ކޮންމެ ނަމާދަކަށްވެސް ރައްކައުތެރިވާންޖެހެއެވެ. ފިރިހެނުންނަށް އޮތީ ޖަމާޢަތުގެ ނަމާދަށް ސަމާލުކަން ދިނުމެވެ. އަންހެނުންނަށް އޮތީ ގޭގައި ވީހާއަވަހަކަށް ކުރުމެވެ. ބަންގިއާއިއެކު ނަމާދުކުރަން ފެށުމެވެ.
ވަކިން ޚާއްޞަގޮތެއްގައި ފަތިސްނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވުމަށް ސަމާލުކަންދޭން ބުނަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ.
ފަތިސްނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވުމަކީ އީމާންކަން ވަރަށް ވަރުގަދަ މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މުސްލިމުންގެ އަދަދު މިހައި ގިނަ ނަމަވެސް ފަތިސްނަމާދު ޖަމާޢަތުގައި ކުރާ މީހުންގެ ޢަދަދު މިހައި މަދުވެގެން މިއުޅެނީ އެހެންވެގެންނެވެ. އީމާންކަން ކުޑަކަމުންނެވެ.
ފަތިސްނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވާން މިބުނާ އެންމެ ބޮޑު އެއް ސަބަބަކީ ފަތިސްނަމާދުގެ ޖަމާޢަތަށް ޙާޒިރުވުމުން އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯތްބާއި ކިޔަމަންތެރިކަން ހާމަވެގެންދާތީއެވެ. އަދި ފަތިސް ނަމާދުކުރުމުން އެމީހަކަށް އެދުވަހު ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތީއެވެ. މުޅި ދުވަހުގެ ކާމިޔާބީ ފަތިސްނަމާދާއި ގުޅިފައިވާތީއެވެ. ﷲ ތަޢާލާގެ ރައްކައުތެރިކަމުގައި ހުންނަ މީހަކާއި ޝައިޠޯނާއަށް ވައިވެސް ނޭޅެވޭނެތީއެވެ.
ފަތިސްނަމާދުން ދުވަސް ނުފަށާ މީހަކަށް މިނިޢުމަތްތައް އެދުވަހަށް ގެއްލިގެންދިއައީއެވެ. ނިަކްނ ބުނެބަލާށެވެ! މިނިޢުމަތްތައް ގެއްލިއްޖެ މީހަކަށް ކުރިމަތިވާނެ ނިކަމެތިކަމަށެވެ. ނިކަންބުނެބަލާށެވެ! ފަތިސްނަމާދަށް ރައްކައުތެރިނުވީމާ ނުގެއްލެނީ ކޮން ނިޢުމަތެއް ހެއްޔެވެ؟
ޖުމުލަކޮށްލާފައި ބުނާނަމަ ދަތިތައް ކުރިމަތިވެ ނިކަމެތިވަމުންދާ އެންމެ ބޮޑު ސަބަބަކީ ނަމާދުތަކަށް ރައްކައުތެރި ނުވެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން