ވަކިމީހަކު ބޭނުންވެ ތިބާއަށް ﷲ ތަޢާލާ ދެއްވަވަން އޮތް މާރަނގަޅު ބައިވެރިޔާ ލިބުމުގެ ފުރުޞަތު ނަގާލަން ހެޔޮނުވާނެ! އެއީ ބަލާލަން ރީއްޗަސް އެތެރެ ވަރަށް ނުބައި މީހަކަށްވެސް ވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ވަކިމީހަކު ބޭނުންވެ ތިބާއަށް ﷲ ތަޢާލާ ދެއްވަވަން އޮތް މާރަނގަޅު ބައިވެރިޔާ ލިބުމުގެ ފުރުޞަތު ނަގާލަން ހެޔޮނުވާނެ! އެއީ ބަލާލަން ރީއްޗަސް އެތެރެ ވަރަށް ނުބައި މީހަކަށްވެސް ވެދާނެ!

ތިމާއަށް އެމީހަކު ދެކެ ލޯބިވެވޭ މީހާ ނުލިބުމަކީ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަންތަކެވެ. އެކަމުގެ ހިތާމައިގާ މުޅި ޢުމުރު ހޭދަކުރާ މީހުންވެސް އުޅެއެވެ. ވީމާ ދަސްކުރަންޖެހޭ ފިލާވަޅުތައް އެބަހުއްޓެވެ. 

އެންމެންނަށްވެސް މިވަނީ މައްސަލަތައް ކުރިމަތިވެ ފުނިޖެހިފައެވެ. ޞިއްޙީ މައްސަލަތަކާއި މާލީ ދަތިކަމާއި ދިރިއުޅޭނެ ތަނެއް ނެތުމާއި ވަޒީފާ ނުލިބުމާއި ލިބުނު ވަޒީފާއިން ލިބޭ އާމްދަނީ މަދުކަމުން ނުފުދުން ފަދަ އެތައް ބައިވަރު މައްސަލަތަކެކެވެ. 

މިފަދަ އެތައް ބައިވަރު މައްސަލަތަކެއް ކުރިމަތިވެފައިވާއިރުވެސް އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ އެދޭ ބައިވެރިޔާ ނުލިބުމެވެ. "މިހައި ގިނައިން ދުޢާކޮށްފީމެވެ. އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވަމެވެ. މިހައި ގިނައިން އަޅުކަންކުރަމެވެ. މިހައި ގިނައިން ދުޢާކުރާއިރުވެސް ޢިޖާބައެއް ނުކުރައްވަވައެވެ. ނުވަތަ ބޭނުންވާ ބައިވެރިޔާ ލިބުނީ އެހެން މީހަކަށެވެ." މިފަދަ ޝަކުވާތަކެވެ. ހަމައެކަނި ޝަކުވާކުރަނީއެއްވެސް ނޫނެވެ. މާޔޫސްވެ އަޅުކަންކުރުމާއި ދުރުހެލިވެސްވަނީއެވެ. 

އަބަދުވެސް ބުނާ ފަދައިން މިރޭވެސް ބުނަން އޮތީ އެދޭ ބައިވެރިޔާ ނުދެއްވަވައިފިނަމަ އެއީ ތިބާއަށް އޮތް ރަނގަޅަކަށް ކަމުގައި ނޫނީ ނުވާނެކަން ޔަޤީންކުރާށެވެ! އޭނާ ދެއްވެވިނަމަ އޭނާގެ ސަބަބުން ތިބާއަށް ލިބޭނެ ބޮޑު ހިތާމައަކުން ސަލާމަތްކުރެއްވެވީކަން ވެސް ޔަޤީންކުރާށެވެ!

އަހަރެމެންނަށް މީހުން ދެކެ ލޯބި މިވެވެނީ އެމިހުންގެ ބޭރުފުށަށް ބަލައިގެންނެވެ. އެތެރޭގައިވާ ކަންކަން ނުވަތަ ފަހުންވާނެ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ދެއްވެވުން ލަސްކުރައްވަވާނީވެސް އަދި ނުދެއްވަވާނީވެސް ހަމަ ތިބާއަށް ރަނގަޅަކަށެވެ. އަދި ބައެއް ހާލަތްތަކުގައި ކުރިން ނުދެއްވަވައި ފަހުން ދެއްވެވުމުން މާއުފާވެރި ޙަޔާތެއްވެސް ލިބިފައި އެބަހުއްޓެވެ!

ކުރިން މިބުނި ފަދަ ނުބައި ވިސްނުންތަކުން ސަލާމަތްވެހުރެވޭނީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކުރާ މީހަކަށެވެ. ވަކީލްކުރާ މީހަކަށެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށް ވަކީލުކުރާ އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރުނުކުރައްވަވާނެކަން ޔަޤީންކުރާށެވެ! ތިބާ ބޭނުންވި ގޮތަސް އިރާދަ ނުކުރައްވަވައިފާނެތެވެ. ނަމަވެސް އިރާދަކުރައްވަވާނީ ތިބާއަށް އެންމެ ފައިޑާހުރި ގޮތެވެ! އިން ޝާ ﷲ

 

 

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން