ކައިވެނިކުރާތަނުން އިބްލީސްދޭ އެންމެ ނުބައި ވަސްވާސް! އުފާވެރިކަން ލިބި ދިރިއުޅުން ބާއްޖަވެރިކުރެވޭނީ ވަރަށް ބޮޑަށް ސަމާލުކަންދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކައިވެނިކުރާތަނުން އިބްލީސްދޭ އެންމެ ނުބައި ވަސްވާސް! އުފާވެރިކަން ލިބި ދިރިއުޅުން ބާއްޖަވެރިކުރެވޭނީ ވަރަށް ބޮޑަށް ސަމާލުކަންދީގެން!

ކައިވެނީގެ ކުރިން ބައެއް ކުދިކުދި ފާފަކުރެވިފައި ހުރެދާނެއެވެ. މިޘާލަކަށް ބުނާނަމަ ލޯބިވެރިޔާއަށް ކަމަށްވީނަމަވެސް ހުއްދަ ނޫން މިންވަރަށް ބެލުމަކީވެސް ފާފައެކެވެ. އެއްވެސް މިންވަރަކަށް ގައިގައި ބީހުންވެސް ހުއްދައެއް ނޫނެވެ. ވީމާ އަތުގައި ހިފައިލެވުނަސް އެކުރެވުނީ ފާފައެކެވެ.  

ވީމާ މިފަދަ ޒަމާނެއްގައި ކައިވެނީގެ ކުރިން މިބުނި ފަދައިން އެމިންވަރަށް ނަމަވެސް ފާފަތަކެއް ކުރެވިފައި ހުރެދާނެއެވެ. ނުކުރެވޭނެ މީހަކު ވަރަށް މަދުވާނެ ކަމަށް ބުނުމަކީ ދޮގަކަށްވެސް ނުވާނެއެވެ. ސަބަބަކީ ޝައުޤުވެރިކަމާއިއެކު ބެލުންވެސް ހުއްދަނުވާތީއެވެ.  

މިފަދަ ކުދިކުދި ފާފަތަކަކީ އެމީހަކަށް އެނގުމަކާއި ނުލައި (ތައުބާ ނުވިނަމަވެސް) ހެޔޮލަފާއަޅުންނަށް ފުއްސަވައި ދެއްވަވާ ފާފަތަކެވެ. ވުޟޫކުރުމުންނާއި ނަމާދަށް ދިއުމުންނާއި ނަމާދުކުރުމުންނާއި މިފަދަ އެތައް ކަމަކުން ފުއްސަވައިދެއްވަވާ ފާފަތަކެވެ. ކުރެވޭ އެންމެ ކުދި ފާފަތަކަށްވެސް ތައުބާވުމަކީ އެންމެ މަތީ ދަރަޖައެވެ.  

ކައިވެނިކުރާއިރަށް މި ޙަޤީޤަތް އިބްލީސް އޮޅުވައިލާނެއެވެ. ވަރަށް މަކަރުވެރި ގޮތަކަށެވެ. އިބްލީސް އައިސް ބުނާނެއެވެ! "ކަލޭވަނީ މިވެނި އެވެނި ފާފަތަކެއް ކޮށްފައި ނޫންހެއްޔެވެ؟ އެފާފަތައް މިހާރު ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައެވެ. ކައިވެނީގެ ފޮނިމީރުކަން އިޙްޞާޞްކޮށްލަން ނަމަވެސް މިވެނި އެވެނިކަމެއް ކޮށްބަލާށެވެ! އެހުރީ އުފާވެރިކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަންކަމެވެ. ހަނީމޫން ދުވަސްވަރު ފާއިތުވުމުން އިތުރަށް ނުކުރީމާ އެނިމުނީއެވެ. ފާފަފުއްސަވައިދެއްވަވާނެތެވެ!"  

ޝައިޠޯނާގެ މިވަސްވާސް ޤަބޫލުކުރެވި އެފަދަ ފާފައެއް ކުރެވިއްޖެނަމަ ހަނީމޫން ނިމޭއިރު ތިބޭނީ ދެވިހިފައިފައެވެ. ހުއްޓާލުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަތީޖާޢަކަށްވާނީ ޢުމުރަށްވެސް އެފާފަތައް ކުރެވުންމަތީގައި ދެމިތިބެވުމެވެ.  

ކައިވެނިކުރާ ގިނަ ބައަކަށް ދަނީ ޝައިޠޯނާގެ މިމަޅީގައި ޖެހެވެމުންނެވެ. އެކަމަށް ސަމާލުވާށެވެ! ކައިވެންޏަށްފަހު ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން އުފާލިބިގަންނަމުންދާށެވެ. ޙަޤީޤީ އުފާވެރިކަން ލިބި ދިރިއުޅުން ބާއްޖަވެރިވަމުންދާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން