ކޮލެޖުގައި އުޅުނު ދުވަސްވަރުވެސް އަހުރެންގެ އެކުވެރިން ވަރަށް މަދެވެ. އަދި އެމަދު އެކުވެރިންނާއިއެކުގައިވެސް ވަޤުތު ހޭދަކުރެވެނީ ވަރަށް މަދުންނެވެ. އެހެންކަމުން ދަރިންވަރުން އަހުރެންނާއިމެދު ދުށީ ސިކުނޑީގައި މައްސަލަތަކެއް ހުންނަ މީހެއްގެ ގޮތުގައެވެ.
އެކަމަށް މަލާމާތުގެ ބަސްތައްވެސް ބުނެހަދައެވެ. އެކުވެރިން ކުރާ މަލާމާތަކަށް ނުބަލަމެވެ. ނުވެސް ވިސްނަމެވެ. ރައްދެއްވެސް ނުދެމެވެ. އަހުރެންނަކީ ކާކުކަމާއި އަހުރެންގެ ޤާބިލުކަން ދައްކަމުން އައީ އިމްތިޙާނުތަކުން އަހުރެން ހޯދާ ނަތީޖާއިންނެވެ. އެކުވެރިންނަށްވުރެ މަތިން ފާސްވެއެވެ. އަހުރެން ދުށީ އެއީ ޖަވާބެއް ކަމަށެވެ.
ކޮންމެއަކަސް ކޮލެޖް ނިމި ޔުނިވެސް ނިމި 10 ވަރަކަށް އަހަރުފަހުން އަހުރެމެން ބައްދަލުވިއެވެ. އެއީ ބިޒްނަސް ފޯރަމަކުންނެވެ. އެކުވެރިން އެމީހުންނަށް ހޯދިފައިވާ ބޮޑެތި ކާމިޔާބީތަކުގެ ވާހަކަދެއްކިއެވެ. ބައެއް އެކުވެރިން ކުރިއަށްދަނީ އަމިއްލަ މަސައްކަތުގައެވެ. އަހުރެން ބުނީމެވެ.
"އަހުރެންނަކަށް ތިއަ ކަންކަމަކުން މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. މިފޯރަމަށް މިއައީވެސް މަސައްކަތްކުރާ ކުންފުނިން ފޮނުވީމައެވެ. ގަންނަން މަސައްކަތްކުރަނީ ވަރަށް އާދައިގެ ފްލެޓެކެވެ. އަދިވެސް މިއުޅެނީ އަގު ދައްކައި ނުނިންމިގެންނެވެ. ދުއްވަނީވެސް ވަރަށް އާދައިގެ ކާރެކެވެ. އެއީވެސް ކުންފުނީގެ ކާރެކެވެ. ވަރަށް ވަފާތެރި އަންތބަކު އެބައިނެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ދެމަފިރިން އެކުގައި ރޭއަޅުކަންކުރަމެވެ. އެއިގެ އިތުރުން އަހުރެންނަށް ޙާޞިލުކުރެވުނު ކަމަކީ ކީރިތި ޤުރްއާން ހިތުދަސްކުރެވުމެވެ. އެކަން ޙާޞިލުކުރެވުނުތާ 3 އަހަރުވެއްޖެއެވެ."
އެކުވެރިން ދިއައީ ސިއްސައިގެންނެވެ. ސުވާލުކުރިއެވެ. "ކަލޭ ކަލޭގެ ގޮތުގައި ކުރިއެރުން ހޯދައިފިއެވެ. ތިއަ ކަންކަމުގައި އަހުރެމެން މިތިބީ ވަރަށް ފަހަތުގައެވެ. އެކަމަކު ތަނަވަސްކަން ލިބިއްޖެއެވެ. ދެން ތިއަބައި ހޯދަން ކުރަންވީ ކަމަކީ ކޮބައިހެއްޔެވެ؟"
އަހުރެން ބުނީމެވެ. ޖަނަވާރު އުޅޭ ގޮތަށް އުޅުން ހުއްޓައިލާށެވެ. އެގޮތަކީ ކޮބައިތޯ ބުނުމުން ބުނީމެވެ. "އިބްން އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ ޖަނަވާރުގެ ކަމަކީ އަރާމުކުރުމާއި ނިދުމާއި ރިޒުޤްހޯދަން މަސައްކަތްކުރުން ކަމަށެވެ." އެހެންވީމާ އަހުރެމެން ޖަނަވާރުންނާއި ތަފާތުވެ އިންސާނުންނަށް ވާން އެބަޖެހެއެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކޮށް ސުވަރުގެ ލިބިގަންނަން މަސައްކަތްކުރީމައެވެ."
އަހުރެންގެ ވާހަކަ އެމީހުން ހިތުގެ އަޑިން ޤަބޫލުކުރިކަމެއް ނުއެނގެއެވެ. ނަމަވެސް އަހުރެންގެ ކުރިމަތީގައި ބުނީ ޤަބޫލުކުރާ ކަމަށެވެ.
- މަޢުލޫމާތު: ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން