މާތް اللّٰه އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތައް ގިނަގުނައެވެ. އެ ނިޢުމަތްތަކުގެ އަގު ވަޒަން ނުކުރެވުނު ކަމުގައިވިޔަސް އެ ނިޢުމަތްތައް ދަނީ އިތުރުވަމުންނެވެ. އެކަނލާގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "اللّٰهގެ نعمةތައް ތިޔަބައިމީހުން ގުނާ ނަމަ، ތިޔަބައިމީހުންނަކަށް އެ نعمةތައް عددއެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكرކުރުން ނެތް މީހެކެވެ."
اللّٰه تَعَالَى ދެއްވި މި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނިޢުމަތަކީ ކައިވެނީގެ ނިޢުމަތެވެ. ކައިވެންޏަކީ اللّٰه تَعَالَىގެ ޙިކުމަތްވަންތަކަން ދަލީލުކޮށްދޭ ހެކިތަކުގެ ތެރެއިން ހެތްކެއްވެސް މެއެވެ. މާތް اللّٰه ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ نفسތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
اللّٰه تَعَالَى ދެއްވި މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ޙަޔާތުގެ ގުޅުމުން ވުޖޫދުވާ ޢާއިލާއެވެ. ޢާއިލާއަކީ ދުންޔަވީ ޙަޔާތުގެ މުޑުވަކެވެ. ޢާއިލާ ބަލިކަށިވެއްޖެ ނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދާނެއެވެ. ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެކެވެ. ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތް ﷲ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގަލެވެ.