މައިމީހާ ނިޔާވިޔަސް ކަންބޮޑުނުވާށެވެ! މައިމީހާގެ ފަރާތުގެ ބޮޑުދައިތައިންނަށް ހެޔޮކޮށް ހިތުމަކީވެސް ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
މައިމީހާ ނިޔާވިޔަސް ކަންބޮޑުނުވާށެވެ! މައިމީހާގެ ފަރާތުގެ ބޮޑުދައިތައިންނަށް ހެޔޮކޮށް ހިތުމަކީވެސް ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެކެވެ! އިން ޝާ ﷲ

މަންމައަށް ހެޔޮކޮށް ހިތުމަކީ ﷲ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ. ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދި ކަންބޮޑުވެވެނީ މައިމީހާ ނިޔާވެއްޖެނަމަ އެފުރުޞަތު ގެއްލިގެންދިއަކަށް ޤަބޫލުކުރެވިގެންނެވެ.

އެގޮތަށް އެވިސްނެނީ އިންސާނުންކަމަށްވީތީ އަބަދުވެސް ފާފަތައް ކުރެވެމުންދާނެތީއެވެ. އެހެންވެ ކުރެވޭ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ހެޔޮ ޢަމަލުތައް ކުރަން ބޭނުންވާތީއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކުރެވިޑާނެ ހެޔޮ ޢަމަލުތައް ބައިވަރެވެ. އަދި މަންމަ ނިޔާވުމަކީ އެފުރުޞަތު ގެއްލިގެންދާ ކަމެއް ނޫނެވެ. މަންމަ ނިޔާވެއްޖެނަމަ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން މަންމަ ފަރާތުގެ ބޮޑުދައިތައަށް އަޅާލައި ހެޔޮކޮށް ހިތަން ޙަދީޘްފުޅުގައި އެބައޮތެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

މަންމަ ފަރާތުގެ ބޮޑުދައިތައިންނާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެމީހުނަކީ ހެޔޮކޮށް ހިތުމުގައި މައިން ފަދައިން އަޅާލައި ހެޔޮކޮށް ހިތަންޖެހޭ ބައެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އިބްން ޢުމަރުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. މީހަކު އައިސް އޭނާއަށް ބޮޑު ފާފައެއް ކުރެވިއްޖެކަމާއި ތައުބާވާން ބޭނުންކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭނާއާއި ސުވާލުކުރެއްވެވީ އޭނާގެ މަންމަ އެބައިންތޯއެވެ. ނެތްކަމަށް ދެންނެވުމުން ސުވާލުކުރެއްވެވީ މަންމަ ފަރާތުގެ ބޮޑު ދައިތަ ދުނިޔޭގައި އެބައިންތޯއެވެ. އެބައިންކަމަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާއަށް ހެޔޮކޮށް ހިތުމަށެވެ. 

މިޙަދީޘްފުޅުން އެނގިގެންދަނީ މައިންނަށާއި މައިމީހާ ފަރާތުގެ ބޮޑު ދައިތައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ފާފަތައް ފުއްސަވައިދެއްވވާނެ ޢަމަލެއް ކަމެވެ. 

މައިމީހާ ފަރާތުގެ ބޮޑުދައިތައިންނަކީ މައިންގެ ދަރަޖައިގައިވާބައެއްކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. (އެއީ އެމީހުންނަސް ހެޔޮކޮށް ހިތުމުގައެވެ.)

(ތިރްމިޛީ 1904 ބައްލަވާ) 

ބައެއް ބޮޑުދައިތައިން މައިންނަށްވުރެވެސް ބޮޑަށް ކުދިން ދެކެ ލޯބިވާކަންވެސް އެނގެން އެބަހުއްޓެވެ. އެފަދަ ކިތަންމެ ޙާދިސާތަކެއް ފެންނަން އެބަހުއްޓެވެ. މިހުރީ އަހަރެމެންގެ ތެރޭގައި މިހާރަކަށް އައިސް މަދުން ނޫނީ ނުދެކެވޭ ވާހަކަތަކެވެ. ސަބަބަކީ މައިންނާއި އަޅައިލެވުންވެސް ކުޑަވަމުން އަންނާތީކަމަށްވެދާނެއެވެ. 

ކޮންމެއަކަސް އަހުރެމެން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅޭ ކަމަކީ އަހުރެމެންގެ ﷲާފަތައް ފުއްސަވައި ދެއްވެވުމެވެ. އެހެންކަމަށްވާއިރު މިކަންކަމަށް ސަމާލުކަން އިތުރުކުރަން އެބަޖެހެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ދާދި މިދާކަށް ދުވަހަކު ބޮޑުދައިތައަކު ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސް އިން އަންހެންކުއްޖަކު ބޮޑުދައިތަ އުފާކޮށްދޭން ސަމާސަކޮށް ބައްދާލައި ހެދިތަން ފެނުމުން ވަރަށް އަސަރުކުރިއެވެ. މިބުނީ ވަރަށް އުފާވި ވާހަކައެވެ. އެއީ މި ހެޔޮ ޢަމަލު ދަމަހައްޓަން މަސައްކަތްކުރާ ބައަކު އެބަތިބިކަން ލޮލަސް ފެނުނީތީއެވެ.  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/229817/status-of-maternal-aunt-in-islam

 

 

މިއަދު އޮންލައިން