ބައެއް މީހުން ކުރަންޖެހޭ އަޅުކަން ނުކޮށްވެސް އާމްދަނީ އިތުރުކުރަން މަސައްކަތްކުރެއެވެ. އަނެއް ބައަކު ފަރުޟް އަދާކޮށްފައި ސުންނަތް ނުކޮށް ތިބެގެން މަސައްކަތްކުރެއެވެ. ވަޤުތުނުވަތީއެވެ. ކޮންމެއަކަސް މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. މިބުނަނީ ތިމާއަށް އެންމެ ފައިދާހުރި ގޮތާއިމެދު ވިސްނާލަން މަސައްކަތްކުރަންޖެހޭނެ ވާހަކައެވެ.
ބައެއް މައިންބަފައިންގެ ގާތުގައި އެމީހުން އެހައި ބުރަކޮށް މަސައްކަތްކުރަނީ ކީއްކުރަންތޯ ސުވާލުކުރުމުން ދޭޖަވާބަކީ އެމީހުންގެ ދަރިން ބޮޑެތިވުމުން މިވެނި އެވެނިކަންކަން އެކުދިންނަށް ކޮށްދޭން ބޭނުންވާތީ ކަމަށެވެ. އެހެންވެ ފައިސާ ރައްކާކުރާތީ އެމީހުން ބޭނުންކުރަނީ ވަރަށް މަދުމިންވަރެއް ކަމަށެވެ.
ބުނަންހެއްޔެވެ؟ ލިބޭ މިންވަރަކުން ކޮންމެވެސް އެއްޗެއް ފަހަށް ރައްކައު ނުކުރާކަށް ނުބުނަމެވެ. އެކަމަކު ޢަމަލުތިއަކުރެވެނީ އެންމެ ރަނގަޅަކަށް ނޫނެވެ. ވިސްނިގެން ތިއައުޅެނީ ﷲ ތަޢާލާ ތިބާއަށް ދަރިން ދެއްވެވީ ނިކަމެތި ޙާލުގައި ދޫކޮށްލައްވަވަން ކަމަށްހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ.
ވެގެން ތިއައުޅޭ ގޮތަކީ ދަރިފުޅުބޮޑުވެ ދިރިއުޅެންޖެހޭނެ ފެންވަރަކީ މިވެނި މީހާގެ ދަރިފުޅު ދިރިއުޅޭ ފެންވަރުކަމަށް ޤަބޫލުކުރެވެނީއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެކަން އެހެން ނުކުރާށެވެ. އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކުން ތިމާގެ ކަންކަން މިނައި ހިސާބުކުރަން ނުއުޅޭށެވެ. އެގޮތަށް ހިސާބުކުރާނަމަ ދުވަހަކުވެސް ﷲ ތަޢާލާއަށް ޝުކުރުވެރިއެއް ނުވެވޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ މަދުވެގެންނެވެ. ނަމަވެސް ތިމާއަށް މަދުން ނިޢުމަތްތައް ދެއްވަވާފައިވާ މީހުންނަށް ބެލޭނަމަ އަބަދުވެސް ހުރެވޭނީ ޝުކުރުވެރިވުން މަތީގައެވެ.
ވީމާ ﷲ ތަޢާލާ ދެއްވަވާ މިންވަރުން މައިންބަފައިންވެސް އުފަލުގައި ދިރިއުޅޭށެވެ. ދަރިން ބޮޑެތިވެ އެމީހުން ދިރިއުޅޭނެ ފެންވަރާއިމެދު ކަންބޮޑުވެ، މައިން ބަފައިން ދަތިޙާލުގައި އުޅުމެއް ނެތެވެ. ދަރިންވެސް ދުނިޔެއަށް ފޮނުއްވަވާފައިވަނީ އެކުދިންނަށް ދެއްވަވާނެ ނިޢުމަތްތަކާއިވެސް އެކުގައެވެ. ކޮނެގެންވިޔަސް އެނިޢުމަތްތައް ލިބިގަންނަން މަސައްކަތްކުރުމަކީ ދަރިން ކުރަންޖެހޭނެ ކަމެވެ. އެކަންވެސް ކުރަން މައިންބަފައި އުޅުމެއް ނެތެވެ. އުޅޭނަމަ އެކަމުން ކުދިންނަށް ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން