ތިބާ ކަމެއް ކުރަން އުޅެނިކޮށް އެކަކު ބުނީ އެއީ ޙަރާމް ކަމެއް ކަމަށެވެ. އަނެކަކު ބުނީ އެއީ ޙަލާލް ކަމެއް ކަމަށެވެ! ސުވާލަކީ ދެން ކަންތައް ކުރަންވީ ކިހިނަކުން ހެއްޔެވެ؟
ޖަވާބަކީ ޙަރާމަށް ބިރުވެތިވާށެވެ! އެހެނީ ޙަރާމް ކަމެއް ކުރެވިއްޖެނަމަ ފާފަވެރިވާނެއެވެ. (ފަރުޟު ނޫން) ޙަލާލް ކަމެއް ނުކުރެވުނަސް ފާފަވެރިއެއް ނުވާނެއެވެ. އަދި ފަރުޟު އޮޅުވައެއް ނުލެވޭނެއެވެ. އެއީ ޔަޤީނަށް އެނގެންހުރި ކަންކަމެވެ.
ޝައްކު އުފެދޭ ކަންކަން ޙަރާމްކަމަށް އޮތީ އެހެންވެގެންނެވެ. ވީމާ ޝައްކު އުފެދޭ ކަމެއް ނުކޮށްފިނަމަ އެމީހާ ހުންނާނީ ސަލާމަތުންނެވެ. ކުރެވިއްޖެނަމަ ފާފައަކަށްވެދާނެ ކަމުގެ ބިރު އެބައޮތެވެ!
ގިނަ މީހުންނަކީ އެފަދަ މައްސަލަތައް އަމިއްލަ ހޯދުންތަކުން ދެނެގަނެވޭނެ ފެންވަރުގެ މީހުންނެއް ނޫނެވެ. ވީމާ އަބަދުވެސް ސަމާލުކަން ދޭންވީ އެކަމަކީ ފާފައަކަށްވެދާނެ ހަމަ އެއްވެސް ކަމެއް ނުކުރުމަށެވެ. ފާފަތަކަށް ބިރުވެތިވުމަކީ އެއީއެވެ.
އަދި އެއްކަމެއް މިރޭވެސް ފާހަގަކޮށްލާނަމެވެ! އެއީ ކިތަންމެ ގިނަ ބައަކު ކަމެއް ކުރިނަމަވެސް އެއީ ޙަރާމް ކަމެއް ނަމަ އެކަމަކީ ޙަލާލް ކަމަކަށް ނުހެދޭނެއެވެ. ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ޙަޜާމް ކަމެއްގެ ޙުކުމް އޮންނާނީ ހަމަ ޙަރާމްކަމެއްގެ ގޮތުގައެވެ. ވީމާ ކަންކަން ކުރާ މީހުންގެ ޢަދަދަށް ނުބަލާށެވެ! ﷲ ތަޢާލާގެ ޙުކުމްފުޅަށް ބަލާށެވެ! އެއިރުން އެހުރެވެނީ ޙައްޤު މަގުގައެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން