ހިތްނޭދޭ އެތައް ކަމެއް އަބަދުވެސް ކުރިމަތިވާނެ! ޢަމަލުކުރުމުން އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ހިތްނޭދޭ އެތައް ކަމެއް އަބަދުވެސް ކުރިމަތިވާނެ! ޢަމަލުކުރުމުން އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް!

މީހަކަށް ކަމެއް ދިމާވާއިރަށް އެކަމުގެ ތެރެއަށް ވަދެގަންނަން ޝައިޠޯނާ އަވަސްވެގަންނާނެއެވެ. ބުނާނީ މިވެނި އެވެނި ގޮތަކަށް ކަންކަން ކުރީމާ މާރަނގަޅުވާނެ ކަމަށެވެ. ގިނަބައަކަށް އެކަމެއް ނުވިސްނެއެވެ. ބުއްދި ފަހަތަށްޖައްސާލާފައި އިޙްޞާޞްތައް އެދޭ ގޮތަށް ބަސްބުނެ އަދި ޢަމަލުވެސް ކުރެއެވެ. އެކަން އެގޮތަށް ކުރުމަށްފަހު ފަހުން އޮންނަނީ ކަރުނައަޅަން ޖެހިފައެވެ. 

ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙަޔާތުގައި ކުރެވުނު ކަންކަމާއި، ނިންމުނު ނިންމުންތަކެއް ހުންނާނެއެވެ. ކޮންމެ މީހަކުވެސް ހަމަޖެހިލައިގެން އިނދެ އެމީހަކަށް ނިންމިފައިވާ ނިންމުންތަކާއިމެދު ވިސްނައިލާށެވެ. 

ތިމާއަށް އެންމެ ބޮޑަށް ގެއްލުންލިބުނު، އެކަން ކުރެވުނީތީ ފަހުން ހިތާމަކުރަން ޖެހުނު ނިންމުންތައް ނިންމިފައި ހުންނާނީ ބުއްދީގެ ކުރިއަށް ތިމާގެ އިޙްޞާޞްތައް ނެރެގެން ނިންމުނު ކަންކަމުންނެވެ. ކަމެއް ކުރިމަތިވުމުން ތިމާގެ އަމިއްލަ އިހްޞާޞްތަކުގެ ކުރިއަށް ބުއްދި ނެރެވުނުނަމަ އެނިންމުންތައް އެގޮތަކަށް ނުނިންމާނެއެވެ. 

ދެރަވެ ހިތާމަކުރަން ޖެހޭ ކަމެއް ކުރިމަތިވުމުން އިޙްޞާޞްތައް ބުނާނީ އެކަހެރިވެ އެނދުން ނުތެދުވެ އޮތުމަށެވެ. ނަމަވެސް އޭނާގެ ބުއްދި ބުނާނީ އެކަން އެގޮތަށް ނުކުރުމަށެވެ. ކުރިއަށްވުރެ ހިތްވަރުގަދަކޮށް އައު ޢަޒުމެއްގައި ކުރިއަށްދާން މަސައްކަތްކުރުމަށެވެ. ހިތާމަކުރަންޖެހޭނީ ބުއްދި ބުނެދިންގޮތަށް ޢަމަލުނުކުރާ މީހުންނަށެވެ. 

ޒަވާޖީ ހަޔާތަށް ބަލާށެވެ! އަބަދުވެސް ފަހުން ހިތާމަކުރަން ޖެހިފައި އޮންނާނީ ކަމެއް ދިމާވުމުން ބުއްދީގެ ބޭނުން ނުކޮށް އިޙްޞާޞްތައް ކުރިއަށް ނެރެގެން ޢަމަލުކުރެވުމުންނެވެ. ޙަޤީޤަތަށް ނުބަލައި، އަދި އެކަން އެގޮތަށް ކުރުމުން ފަހުން ނުކުމެދާނެ ނަތީޖާއަކަށް ނުވިސްނައި އިޙްޞާޞްތައް ބުނާ ގޮތަށް ކަންކަން ކުރެވުމުންނެވެ. 

ޙައްލު: 

ޙައްލަކީ ކިތަންމެ ބޮޑުކަމެއް، ކިތަންމެ ބޮޑަށް ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް ކެތްތެރިވެލައި ވިސްނައިލުމެވެ. އެކަން ޙައްލުކުރާނެ ގޮތަކާއިމެދުގައެވެ. ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނީ ކޮން ގޮތަކަށް ކަންކަންކުރުމުން ކަމާއިމެދުގައެވެ. 

އެވަޤުތު ނުވިސްނިއްޖެނަމަ ކެތްތެރިވެލާށެވެ! އިސްތިޚާރާކުރާށެވެ! ތަޖުރިބާހުރި، ހެޔޮލަފާ މީހުންގެ ލަފާވެސް ހޯދާށެވެ. އެމީހުންދޭ ނަޞޭޙަތްވެސް ޤަބޭލުކުރާށެވެ! ހަމައެއާއިއެކު ތިމާގެ ދިރިއުޅުމަށާއި އާޚިރަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް ކަންކަން ނިންމާށެވެ. 

ބައެއް ފަހަރު، ބައެއް ޙާލަތުގައި ނިންމަންޖެހޭ ނިންމުމަކީ ތިމާގެ އިޙްޞާޞްތަކާއި ދެކޮޅަށް ނިންމަން ޖެހޭނެ ނިންމުމަކަށްވެސް ވެދާނެއެވެ. އެގޮތަށް މެދުވެރިވިނަމަވެސް ކަންބޮޑުނުވާށެވެ. ތިމާގެ ދިރިއުޅުމަށާއި އާޚިރަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް ކަންކަން ނިންމުމުން ފަހުން ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

 

މިއަދު އޮންލައިން