އެއިރު އަހުރެންގެ މަންމަގެ ޢުމުރަކީ 60 އަހަރެވެ. އަހުރެންގެ ޢުމުރަކީ 40 އަހަރެވެ. އެއްދުވަހަކު ޒުވާން ފިރިހެނަކު ގޮވައިގެން ގެއަށް އައިސް ބުނީ އެއީ މަންމަގެ ލޯބިވެރިޔާ ކަމަށާއި މިއުޅެނީ ކައިވެނިކުރަން ކަމަށެވެ.
ލިބުނު ސިހުމާއިއެކުވެސް ކެތްތެރިވީމެވެ. ބަހެއް ނުބުނަމެވެ. ހަމައެކަނި ހިނިތުންވެލުމަކުން ނިންމައިލީއެވެ. ނަމަވެސް އެހިސާބުން ފެށިގެން އެމީހާގެ ޙަޤީޤަތް ހޯދަން މަސައްކަތް ފެށީމެވެ. ކުރި މަސައްކަތުން އެނގުނީ އެމީހާގެ ލޯބިވެރިއަކު ހުންނަކަމާއި މަންމަ ދެކެ ލޯބިވާ ކަމަށް ހެދިގެން މިއުޅެނީ ފައިސާގެ ދަހިވެތިކަމުގައި ކަމެވެ. އަދި މަންމައާއި ގުޅުން ބާއްވަމުން ގެންދަނީ ދެލޯބިވެރިން އެކަމަށް މަޝްވަރާކޮށް އެއްބަސްވެގެން ކަމެވެ.
އަހުރެންގެ ފިރިމީހާގެ އެހީގައި އެކަމުގެ ހެކި ހޯދައި ވީޑިއޯތައް ދެއްކީ އެމީހާގެ ކުރިމަތީގައެވެ. ފުރަތަމަ އެއީ ފޭކް ކަމަށް ބުނެ ދޮގުހަދަން މަސައްކަތްކުރިއެވެ. ނަމަވެސް ކައިވެނިކޮށް މަންމަގެ ތަނަވަސްކަމަށް ވެރިވެގަތުމަށްފަހު މަންމައަށް ޒަހަރުދީ މަރާލަން ނިންމައި ދައްކާފައިވާ ވާހަކަތަކުގެ އަޑުއިވުމުން މަންމައަށް ކަމުގެ ހަޤީޤަތް ވިސްނުނެވެ. ޙަޤީޤަތް ޤަބޫލުކުރެވި ރޮމުން ކޮޓަރިއަށް ވަނެވެ.
ފަހަތުން ކޮޓަރިއަށްވަދެ މަންމައަށް ހިތްވަރުދިނީމެވެ. މަންމަގެ ކަންކަން ހަމައަކަށް އެޅުނީ މަހެއްހައި ދުވަސްފަހުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާ މިކުރީ އަހުރެންގެ އެންމެ ގާތް އެކުވެރިޔާގެ މަންމައަށްވެސް ހަމަ މިފަދަ ކަމެއް ކުރިމަތިވެ ފުރާނަ ސަލާމަތްވިނަމަވެސް ވަރަށް ބަލިޙާލުގައި އުޅެންޖެހިފައިވާތީއެވެ. މިފަދަ ނުބައި މަޅިތަކުގައި ނުޖެހެން ނަޞީޙަތްތެރިވުމަށެވެ.
އަޅުގަނޑު ބުނާނީ ޢުމުރުގެ ތަފާތު ބޮޑަސް ނިކަމެތި ޙާލުގައިވާ އަންހެނަކު އޭނާގެ ބޭނުންތައް ފުދޭނަމަ މުސްކުޅި ފިރިއަކާއިއެކު ފުދިގެން އިންނަން ހިތްވަރުކޮސްފާނެއެވެ. އެކަމަކު އެހައި ޒުވާން ފިރިހެނުން މުސްކުޅި އަންހެނަކާއިއެކު އުޅުމަކީ ވިސްނަންޖެހޭނެ ކަމެކެވެ. ސަބަބަކީ އަންހެނެއްގެ ޢުމުރުން އެހައި ދުވަސްވުމުން ހަށިގަނޑަށް ބަދަލުތައް އައިސް ޒުވާނުން އެންމެ ބޮޑަށް ބޭނުންވާނެ އުފާވެރިކަން ހޯދައިނުދެވޭނެތީއެވެ. އެޙާލަތުގައި ކެތްތެރިވާނީ ހާހަކުން ޒުވާނަކުކަމަށްވާތީއެވެ.
މިއީ އަޅުގަނޑުގެ ވިސްނުމެވެ. ޤަބޫލުކުރަން ބޭނުންވާ މީހަކު ޤަބޫލުކުރާށެވެ!
- ޒައިނަމް / މިއަދު ނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ