ދަރިން ލިބުމުން ލޯބިދީ ގެންގުޅެ ބޮޑުކުރުމުގައި ދަރިން ހަމަހަމަކުރަންޖެހެއެވެ. ނަމަވެސް މިހައި ތަޢުލީމީ ޒަމާނުގައިވެސް ފިރިހެންދަރިންނަށް އިސްކަންދެވޭ މައިންބަފައިން މަދުކަމަކަށް ނުބުނެވޭނެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
ފިރިހެން ދަރިންނަށް މައިންބަފައިންނާއި އަޅައިނުލެވޭ އެންމެ ބޮޑު ސަބަބެއްކަމަށް ގިނަފަހަރު ވެފައި އޮންނަނީ އެމީހުންގެ އަނބިމީހާގެ ނުފޫޒެވެ. ހެޔޮލަފާ އަންތބަކު ލިބިފައިވާނަމަ މިބުނި މައްސަލަ ކުޑަވެގެންދެއެވެ. ހެޔޮލަފާ އަންހެނުންނާއި ކައިވެނިކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް މިބުނި ފަދަ ނުފޫޒުން ސަލާމަތްވެ ތިބުމެވެ.
މަންމައަކު މުސްކުޅިވެ ބަލިޙާލުގައި އުޅެންޖެހުނުއިރު 3 ދަރިން ތިއްބެވެ. 2 ފިރިހެންކުދިންނާއި އަންހެން ކުއްޖެކެވެ. 2 ފިރިހެން ކުދިން މަންމަ ބަލަން ދެކޮޅު ހެއްޖެވެ. ދަތިޙާލުގައި އުލެންޖެހިފައިވަނީވެސް އަންހެންކުއްޖާއަށެވެ. އެކަމަކު އޭނާ ބުންޏެވެ. "މަންމާއެވެ. ދެރަނުވާށެވެ! އަހުރެމެން ދެމަފިރިންގެ ފެންވަރުން މަންމަ ބަލާނަމެވެ. އެކަނިވިއަކަ ނުދޭނަމެވެ."
މިފަދަ ޙާދިސާތައް ކުރިމަތިވަނީ މަދަކުން ނޫނެވެ. އަހުރެން މިހެން މިބުނަނީ ހުރިހާ ފިރިހެންދަރިންނާއި އެމީހުންގެ އަނބިން ގޯސްކުރާކަށް ނޫނެވެ. ހެޔޮލަފާ ޅީދަރިންވެސް ތިބެއެވެ. ނަމަވެސް މައިދައިތަގެ ބުރަ އުފުލަން ޖެހުމުން އެކަންކުރަން ކުރިމަތިލާން ބޭނުންވާ ޅީދަރިން މަދުވަމުން އަންނާތީއެވެ.
އަހުރެންގެ މިވާހަކަކޮޅުގެ އެންމެ ބޮޑު ބޭނުމަކީ ވަކި ބައަކު ކުށްވެރިކުރުމެއްވެސް ނޫނެވެ. ދަރިންގެ މެދުގައި ޖިންސަށް ބެލުމެއް ނެތި ހަމަހަމަކުރަން ބުނުމެވެ. ނޫންނަމަ ފަހުން އެކަމަށް ހިތާމަކުރަން ޖެހުން އޮންނަނީ ވަރަށް ގާތުގައި ކަމަށް ބުނުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން