަތްކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އޮތީ އެމީހަކަށް މައްޗަށް އަރަން މަސައްކަތްކުރަން ކެރުނު ވަރެވެ.
رَّبِّ زِدْنِي عِلْمًا
"އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!"
(ޠާހާ: 114)
ވީމާ ޢިލްމު ދެއްވެވުން އެދި ދުޢާކުރާއިރު ހިތަށް ގެނެސް، އެދި ދަންނަވަންވީ އެއްވެސް އިމެއް ނެތި އެންމެ ގިނަ ޢިލްމު ދެއްވެވުމަށެވެ! ޤުރްއާނުގައި ބަޔާންވެގްންވާ ގޮތަށް ދުޢާކުރެވުނުކަމަށްވާނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން